Advertisement
ކ. މާލެ
|
17 މާރޗް 2019 | އާދީއްތަ 12:38
މަނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް
މަނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް
އެމްޑީޕީ
އެޖެންޑާ 19
އިތުރު އެއާޕޯޓްތައް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ރައީސް ސޯލިހް
ގިނަ ވައުދުތައް ފުއްދިފައިވާކަން ރައީސް ސޯލިހް ފާހަގަކުރެއްވި
މާފަރު އެއާޕޯޓަކީ ފުރިހަމަ އެއާޕޯޓަކަށް ވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރު އެއާޕޯޓްތައް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. 

ނ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ކެމްޕޭނެ ދަތުރުފުޅުގެ ތެރެއިން، ނ. މަނަދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން ފުރަތަމަ 100 ދުވަހަށް ކަނޑައެޅި ވައުދުތަކުގެ ތެރެއިން ގިނަ ވައުދުތައް، ފުއްދިފައިިވާ ކަމަށް ރައީސް ސޯލިހް ވިިދާޅުވިއެވެ. 

އެގޮތުން އެމަނިކުފާނު ވަނީ ބައެއް ވައުދުތައް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމާއި، ފުރަތަމަ ޑްގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުރިހާ ދަރިވަރުންނަށް ހުޅުވާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން އަންނަ އޭޕްރީލް މަހުގެ 1 ވަނނަ ދުވަހުން ފެށިގެން މާލެއިން ކާޑުގެ ބާވަތްތައް ލިބެން ހުންނަ އަގުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ކާޑުގެ ބާވަތްތައް ލިބޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. 

އެ މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު އެއާޕޯޓްތައް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ މާފަރުގެ އެެއާޕޯޓަކީ ސަރަހައްދުގެ ތަރައްޤީއަށް ވަރަށް މުހިންމު އެއާޕޯޓެއް ކަމަށެވެ. 

މާފަރު އެއާޕޯޓްގެ މަސައްކަތަކީ ރައީސް ޔާމީންގެ ސަރުކާރުންވި އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއްބަސްވުމުގެ ދަށުން ބައެއް ކަންކަން ކުރުމަށް ސަރުކާރަށް ލާޒިމްކޮށްފައިވާ ކަމަށެވެ. އެގޮތުން އެ އެއްބަސްވުމުގައިވާ ގޮތުން އެ އެއާޕޯޓް ތަރައްޤީކުރާ ފަރާތަށް ސަރުކާރުން ރަށެއް ނުވަތަ ރަށްތަކެއްދޭންޖެހޭ ކަމަށާއި، ދޭނެ ބައެއް ރަށްތައް ވެސް އެ ސަރުކާރުން ފާހަގަކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވިއިރު، ރަށްތައް އެ ކުންފުންޏަށް ދީފައިނުވާ ކަމަށާއި، ކުންފުންޏާ އެކު ބޭއްވުނު މަޝްވަރާތަކަށް ފަހު ސަރުކާރުން ބެލިއިރު، އެ ދެ ރަށް ވެސް އޭރުގެ ސަރުކާރުން އިތުރު ކުންފުންޏަކަށް ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

"މިއަށް ހައްލު ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން މިއަދު މި ކުރިއަށްގެންދަނީ. ކޮންމެ ގޮތެއްވިޔަސް މާފަރު އެއާޕޯޓްގެ މަސައްކަތުގެ ބޮޑުބައެއް އެ ފަރަތުން ވަނީ ނިންމާފައި"

ރައީސް ވިދާޅުވީ އެ އެއާޕޯޓަކީ އޭ 380 މަރުކާގެ މަތިންދާ ބޯޓު ޖެއްސޭ ވަރުގެ ތަނަކަށް ހަދަން އެއާޕޯޓް ހަދާ ކުންފުނިން ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ސަަރުކާރު ވެސް ތައްޔާރަށް އޮތް ކަމަށާއި، އެ އެއާޕޯޓަކީ ރާއްޖޭގައި އޮތް އެންމެ ފުރިހަމަ އެއާޕޯޓަށް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ އެކަމުގައި މާފަރު ރައްޔިތުންގެ އެހީތެރި ކަމަށް ވެސް އެދިވަޑައިގެންފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް