ކ. މާލެ
|
15 މާރޗް 2019 | ހުކުރު 19:10
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
މަގޭ ރިޕޯޓު
ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
ގާސިމާ ނިންމެވުމާ ހުރެ، ޕާޓީގައި ވަނީ ހިޔާލު ދެކަފިވެފައި
ޖޭޕީއަށް ލިބެން ހުރި ވޯޓު ވެސް ގެއްލޭނެ

ބަޔަކު ގޯހެއް ހެދީތީ، ދެން ތިބި މީހުން އެއަށް ވުރެ ބޮޑު ގޯހެއް ހަދަންޖެހޭ ހެއްޔެވެ؟ ފާފައަކަށް މީހަކު އެރީތީ، ދެން ތިބި މީހުން އެ މަގުން ހިނގަންޖެހޭ ހެއްޔެވެ؟ ވަރިހަމަވެގެން، ގޮތެއް ނެތިގެން، ހުއްޖަތުތަކެއް ދައްކައިގެން، އަނިޔާވެރިންނަށް މަދަދުވެރިވާކަން ނުޖެހެއެވެ. ގާސިމް އިބްރާހިމް މިއަދު އެ ނުކުންނެވީ ފަސާދަ އާއި އަނިޔާވެރި ކަމަށް ބާރު އަޅައި، ގާނޫނުތައް ހެދި މީހުންގެ ދިފާއުގައެވެ. ދުސްރޫރީ ނިޒާމު ފުޑުފުޑުކޮށްލައި، ގާނޫނުއަސާސީގެ ބާރު ކަނޑުވާލި ދުވަސް ހަނދާންނެތޭހާ ދުވަހެއް އަދި ނުވެއެވެ.

ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓުންނަށް ގާސިމް ތާއިދު ކުރެއްވުމަކީ ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކުގައި ކޮޅުފައިން ޖެހުމެވެ. ގާސިމްގެ އެ އަމަލު ވެގެންދާނީ ކޮރަޕްޝަނާއި ފަސާދަ ފޮހެލުމަށް ރައީސް ސޯލިހު ފައްޓަވާފައިވާ މަސައްކަތަށް ހުރަސް އެޅުން ކަމުގައެވެ. ސަބަބަކީ ހިޔާނާތުގައި ޖެހިފައިވާ މެމްބަރުން، އަލުން މަޖިލީހަށް އިންތިހާބު ކޮށްފިނަމަ، ގާނޫނީ ނިޒާމަށް ބޭނުންވެފައިވާ މުހިއްމު ބިލުތައް އަނެއްކާވެސް ފާސްނުވެ، މަޖިލީހުގައި ތާށިވާނީއެވެ. ބަހަނާތަކާއި ޝަކުވާތަކާ އެކު ބިލުތައް މަޖިލީހުގައި މަޑުޖެހޭނީއެވެ. ފަސާދައިގެ "ހުޅުރޯ ކުރި" މީހުން، އެ މީހުން އަމިއްލައަށް އެ އަލިފާންގަނޑަށް ވެއްޓިދާނެ ބިލެއް، މަޖިލީހުން ފާސްކުރަން ޖާގައެއް ނުދޭނެއެވެ. މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފެންނަނީ އެ މަންޒަރެވެ.

އެ ސަބަބާ ހުރެ ވެސް އެފަދަ މެމްބަރުން މަޖިލީހަށް އިންތިހާބުކުރަން ފުރުސަތު ދީގެންނުވާނެއެވެ.

ނަމަވެސް ގާސިމް މިއަދު އެ ހުންނެވީ އެ ކެންޑިޑޭޓުން ގޮވައިގެން، ޔާމީންގެ ތާއިދާ އެކު 32 މެމްބަރުން މަޖިލީހަށް އިންތިހާބު ކުރުމަށް ފޫގަޅާފައެވެ.

ނަމަވެސް އިސްލާހަށް ނުކުމެ، މަސައްކަތް ކުރި މީހުންނަށް އެއީ ހަޖަމް ކުރެވޭނެ ކަމަކަށް ވާނެތޯއެވެ؟ އަނބިދަރިންނާއި އާއިލާ ދޫކޮށް، ތޭރިތަކުގެ ފުރަގަހުގައި އެތައް ބަޔަކު ވީ ގުރުބާނީ ހަނދާންނެތުނީތޯއެވެ؟ އިސްލާހީ މަސައްކަތުގައި އުޅެނިކޮށް، ފުރާނަ ދިޔަ މީހުންގެ އާއިލާތަކުން ގާސިމަށް ހިތްހަލާސް ކުރާނެތޯއެވެ؟

ގާސިމް، ޔާމީނާ ބައިއަތު ހިތްޕެވުމުން، ޖޭޕީ އެ ވަނީ ދެކަފިވެ، ރެނދުލާފައެވެ. ޕާޓީގެ ކައުންސިލް މެމްބަރުންގެ މެދުގައި އެ ވަނީ ހިޔާލުތަފާތުވުން ބޮޑުވެފައެވެ. ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ ފަސް ވަޒީރުންގެ ތެރެއިން ތިން ވަޒީރުން އެ ތިއްބެވީ ގާސިމްގެ ނިންމެވުމާ ދެކޮޅަށެވެ. އެ ޕާޓީގެ ފަރާތުން ނައިބު ރައީސް ކަމަށް ވަޑައިގެންނެވި، ފައިސަލް ނަސީމު ވެސް އެ ވަނީ ގާސިމްގެ ނިންމެވުމަށް ދެކޮޅު ހައްދަވާފައެވެ. ފާޅުގައި އެ ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމުގެ މަސައްކަތުގައި ނުކުންނަވާފައެވެ. ޕާޓީ ލީޑާޝިޕްގެ ލެވެލްގައި ގާސިމްގެ ނިންމެވުމަށް ދެކޮޅު ހަދަމުންދާއިރު، އާންމު މެމްބަރުން ތިއްބޭނެ ގޮތް ވިސްނަވާށެވެ.

ގާސިމަށް ޕާޓީގެ ތެރެއިން އޮތް ލޯތްބާއި ކުލުނު ވެސް އެ ދަނީ ގެއްލެމުންނެވެ. މަޖިލިސް އިންތިހާބުގައި އެ ޕާޓީއަށް ލިބެން ހުރި ވޯޓު ވެސް ދެން ދާނީ ގެއްލިގެންނެވެ. ޔާމީނާ އެކު ގާސިމް ހުންނެވިކަން އެނގުނު ހިސާބުން ޖޭޕީގެ ބައެއް އާންމު މެމްބަރުން ވެސް، ޖޭޕީގެ ކެންޑިޑޭޓުންނަށް ދެން ވޯޓު ނުދޭނެއެވެ. އަނިޔާވެރިކަންނަށް މަދަދުވެރިވާން އެކަކުވެސް ނޭދޭނެއެވެ. ހުދު ގާސިމްގެ އަނބިކަނބަލުން ވެސް އެ ވަނީ އެކަން ސާބިތުކޮށްދެއްވާފައެވެ.

ޔާމީނާ އެކު، ގާސިމް އެ ކުރައްވާ މަސައްކަތުގެ ސަބަބުން ގެއްލުން ވާނީ އެމަނިކުފާނަށެވެ. ފަހު ވަގުތު ގިނިކަންނާ ހުންނަވަން ޖެހިވަޑައިގަންނަވާނީ އެމަނިކުފާނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
15 މާރޗް 2019 | ހުކުރު 17:21
laamin
Mi Hama huriha athakah enburey burumaeh