ޔޫރަޕުގެ އިއްތިހާދާ އެކު އެއްބަސްވުމެއް ނެތި އިނގިރޭސިވިލާތް އެޖަމާއަތުން ވަކިނުވުމަށް އެ ގައުމުގެ ޕާލިމަންޓުން ފާސްކޮށްފިއެވެ.
ކޮންމެ ހާލަތެއް މެދުވެރިވީ ކަމުގައިވީ ނަމަވެސް އެއްބަސްވުމެއް ނެތި ބްރެކްސިޓް ނުވާން 312 މެމްބަރުން ވޯޓު ދިން އިރު އެކަމާ ދެކޮޅަށް 308 މެމްބަރަކު ވޯޓު ދިނެވެ. ނަމަވެސް މިހާރު އޮތް ގާނުނުތަކުގެ ދަށުން އަދިވެސް އެއްވެސް އެއްބަސްވުމެއް ނެތި އިނގިރޭސިވިލާތަށް 29 މާރޗުގައި އިއްތިހާދުން ވަކިވެވޭނެއެވެ.
އިތުރު ވަގުތު ހޯދަން އިއްތިހާދުގެ ހުއްދައަށް އެދެން ބޭނުންވޭތޯ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބުރާސްފަތި ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. އަދި މިކަން ކުރަން ބޭނުންވާ މުއްދަތުގެ ކުޑަ ބޮޑުމިން އެނގޭނީ މިހާރު ބޮޑުވަޒީރު ތެރީސާ މޭ ހުށައަޅުއްވާފައިވާ އެއްބަސްވުމާ ދޭތެރޭ މެމްބަރުން ގޮތެއް ނިންމެވުމުން ކަމަށް ވެސް އިނގިރޭސި ސަރުކާރުން ވަނީ ބުނެފައެވެ.
ސަރުކާރުން ބޭނުންވީ ނޯ ޑީލް ބްރެކްސިޓްގެ އިހްތިޔާރު ވެސް ބޭއްވުމަށެވެ. އަދި އެގޮތަށް ވިޕް ނެރެފައި ވަނިކޮށް އެ ޕާޓީގެ ބައެއް މެމްބަރުން ވަނީ ވޯޓުގައި ބައިވެރިވުމަށް ދެކޮޅު ހަދާފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ ތޭރަ މިނިސްޓަރުން ހިމެނިވަޑައިގަންނަވައެވެ. އަދި އެއް މިނިސްޓަރަކު ވަނީ ޕާޓީގެ ވިޕާ ޙިލާފަށް ވޯޓު ދެއްވުމަށް ފަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މި ނިންމުންތަކާ ގުޅިގެން ސަރުކާރުގެ ބާރު ގެއްލިފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ބޮޑުވަޒީރު މޭއަށް އަމިއްލަފުޅު ޕާޓީގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.
އިދިކޮޅު ލީޑަރު ޖެރެމީ ކޯބިން ވަނީ ޑީލްގެ ކަންކަން އީޔޫއާ އެކީ މަޝަވަރާ ކުރުމުގެ ބާރު ޕާލިމަންޓަށް ނެގުމަށް ވެސް ގޮވާލައްވާފައެވެ.
އީޔޫ އިން ވާހަކަދެއްވި ތަރުޖަމާނަކު ވިދާޅުވީ އިއްތިހާދުން ވަކިވެވޭނީ ދެގޮތަކަށް ކަމަށެވެ. އެއީ އެއްބަސްވުމަކާ އެކީގައި ނުވަތަ އެއްބަސްވުމެއް ނެތި ކަމަށާއި ދެގޮތަށް ކަން ކުރަން ވެސް އިއްތިހާދުން އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ބޮޑުވަޒީރު މޭއާ އެކު ވެވިފައި އޮތް އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.