ކ. މާލެ
|
17 މާރޗް 2019 | އާދީއްތަ 08:16
ވޮލްވްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ވޮލްވްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
އެފްއޭ ކަޕް
އެފްއޭ ކަޕް: ޔުނައިޓެޑް ކަޓުވާލައި 1998 ވަނަ އަހަރަށް ފަހު ވޮލްވްސް ސެމީއަށް
ޔުނައިޓެޑުގެ މައްޗަށް ވޮލްވްސް ކުރި ހޯދީ 1-2 ގެ ނަތީޖާއަކުން

އެފްއޭ ކަޕްގައި މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލައި، 1998 ވަނަ އަހަރަށް ފަހު ވޮލްވްސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ޔުނައިޓެޑާ ވާދަކޮށް ވޮލްވްސް އިން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ވޮލްވްސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ލަނޑު ޖެހުމަށް ދެ ޓީމަށް ވެސް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފްގައި ދެޓީމުގެ ގޯލު ކީޕަރުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކައި، ގިނަ ސޭވްތަކެއް ކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފް ނިމުނީ ވެސް 0-0 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވޮލްވްސްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށް އެ ޓީމުން ދިޔައީ ފުރުސަތުތައް ތަނަވަސްކުރަމުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ވޮލްވްސްއިންނެވެ. މި ލަނޑު 71 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖިމެނޭޒްއެވެ. އޭގެ ފަސް މިނެޓު ފަހުން ޑިއެގޯ ޖޮޓާ ވަނީ ވޮލްވްސްއަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގައި ޔުނައިޓެޑުގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކުރީ ލޫކް ޝޯވްގެ އެހީތެރިކަމާ އެކު މާކަސް ރަޝްފޯޑްއެވެ. މެޗުގެ ފަހު ވަގުތުގައި ޔުނައިޓެޑުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައެވެ.

މިއީ 1998 ވަނަ އަހަރަށް ފަހު ވޮލްވްސް އެފްއޭކަޕްގެ ސެމީން ޖާގަ ހޯދި ފުރަތަމަ ފަހަރަށްވާއިރު، އެޓީމު ވަނީ ހަތަރު ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި ހަތަރު ފަހަރެއްގެ މަތިން އެ ޓީމު ވަނީ މުބާރާތުގެ ދެވަނަ ހޯދާފައެވެ.

ޖުމްލަ 12 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފައިވާ ޔުނައިޓެޑަށް އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރެވުނީ 2015 ވަނަ އަހަރުގެ ސީޒަނުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް