ޔޫތު މިނިސްޓްރީގެ 100 ދުވަހުގެ ވައުދުތައް މި މަހުގެ 27 އަށް ފުއްދާ ނިމޭނެ ކަމަށް އެކްޓިން ޔޫތު މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ބަންދު ދުވަސްތައް ނުލާ ސަރުކާރަށް 100 ދުވަސް ހަމަވާނީ މި މަހުގެ 27 އަށް ކަމަށާއި، އޭގެ ކުރިން 100 ދުވަހުގެ ހުރިހާ ވައުދެއް ފުއްދާ ނިމޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ބޮޑު އެއް ވައުދަކީ ސްވިމިންގ ޕޫލް އެޅުމުގެ ކަންތައް ކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ، ސްވިމިންގ ޕޫލް އަޅާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން މި މަހުގެ 26 ވަނަ ދުވަހު އެކަމުގެ ހުރިހާ ތަފްސީލެއް ހާމަކުރާނެ ކަމަށެވެ.
ސަރުކާރުން މާލޭ ސަރަހައްދުގައި އަޅަން ނިންމާފައިވަނީ އޮލިމްޕިކް ސައިޒްގެ ސްވިމިންގ ޕޫލް ކޮމްޕްލެކްސްއެކެވެ.
މީގެއިތުރުން އަލީ ވަހީދު ވިދާޅުވީ، މި މަހުގެ 26 ވަނަ ދުވަހު އައުޓްޑޯ ޖިމްވެސް އިފްތިތާހު ކުރެވޭނެ ކަމަށާއި، މި މަހުގެ 17 ގައި އެންޖީއޯ ފޯރަމްވެސް ބޭއްވިގެންދާނެ ކަމަށެވެ.
ޓީޓީ ހޯލެއް މި މަހު 17 ގައި ހުޅުވިގެންދާނެ ކަމަށާއި، އެކަމުގެ މަސައްކަތް ޓީޓީ އެސޯސިއޭޝަނާ ގުޅިގެން ކުރިޔަށް ގެންދާކަމަށްވެސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
ފުރަތަމަ 100 ދުވަހުގެ ވައުދުތައް - ކުޅިވަރު ދާއިރާ
- ކޮންމެ ރަށެއްގައި ހުނަރު ލިބިފައިވާ ސްޕޯޓްސް ކައުންސިލަރެއް
- ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް މަދުވެގެން 500،000ރ ގެ ބަޖެޓެއް
- މުޅި ރާއްޖޭގެ ކުޅިވަރު އޯޑިޓެއް ހަދަނީ
- ޤައުމީ ޓީމުތަކަށް ދޭ އެލަވަންސްގެ ފަރަގު ނައްތާލެވޭނެ
- މޫދު ކުޅިވަރުގެ ކޮންވެންޝަން ބޭއްވޭނެ
- އޮލިމްޕިކް ސައިޒް ސްވިމިންގް ޕޫލް ކޮމްޕްލެކްސް މާލެ ސަރަހައްދުގައި ހަދަން ފެށުން
ކުޅިވަރުގެ ދާއިރާއިން 100 ދުވަހުގެ ތެރޭގައި ފުއްދަން ނިންމާފައިވާ ވައުދުތަކުގެ ތެރެއިން ބޮޑުބައި މިހާރު ވަނީ ފުއްދާފައެވެ.