ކ. މާލެ
|
13 މާރޗް 2019 | ބުދަ 22:38
އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމެއްގެ ތެރެއިން
އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމެއްގެ ތެރެއިން
ފޭސްބުކް
އެފްއޭއެމް މައްސަލަ
އެފްއޭއެމްގެ މައްސަލަ ހައްލުވާނީ އިންޓަރިމް ކޮމިޓީއަކާ ހަވާލުކޮށްގެން: އަލީ ވަހީދު
ފީފާގެ މަންދޫބުންނާ އަލީ ވަހީދު ވަނީ ބައްދަލުކުރައްވާފައި

އެފްއޭއެމްއަށް ދިމާވެފައިވާ މައްސަލަ ހައްލުވާނީ އިންޓަރިމް ކޮމިޓީއަކާ ތަން ހަވާލުކޮށްގެން ކަމަށް ޔޫތު މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ބުދަ ދުވަހު ފީފާއިން އެފްއޭއެމްއާއެކު ޔޫތު މިނިސްޓްރީއާ ބައްދަލު ކޮށްފައިވާ ކަމަށާއި، މި ބައްދަލުވުމުގައި އެފްއޭއެމްގެ ކަންތައް ހައްލުވާނީ އިންޓަރިމް ކޮމިޓީއަކާ އެފްއޭއެމް ހަވާލުކޮށްގެން ކަމަށް ލަފާދީފައިވާނެ ކަމަށެވެ.

ފީފާއިން އަންގާރަ ދުވަހު ކްލަބްތަކާ ބައްދަލު ކުރުމަށް ފަހު، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އަދަދު ހަމަނުވާ ކަމަށް ނިންމި ނިންމުމާއެކު، އެފްއޭއެމްގެ މައްސަލައަށް ހައްލު ލިބިގެން ދިޔަ ކަމަށް ގަބޫލުނުކުރާ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.  

އަލީ ވަހީދު ވިދާޅުވީ، ފުޓުބޯޅައިގެ ކަންކަން ބެލުމަށް އެކުލަވާލާފައިވާ ކޮމިޓީތަކާ ގުޅިގެން ފީފާ އަދި އޭއެފްސީގެ އެއްވެސް ކަންބޮޑުވުމެއް ނެތްކަން އެ ފަރާތްތަކުން ލަފާ އަރުވާފައިވާ ކަމަށެވެ.

ނަމަވެސް އަންގާރަ ދުވަހު ހިނގައިދިޔަ ކަންކަމަށް ފަހު އެ ދެ ކޮމިޓީވެސް އުވާލަން ނިންމާ، ފީފާއިން ރާއްޖޭގެ ފުޓުބޯޅައަށް ހައްލު ހޯދައިދިނުމަށް އެދި ދަންނަވާފައިވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އެކްޓިންގ ޔޫތު މިނިސްޓަރުކަމާ ހަވާލުވުމަށް ފަހު ރާއްޖޭގެ ފުޓުބޯޅައަށް ދިމާވެފައިވާ މައްސަލަތައް ބަލައި ދިރާސާ ކުރުމަށް "ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމިޓީ" ގެ ނަމުގައި އަލީ ވަހީދު ކޮމިޓީއެއް އުފައްދަވާފައިވާއިރު، މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ފާހަގަކޮށް އެކަންކަން ބެލުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
14 މާރޗް 2019 | ބުރާސްފަތި 01:39
އިސްމާއިލް
ދެން ތިޔަ ދެކޮމެޓީ ތެޅީމަ ހުންނާނީ ރަގަޅަށް...