ވުމަންސް ސުޕަރ ލީގުގައި ބުދަ ދުވަހު ކުޅުނު މެޗު މެންޗެސްޓަރ ސިޓީ ކާމިޔާބު ކޮށްފިއެވެ.
މެންޗެސްޓަރ ސިޓީ މެޗު ކާމިޔާބު ކުރީ ރީޑިން އެފްސީ ވުމަން އާއި ވާދަކޮށް 3-4 ލަނޑުންނެވެ.
މެޗު ފެށިގެން ރީޑިން ވުމަން އެފްސީގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑް ނެގީ ވެސް އެ ޓީމުންނެވެ.
މެޗުގެ ތިންވަނަ މިނެޓުގައި ރީޑިން ވުމަން އެފްސީގެ ބްރޫކް ޗެޕްލިން ކާމިޔާބު ކޮށްދިން ލަނޑާއެކު އެ ޓީމު ލީޑުގައި އޮތް ނަމަވެސް މެންޗެސްޓަރ ސިޓީން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ފުރަތަމަ ލަނޑު ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކުރިއެވެ.
މެންޗެސްޓަރ ސިޓީގެ ފުރަތަމަ ލަނޑު މެޗުގެ 15 މިނެޓުގައި ކާމިޔާބު ކޮށްދިނީ ނިކިޓާ ޕެރިސްއެވެ.
މި ލަނޑާއެކު މެންޗެސްޓަރގެ ކުޅުން ރަނގަޅުކޮށް ވަރުގަދަ ހަމަލާތަކެއް ރޯޑިން އެފްސީގެ ގޯލަށް އަމާޒުކޮށް ވަނީ ފޮނުވާލާފައެވެ.
ނަތީޖާއެއްގެ ގޮތުން މެޗުގެ 36 ވަނަ މިނެޓުގައި ސިޓީން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑް ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ނިކިޓާ ޕެރިސްއެވެ.
ރީޑިން ވުމަން އެފްސީގެ ޑިފެންސްލައިން ފޫއަޅުވާލައި މެންޗެސްޓަރ ސިޓީގެ ނިކިޓާ ޕެރިސް އެ ޓީމަށް ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީ ހެޓްރިކް ހެދިއެވެ.
މެޗުގެ 39 ވަނަ މިނެޓުގައި ނިކިޓާ ކާމިޔާބު ކޮށްދިން ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 1-3 މެންޗެސްޓަރ ސިޓީ ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުން އައީ ރީޑިން އެފްސީންނެވެ. ދެވަނަ ހާފްގައި ވެސް ސިޓީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ނިކިޓާ ޕެރިސް ދިން ޕާހަކުން ޑެމީ ސްޓޯކްސް ވަނީ މެންޗެސްޓަރ ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީ ލީޑް ފުޅާކޮށްފައެވެ.
ސިޓީގެ ހަތަރުވަނަ ލަނޑާއެކު ރީޑިން ވުމަން އެފްސީގެ ވަނީ ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަ ކުރުމަށް މަސައްކަތް ކޮށްފައެވެ.
މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރީޑިން ވުމަން އެފްސީގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފަރާ ވިލިއަމްސްއެވެ.
މެޗުގެ ފަރަގު އެއްގޯލަށް ކުޑަކޮށް ރީޑިން ވުމަން އެފްސީން ވަނީ އެ ޓީމުފެ ތިންވަނަ ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓީ ޕިއާރސްއެވެ.
މި މޮޅާއެކު ސިޓީ ސުޕަރ ލީގުގެ ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 17 މެޗުން ލިބުނު 41 ޕޮއިންޓާއި އެއްކޮންނެވެ. މެޗުން ބަލިވި ރީޑިން ވުމަން އެފްސީ އޮތީ ކުޅުނު 15 މެޗުން ލިބުނު 18 ޕޮއިންޓާއިއެކު ތާވަލުގެ ހަތް ވަނާގައެވެ.
ތާވަލުގެ ދެވަނާގައި އާރސެނަލް ކުޅުނު 14 މެޗުން ލިބުނު 36 ޕޮއިންޓާއެކު އޮތްއިރު ޗެލްސީ އޮތީ ކުޅުނު 17 މެޗުން ލިބުނު 35 ޕޮއިންޓާއެކުއެވެ.