ކ. މާލެ
|
13 މާރޗް 2019 | ބުދަ 13:36
ގަވަރނަރ ގެވިން ނިއުސަމް މަރުގެ އަދަބު ދިނުން ހުއްޓާލި ނަމަވެސް ދާއިމިކޮށް މަރުގެ އަދަބު ނިމުމަކަށް ގެނެވޭނީ އާއްމު ވޯޓަކުން
ގަވަރނަރ ގެވިން ނިއުސަމް މަރުގެ އަދަބު ދިނުން ހުއްޓާލި ނަމަވެސް ދާއިމިކޮށް މަރުގެ އަދަބު ނިމުމަކަށް ގެނެވޭނީ އާއްމު ވޯޓަކުން
އީޕީއޭ
މަރުގެ އަދަބުދިނުން
ކެލިފޯނިއާގައި މަރުގެ އަދަބު އުވާލަނީ
މިހާރު ވެސް މަރުގެ ހުކުމް އިއްވާފައި ތިބި 737 ގައިދީން އެބަ ތިބި
މަރުގެ ހުކުމުގައި ތިބި މީހުން މިނިވަނެއް ނުކުރާނެ

އެމެރިކާގެ ކެލިފޯނިއާގައި މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލައި މިހާރު މަރުގެ ހުކުމް އިއްވާފައި ތިބި 737 ގައިދީންގެ މަރުގެ އަދަބު ފަސްކުރަން ނިންމަވާފައިވާކަން އެ ސްޓޭޓްގެ ގަވަރނަރ ގެވިން ނިއުސަމް އިއުލާނުކުރައްވަން ނިންމަވައިފިއެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި މަރުގެ އަދަބަކީ އެމެރިކާގެ އަސާސީ އުސޫލްތަކާއި ފުށުއަރާ ކަމެެއް ކަމަށް ވިދާޅުވެ އެ އަދަބު އުވާލުމަށް ބުދަ ދުވަހުގެ ވަގުތެއްގައި ގަވަރނަރ ގަރާރުގައި ސޮއިކުރައްވާނެއެވެ.

ކެލިފޯނިއާގައި 2006 ވަނަ އަަރުން ފެށިގެން މަރުގެ އަދަބު ތަންފީޒުކޮށްފައެއް ނުވެއެވެ.

މަރުގެ އަދަބު ހުއްޓާލި ނަމަވެސް މަރުގެ ހުކުމް އިއްވާފައިވާ އެއްވެސް ގައިދީއަކު މިނިވަނެއް ނުކުރާނެއެވެ.

މަރުގެ އަދަބު އުވާލުމަކީ ޖެނުއަރީ މަހު ގަވަރުނަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ނިއުސަމްގެ ކެމްޕެއިން ވައުދެކެވެ.

ގަވަރނަރގެ އަމުރާ އެކު، ކެލިފޯނިއާގައި ލީތަލް އިންޖެކްޝަން ޖެހުމުގެ އުސޫލު އުވި ސެން ކުއެންޓިން ޖަލުގައި ހަދާފައިވާ މަރުގެ ހުކުމް ތަންފީޒުކުރާ ޗެމްބަރ ބަންދުކުރެވޭނެއެވެ.

އެމެރިކާގެ 30 ސްޓޭޓެއްގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ ހުއްދަ ކަމެކެވެ. 1976 އިން ފެށިގެން އެންމެ ގިނައިން މަރުގެ އަދަބު ތަންފީޒުކޮށްފައި ވަނީ ޓެކްސަސްގައެވެ. އެ ސްޓޭޓްގައި 560 މީހަކަށް މަރުގެ އަދަބު ދީފައިވާއިރު ދެވަނައަށް އެންމެ ގިނަ މީހުންނަށް މަރުގެ އަދަބު ދީފައި ވަނީ ވަރޖީނިއާގައެވެ. އެ ސްޓޭޓްގައި 113 މީހުންނަށް މަރުގެ ދީފައި ވެއެވެ. ތިންވަނައަށް އެންމެ ގިނައިން މަރުގެ އަދަބު ދީފައިވާ އޮކްލަހޯމާގައި 112 މީހުންނަށް މަރުގެ އަދަަބު ދީފައި ވެއެވެ.

އެމެރިކާގައި މިވަގުތު މަރުގެ ހުކުމް އިއްވާފައި 2،738 މީހުން އެބަތިއްބެވެ.

މިވަގުތު މަރުގެ ހުކުމް އިއްވާފައި އެންމެ ގިނަ ބަޔަކު ތިބީ ކެލިފޯނިއާގައެވެ. އެ ސްޓޭޓްގައި 737 މީހުން މަރުގެ ހުކުުމުގައި ތިބިއިރު 1976 އިން ފެށިގެން އެ ސްޓޭޓްގައި މަރުގެ އަދަބު ދީފައި ވަނީ އެންމެ 13 މީހުންނަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް