އިނގިރޭސި ވިލާތް, ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ވަކިވުމަށް އެކުލަވާލައި ބޮޑުވަޒީރު ތެރީސާ މޭ ހުށަހެޅުއްވި ދެވަނަ ހުށަހެޅުއްވުމަށް ވެސް ގާނޫނު ހަދާ މަޖިލީހުގެ ބޮޑުއަަޣްލަބިއްޔަތަކުން ދެކޮޅު ހައްދަވައިފިއެވެ.
އީޔޫއިން ވަކިވުމަށް އެންމެ 17 ދުވަހަށް ވެފައިވަނިކޮށް ނެގުނު މި ވޯޓްގައި ބޮޑުވަޒީރުގެ ހުށަހެޅުއްވުމާ ދެކޮޅަށް 149 ވޯޓް ލިބިފައިވާއިރު މިއީ ޖެނުއަރީ މަހުގެ ތެރޭ ދެކޮޅަށް ވޯޓް ދިން އަދަދަށް ވުރެ މަދު އަދަދެކެވެ.
މޭ ވިދާޅުވީ މެމްބަރުންނަށް ދެން ހުށަހެޅޭނީ އިނގިރޭސި ވިލާތް އީޔޫއާއެކު އެއްބަސްވުމަކަށް ނުގޮސް އެ ޖަމާއަތުން ވަކިވާނީތޯ ކަމަށެވެ. އަދި އެ ހުށަހެޅުން ބަލައި ނުގެންފިނަަމަ ދެން ހުށަހަޅުއްވާނީ އިނގިރޭސި ވިލާތް އީޔޫއިން ވަކިވުން ފަސްކުރަން ޖެހޭތޯ ކަމަށެވެ.
އެކަމަނާ ވިދާޅުވީ އީޔޫއާއެކު އެއްބަސްވުމެއް ނެތި އެ ޖަމާއަތުން ވަކިވާން ހުށަހަޅުއްވާ ހުށަހެޅުއްވުމުގައި ވެރިކަން ކުރާ ޕާޓީގެ މެމްބަރުންނަށް، ޕާޓީން ވަކިކޮޅެއް ނުނަގައި މެމްބަރުން ބޭނުންފުޅު ގޮތަކަށް ވޯޓް ދެއްވުމުގެ އިޚްތިޔާރު ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އީޔޫއިން ވަކިވުމަށް ވެވުނު އެއްބަސްވުމުގެ ގޮތުގައި ބޮޑުވަޒީރު މޭ ޖެނުއަރީ މަހު ހުށަހެޅުއްވި ހުށަހެޅުއްވުމާ ދެކޮޅަށް 230 މެމްމަބަރުން ވޯޓް ދެއްވާފައިވާއިރު އެއީ އެ ގައުމުގެ ތާރީޚުގައި ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ ހުށަހެޅުމާ ދެކޮޅަށް އެންމެ ގިނަ ވޯޓް ލިބުނު ފަހަރެވެ.
އެ ފަހަރުގެ ވޯޓުގައި އެއްކޮޅަށް 202 މެމްބަރަކު ވޯޓް ދެއްްވާފައިވާއިރު ދެކޮޅަށް ވޯޓްދެއްވި މެމްބަރުންގެ ތެރޭގައި ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީައަށް ނިސްބަތްވެ ވަޑައިގަންނަވާ 118 މެމްބަރަކު ހިމެނިވަޑައިގަންނަވައެވެ.
ކުރިޔަށް އޮތް ފިޔަވަޅާ ބެހޭގޮތުން ބޮޑުވަޒީރު ވިދާޅުވީ އިނގިރޭސި ވިލާތް އީޔޫއާއެކު އެއްބަސްވުމަކަށް ނުގޮސް އެ ޖަމާއަތުން ވަކިވާނީތޯ ބުދަ ދުވަހު ވޯޓަށް އަހާނެ ކަމަށެވެ.
އެއްބަސްވުމަށް ނޫނެކޭ ބުނެފިނަމަ ޖެހިގެން އަންނަ ދުވަހު ދެން ވޯޓަށް އަހާނީ އާޓިކަލް 50 އަށެވެ.
މޭ ވިދާޅުވީ އިނގިރޭސިވިލާތް އީޔޫއިން ވަކިވާނީތޯ ނުވަތަ އިތުރު ފެންނަ ނުފެންނަ ވޯޓެއް ނަގާނީތޯ ނުވަތަ އެއްބަސްވުމަކާ ނުލައި ވަކިވާނީތޯ މެމްބަރުން ނިންމަވަން ޖެހޭ ކަމަށެވެ.
އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމާ މެދު 2016 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އީޔޫ އިން ވަކިވުމަށް ފެންނަ ކަމަށް 52 އިންސައްތަ މީހުން ވޯޓް ދީފައިވެއެވެ.