ގައުމީ ފުޓުބޯޅަ ޓީމުގެ އާ ޖާޒީ ފަރުމާކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ މުބާރާތުން އެއްވަނަ ހޯދި ޖާޒީ ދައްކާލައިފިއެވެ.
ސަތޭކަ އަށް ވުރެ ގިނަ ފަރާތުން ބައިވެރިވި މި މުބާރާތުން އެއްވަނަ ހޯދީ ޝާޒިފް އާދަމްއެވެ. މި ޖާޒީ ފުރަތަމަ ފަހަރަށް ބޭނުންކުރާނީ މިހާރު ނޭޕާލްގައި ހިނގަމުންދާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި މިއަދު އިންޑިއާއާ ދެކޮޅަށް ދިވެހި އަންހެން ފުޓްބޯޅަ ޓީމް ކުޅޭ މެޗުގައެވެ.
ޖާޒީ ފަރުމާކުރުމުގެ މުބާރާތަށް ހުށަހެޅުނު ސަތޭކަ އަށް ވުރެ ގިނަ ހުށަހެޅުންތަކަށް ބަލައި ޖަޖުންގެ ފަރާތުން އެންމެ މަތިން މާކްސް ލިބުނު ޝާޒިފްއަކީ ވަރަށް ހުނަރުވެރި އަދި ފަރުމާކުރުމުގެ ދާއިރާގައި ވެސް ނަންވިދާލާފައިވާ ޒުވާނެކެވެ.
ޖާޒީ ފަރުމާކުރުމުގެ މުބާރާތުން އެއްވަނަ ހޯދި ޝާޒިފްއަށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ 25,000 ރުފިޔާގެ އިނާމެއް ދީފައެވެ.
ރާއްޖޭގެ ހޯމް ޖާޒީ ފަރުމާކުރުމަގައި ޝާޒިފް އަސްލަކަށް ބަލާފައި ވަނީ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ދިވެހި ގައުމީ ޓީމަށް ނިސްބަތްކޮށް ބޭނުންކުރާ 'ރެޑް ސްނެޕަރ' ނުވަތަ ރަތްމަހެވެ.
ބުދަ ދުވަހު ދައްކާލި ޖާޒީތަކުގައި ރަތްކުލައިގެ ހޯމް ޖާޒީ އާއި ނޫކުލައިގެ އަވޭ ޖާޒީ ވެސް ހިމެނެއެވެ. އަވޭ ޖާޒީ ފަރުމާކުރުމުގައި އަސްލަކަށް ބަލާފައި ވަނީ ކަނޑުގެ ރާޅުތަކެވެ.
ގައުމީ ޓީމްގެ އާ ޖާޒީއާ ގުޅޭ ގޮތުން ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއަކީ 2017 އިން ފެށިގެން ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ފަހުރުވެރި ސްޕޮންސަރ އަށް ވެފައި، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ގައުމީ ފުޓުބޯޅަ ޓީމުތަކުން ގައުމަށް ހޯދައިދީފައިވާ ރީތި ނަމަކީ ބޭންކުގެ ފަރާތުން ފަހުރުވެރިވާ އަދި ފާހަގަ ކުރާ ކާމިޔާބީތަކެއް ކަމަށެވެ.
" އަދި މި މުއްދަތުގައި ޒުވާން ހުނަރުވެރި ކުޅުންތެރިން އުފައްދައި ރާއްޖޭގެ ފުޓުބޯޅަ ތަރައްޤީ ކުރުމަށް ކުރެވުނު މަސައްކަތުގައި ބައިވެރިވެވުނީތީ އަޅުގަނޑުމެން އުފާކުރަން. ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ އާ ޖާޒީ އެއް ފަރުމާކުރުމަށް އަޅުގަނޑުމެން ހުޅުވާލި ފުރުސަތުގައި ވަރަށް ގިނަ ފަރާތްތަކުން ބައިވެރިވިކަން ފާހަގަކުރަން. މި މުބާރާތުން އެއްވަނަ ހޯދި ޝާޒިފް އާދަމް އަށް މަރުހަބާ ދަންނަވަން. ފުރަތަމަ ފަހަރަށް މި ޖާޒީ ގައުމީ އަންހެންޓީމުން ބޭނުންކުރާ ކަމީ އަޅުގަނޑުމެންނަށް ލިބޭ އިތުރު އުފަލެއް. ކުރިއަށް އޮތްތާނގައިވެސް ދިވެހި ކުޅިވަރު އިތުރަށް ތަރައްގީކުރުމުގައި އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދެމުން ދާނަން." އާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.