ކ. މާލެ
|
18 މާރޗް 2019 | ހޯމަ 10:46
ޖެނޯއާ އަދި ޔުވަންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން
ޖެނޯއާ އަދި ޔުވަންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
އިޓާލިއަން ލީގު
އިޓާލިއަން ލީގު: ޔުވަންޓަސް ބަލިވިއިރު، އިންޓަ އަތުން އޭސީ މިލާން ބަލިވެއްޖެ
ޖެނޯއާ ވާދަކޮށް ޔުވަންޓަސް މޮޅުވީ 0-2 ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގައި ޔުވަންޓަސް ބަލިވިއިރު، އިންޓަ މިލާން އަތުން އޭސީ މިލާން ބަލިވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޔުވަންޓަސް ބަލިވީ ޖެނޯއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

ޖެނޯއާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ޖެނޯއާއިންނެވެ. އެގޮތުން އެޓީމުން ވަނީ ގިނަ ހަމަލާތަކެއް ޔުވަންޓަސްގެ ގޯލަށް ފޮނުވާލާފައެވެ.

މުހިންމު ގިނަ ކުޅުންތެރިން ނުލާ ޔުވަންޓަސް ކުޅުނު މި މެޗުގެ މި ހާފްގައި އެޓީމުގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އަދި ލަނޑު ޖެހުމަށްވެސް މާ ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ލިބިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފް ދެޓީމުންކުރެ ޓީމަކަށްވެސް ލަނޑެއް ނުޖެހި އެއްވަރުވިއިރު، ދެވަނަ ހާފް ފެށިގެން ޖެނޯއާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 72 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓޫރާރޯއެވެ.

މި ހާފްގައިވެސް ޔުވަންޓަސްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެންނުދާއިރު، ލަނޑު ޖެހުމަށްވެސް މާ އެދެވޭ ފުރުސަތުތަކެއް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެއެވެ.

ޖެނޯއާއިން މެޗުގެ ލީޑު ފުޅާކުރީ 81 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕަންޑޭވްއެވެ.

މި ނަތީޖާއާއެކު ޔުވަންޓަސް އޮތީ ކުޅުނު 28 މެޗުން ލިބުނު 75 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން މޮޅުވި ޖެނޯއާ އޮތީ ކުޅުނު 28 މެޗުން ލިބުނު 33 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 12 ވަނައިގައެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އިންޓަ މޮޅުވީ އޭސީ މިލާންއާ ވާދަކޮށް 2-3 ގެ ނަތީޖާއަކުންނެވެ.

އޭސީ މިލާން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ތިންވަނަ މިނެޓުގައި އިންޓައިން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވެސީނޯއެވެ.

މި ލަނޑަށްފަހުވެސް އިންޓައަށް ވަނީ ލީޑު ފުޅާކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި މި ހާފްގައި އޭސީ މިލާނަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފް ފެށިގެން އިންޓައިން ވަނީ ލީޑު ފުޅާކޮށްފައެވެ. ނަމަވެސް 57 ވަނަ މިނެޓުގައި އޭސީ މިލާނުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަކަޔޯކޯއެވެ.

އިންޓައިން ދެވަނަ ފަހަރަށް ލީޑު ފުޅާކުރީ 69 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ލައުޓާރޯ މާޓިނޭޒްއެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން އޭސީ މިލާނުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުސާޗިއޯއެވެ.

މި ނަތީޖާއާއެކު އިންޓަ އޮތީ ކުޅުނު 28 މެޗުން ލިބުނު 53 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި އޭސީ މިލާން އޮތީ ކުޅުނު 28 މެޗުން ލިބުނު 51 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް