ސާފް ވިމެން ޗެމްޕިއަންޝިޕްގައި ސްރީލަންކާ އަތުން ބަލިވެ، ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.
ނޭޕާލުގެ ސަހީދު ރަންގްސާލާ ސްޓޭޑިއަމްގައި ކުޅުނު މެޗު ސްރީލަންކާ ކާމިޔާބު ކުރީ ރާއްޖެ އާއި ވާދަކޮށް 0-2 ލަނޑުންނެވެ.
މެޗު ފެށިގެން ޑިފެންސިވް ކުޅުމެއް ރާއްޖެ ޓީމުގެ ފަރާތުން ފެނިގެންދިޔައިރު ލަންކާ ޓީމުން ވަނީ ރަނގަޅު ހަމަލާތަކެއް ރާއްޖޭގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު 40 ވަނަ މިނެޓުގައި ކާމިޔާބުކޮށް ސްރީލަންކާ ވަނީ ލީޑް ނަގާފައެވެ.
ރާއްޖޭގެ މުހިންމު ދެ ޑިފެންޑަރުންނަށް އަނިޔާވެފައިވާތީ މުބާރާތުގައި ރާއްޖެ ޓީމް ކުޅެމުން އަންނަނީ ކުރިއަށް ކުޅޭ މުހިންމު ކުޅުންތެރިންތަކެއް ޑިފެންސްލައިނަށް ލައިގެންނެވެ. އެގޮތުން ކެޕްޓަން ފަދުވާ ޒާހިރުވެސް ހުކުރު ދުވަހުގެ މެޗު ކުޅެފައިވަނީ ފަހަތަށް ފައިބައިގެންނެވެ.
ފަހަތަށް ފައިބައިގެން ކުޅުން ނަމަވެސް ފަދުވާގެ ފަރާތުން ރަނގަޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔައެވެ. ފުރަތަމަ ހާފްގައި ފަދުވާ ވަނީ ލަންކާގެ ގޯލަށް އަމާޒުކޮށް ރަނގަޅު ހަމަލާއެއް ފޮނުވާލާފައެވެ. އެހެންނަމަވެސް މި ހަމަލާ ލަންކާ ކީޕަރު ވަނީ މަތަކޮށްފައެވެ.
ފުރަތަމަ ހާފްގައި ރާއްޖެ ޓީމުން ހަމަލާތަކެއް އުފައްދާފައި ނުވި ނަމަވެސް ދެވަނަ ހާފް ފެށިގެން ރާއްޖެ ވަނީ މެޗުން މޮޅުވުމަށްޓަކައި ގިނަ މަސައްކަތް ތަކެއްކޮށްފައެވެ.
ދެވަނަ ހާފްގައި ލަންކާއިން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑް އިތުރަށް ފުޅާ ކުރިއެވެ.
މުބާރާތަށް ފުރުމުގެ ކުރިން ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗް މުހައްމަދު އާތިފްއެންމެ ބުނެފައިވަނީ އެންމެ ފަހުން އޮތް ސާފް މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ސެނމީ ފައިނަލުގައި ކުޅެފައިވުމުން މިފަހަރުގެ އަމާޒަކީ ފައިނަލުގައި ކުޅެލުން ކަމަށެވެ. އެހެން ނަމަވެސް މި ފަހަރުގެ އަމާޒަށް ވާސިލް ނުވެވުނީ ފަހު ވަގުތުގައި ޓީމަށް އަނިޔާގެ މައްސަލަ ދިމާވެ، ޓީމް ބަލިކަށިވުމުން ކަމަށް ކޯޗް ވަނީ ލަންކާ އާއި ވާދަ ކުރި މެޗަށްފަހު ބުނެފައެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އިންޑިއާ އަތުން ރާއްޖެ ބަލިވީ 0-6 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.
ކޮރެއާގައި 2014 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި އިންޑިއާ އިން ރާއްޖެ ކޮޅަށް 15 ލަނޑު ޖެހި އިރު، 2016 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ވަނީ 0-0 ގެ ނަތީޖާއިން އިންޑިއާއާ އެއްވަރުކޮށްފައެވެ.