ކުރިއަށް އޮތް އިންޑިއާގެ އާންމު އިންތިޚާބުގެ ކެމްޕެއިންގައި ސިޔާސީ ޕާޓީތަކުން ކުރާ ކެމެޕެއިންގައި އިންޑިއާގެ އަސްކަރިއްޔާގެ ފޮޓޯ ބޭނުން ނުކުރުމަށް އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުން ޕާޓީތަކަށް އަންގައިފިއެވެ.
ކަޝްމީރުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި ސިޔާސީ ޕާޓީތަކުން ހާލަތުގެ ނާޖާއިޒު ފައިދާ ނަގާނެ ކަމަށް ބަލައި އިންޑިއާގެ އިލެކްޝަން ކޮމިޝަނުން އެ ޤައުމުގެ ސިޔާސީ ޕާޓީތަކަށް މިފަދަ އެންގުމެއް އަންގާފައިވާއިރު، އެ ކޮމިޝަނުން ވަނީ ބަލައި ނުގަނެވޭނެ ކެމްޕެއިން ޕޯސްޓަރެއްގެ މިސާލެއްގެ ގޮތުގައި ވެރިކަންކުރާ ބަހާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން މިހާރު ބޭނުންކުރަމުންދާ ކެމެޕެއިން ޕޯސްޓަރެއްގެ ނަކަލު މި އެންގުމާއިއެކު ހިމަނާފައެވެ.
އިލެކްޝަން ކޮމިޝަނުން ހިމަނާފައިވާ ބީޖޭޕީގެ ކެމްޕެއިން ޕޯސްޓަރުގައި އެ ޕާޓީން ވަނީ ޕާކިސްތާނުން ރަހީނުކުރުމަށް ފަހު މިނިވަންކުރި އިންޑިއާގެ ޕައިލެޓު، ވިންގ ކޮމާންޑަރ އަބިނަންދަން ވަރްތަމަންގެ ފޮޓޯ ހިމަނާފައެވެ.
އިލެކްޝަން ކޮމިޝަންގެ އެންގުމުގައި ވަނީ ޒަމާނީ ޑިމޮކްރަސީއެއްގައި އަސްކަރިއްޔާއަކީ ސިޔާސީ އަދި އެހެނިހެން ގޮތްގޮތުން ވަކި ފަރާތަކަށް ނުޖެހޭ ސްޓޭކްހޯލްޑަރެއް ކަމަށާއި، އެހެންކަމުން ސިޔާސީ ކެމްޕެއިންތަކުގައި އަސްކަރިއްޔާ ރަމްޒު ކުރުމާއި، ސިފައިންގެ ފޮޓޯ ބޭނުންކުރުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ޕާޓީތަކަށް އެންގި މި އެންގުމުގައި، ސިޔާސީ ކަންކަމުގައި އަސްކަރިއްޔާ ރަމްޒުވާގޮތަށް ކަންކަން ކުރުމަކީ 2013 ވަނަ އަހަރުވެސް އެ ކޮމިޝަނުން މަނާކޮށްފައިވާ ކަމެއްކަން ހަނދާންކޮށްދީފައެވެ. އަދި މި އެންގުމަށް ތަބާނުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.