ނިމިދިޔަ ފެބްރުއަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 16.8 އަށް އިތުރުވެފައިވާ ކަމަށް ޓުުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިދިޔަ އަހަރާ އަޅާބަލާއިރު މިދިޔަ ފެބްރުއަރީ މަހުގައި 16.8 ޕަސެންޓުގެ ކުރިއެރުމެއް އެމިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. ފެބްރުއަރީ މަހު ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 320،135 ފަތުރުވެރިންނެވެ.
"އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން މިކުރެވޭ މަސައްކަތުން މި ދާއިރާ ކުރިއަށް ދިޔުމަކީ އުފާކުރާ ކަމެއް،" އަލީ ވަހީދު ވިދާޅުވި އެވެ.
ނިމިދިޔަ މަހު ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އައިސްފައިވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. ޔޫރަޕްގެ ގައުމުތަކުން 55 ޕަސެންޓުގެ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އެއީ 13 ޕަސެންޓުގެ ކުރިއެރުމެކެވެ. އޭޝިއާ ސަރަހައްދުން 37 ޕަސެންޓުގެ ޓޫރިސްޓުން މިދިޔަ މަހު ރާއްޖެ އައިސްފައިވާއިރު އެއީ 8.5 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި އެމެރިކާ އިން އައިސްފައިވާ ފަތުރުވެރިންގެ ނިސްބަތް ފަސް ޕަސެންޓުގައި ހުރި އިރު އެއީ 26 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރާ އަޅާ ބަލާ އިރު ޗާއިނާގެ ޓޫރިސްޓުންގެ ނިސްބަތް ތިން ޕަސެންޓަށް ދަށަށް ގޮސްފައި ވީނަމަވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން ރާއްޖެއައި ފަތުރުވެރިންގެ ނިސްބަތް 17.8 ޕަސެންޓުގައި ހުރި އިރު އިޓަލީއިން ރާއްޖެ އަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު 10.8 ޕަސެންޓަށް އަރައެވެ.
ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ(އިންޑިއާ(7.6 ޕަސެންޓް)، އިނގިރޭސިވިލާތް(7.4 ޕަސެންޓް) އަދި ޖަރުމަންވިލާތުން (6.5 ޕަސެންޓް)ގެ ކުރިއެރުމެކެވެ.