ނިއުޒިލޭންޑްގެ ކްރައިޓްޗަރޗްގެ ދެ މިސްކިތެއްގައި ހުކުރު ނަމާދު ކުރަން ތިބި މީހުންގެ ތެރެއަށް ބަޑިޖަހައި، 50 މީހުން ޝަހީދުކޮށްލި ދޮން ނަސްލުގެ ހަރުކަށި ފިކުރުގެ ޓެރަރިސްޓް، ބްރެންޓަން ޓެރަންޓް، އޭނާގެ ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފިއެވެ.
ޓެރަންޓް އޭނާގެ ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމިކަން ހާމަކުރީ ކްރައިޓްޗަރޗް ޑިސްޓްރިކްޓް ކޯޓުން އޭނާއަށް ކަނޑައަޅާފައިވާ ޑިއުޓީ ލޯޔަރު، ރިޗަރޑް ޕީޓަރޒްއެވެ. ހޮނިހިރު ދުވަހު ކުރިއަށްދިޔަ މި މައްސަލައިގެ އިބްތިދާއި އަޑުއެހުމާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެމުން އާދީއްތަ ދުވަހުގެރޭ ޕީޓަރޒް ބުނީ، މި މައްސަލައިގައި ވަކީލެއްގެ އެހީ ބޭނުން ނުވާ ކަމަށާއި، މައްސަލައިގައި ވަކާލާތުކުރާނީ އަމިއްލައަށް ކަމަށް އުމުރުން 28 އަހަރުގެ ޓެރަންޓް ބުނެފައިވާ ކަމަށެވެ. ޓެރަންޓްގެ މައްޗަށް މިހާތަނަށް އުފުލާފައި ވަނީ މީހަކު މެރި ކަމުގެ އެއް ދައުވާއެވެ.
ޓެރަންޓަކީ ބުއްދި ހަމަނުޖެހޭ މީހެއް ކަމަށް ދެއްކުމަށް އޭނާ މަސައްކަތް ކުރި ނަމަވެސް، އޭނާގެ ފަރާތުން ފެންނަނީ ބުއްދި ހަމަޖެހޭ، އަދި ކުރެވުނު ކުށުގެ ބޮޑުކަން ފަހުމުވާ މީހެއްގެ ފަރާތުން ފެންނާނެ ސިފަތައް ކަމަށް ޕީޓަރޒް ވަނީ ބުނެފައެވެ. ޓެރަންޓް ވަނީ އޭނާ މި އަނިޔާވެރި ހަމަލާ ދިން ވަގުތު އެ މުޅި ހަމަލާ ފޭސްބުކް މެދުވެރިކޮށް ލައިވް ސްޓްރީމް ވެސް ކޮށްފައެވެ. އަދި ހަމަލާދޭން ފެށުމުގެ ކުރިން އޭނާ ވަނީ ވީޑިއޯގައި އޭނާގެ މޫނު ވެސް ދައްކާފައެވެ.
މި ހަމަލާގައި މިހާތަނަށް އެކި ޤައުމުތަކަށް ނިސްވަތްވާ 50 މީހުން ޝަހީދުވެފައިވާއިރު، ހަމަލާގައި އަނިޔާވި 38 މީހަކަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ސީރިއަސް ހާލުގައި ތިބި 11 މީހުންން ވެސް ހިމެނެއެވެ.