Advertisement
ކ. މާލެ
|
18 މާރޗް 2019 | ހޯމަ 10:13
ޝެއިޚް އިމްރާން ރައީސް ނަޝީދާ އެކު
ޝެއިޚް އިމްރާން ރައީސް ނަޝީދާ އެކު
މުހައްމަދު ޝަރުހާން
ޝެއިހް އިމްރާން އަބްދުﷲ
2015 ގައި ކުރިމަތިވި ހާލަތަށް އެނބުރި ނުދިއުމަށް ބޮޑު ވިސްނުމަކުން ވިސްނަން ޖެހޭ: ޝެއިޚް އިމްރާން
އެތައް ރައްޔިތުންނަކަށް ނުހައްގުން އަނިޔާ ލިބުނު
ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދޭންޖެހޭ

ރައްޔިތުންނަށް ކުރިމަތިވެގެން އައިސްދާނެ ނިކަމެތިކަމަކުން ސަލާމަތްކުރުމަށް 2015 ގައި ކުރިމަތިވި ހާލަތަށް އެނބުރި ނުދިއުމަށް ބޮޑު ވިސްނުމަކުން ވިސްނަން ޖެހޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި މިނިސްޓަރު އިމްރާން ވިދާޅުވީ މިއަދު ވެސް 2015 ގެ މަންޒަރުތައް ލޯމަތިން ފެނިގެންދާ ކަމަށާއި، އެ ދުވަހު ރައްޔިތުން އުފުލަމުންދިޔަ ވޭންތައް ސިފަކުރެވޭ ކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އަނިޔާވެރި ގޮތުގައި ރައީސް ނަޝީދު ޖަލަށް ލެވިގެންދިޔަ ދިއުމަކީ އެތައް ރައްޔިތުންނަށް އެކަމުގެ ދެރަނިކަމެތިކަން ލިބިގެން ދިޔަ ކަމެއް ކަމަށާއި، އޭރު ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އަދާލަތު ޕާޓީ އޮތުމަށް ފަހު ފެޔަށް ޖެހުނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިމަށް ކަމަށެވެ.

އެތަކެއް ރައްޔިތުންނަކަށް ނުހައްގު އަނިޔާވެރިކަމާ ކުރިމަތިލާންޖެހުނުކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ ރައްޔިތުންނަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށް ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ ޖަލުގެ ތެރެއިން ބޮޑެތި ވޭންތަކާއި ކެކުޅުން ތަހައްމަލް ކުރަންޖެހުން ކަމަށެވެ. 

"އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ޖަލުގެ ގޮޅިތަކުގަ އަނިޔާ ލިބިގެންދިޔަ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލިގެންދިޔަ. ކޮންމެއަކަސް އެކުގައި ކުރެވުނު މަސައްކަތުގެ ނަތީޖާ އަކަށް ވެގެންދިޔައީ ﷲ ރަހުމަތްފުޅާ އެކު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އަޅުގަނޑުމެން އެކުގަ ނުކުމެ ކާމިޔާބު ކުރުން،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ރައްޔިތުންނަށްޓަކައި ފެށި މަސައްކަތް ރިޔާސީ އިންތިޚާބަށް ފަހު ނިމުނީ ނޫން ކަމަށާއި، ކުރިއަށް އޮތް އިންތިޚާބަށް އެކުގަ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދެން އޮތީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރިއަށް އޮތް ދުވަސްތަކުގަ ރައްޔިތުންނަށްޓަކައި ފޯރުކޮށްދޭންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. ރައްޔިތުން 2015 ގެ ހާލަތަށް އެބެރި ނުދުމަށް ބޮޑު ވިސްނުމެއް ގެންގުޅެންޖެހޭ. ރައްޔިތުންނަށް ކުރިމަތިވެގެން އައިސްދާނެ ނިކަމެތިކަމަކުން ރައްޔިތުން ސަލާމަތް ކުރަންޖެހޭ،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ރައްޔިތުންނަށް ހައްގުވާ މިންވަރު ރައްޔިތުންނަށް ހޯދައިދޭންޖެހޭ ކަމަށާއި، ހައްގު މިންވަރު ހޯދޭނީ ވެސް މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ ސަރުކާރަށް ލިބިގެން ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް