ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުން ސުޕަ މެޖޯރިޓީ ނަގާނެކަމަށް ބުނިނަމަވެސް އެއްވެސް މެޖޯރިޓީއެއް ސަރުކާރަށް ނުނެގޭނެ ކަމަށް އިދިކޮޅު އިއްތިހާދު މޯލްޑިވިއަން ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ބުނެފިއެވެ.
އެމްޔޫއޯއިން މިހެން ބުނީ ހޯމަ ދުވަހު ބޭއްވި އެމްޔޫއޯގެ ކެބިނެޓް ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
އެމްޔޫއޯގެ ޕްރެސްގައި ނޫސްވެރިނަށް މައުލޫމަތު ދެއްވަމުން އެޖަމާއަތުގެ ހިޔަނި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރު އަދި ރައީސް ނަޝީދުގެ ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވީ ސަރުކާރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިނތިޚާބުގައި ސުޕަރ މެޖޯރިޓީއެއް ނަގާނެ ކަމަށް ވިދާޅުވިނަމަވެސް އެކަމެއް ނުކުރެއްވޭނެ ކަމަށާއި ރައްޔިތުން ތިބީކީ ސަރުކާރުގެ ޢަމަލްތައް ހުރިގޮތުން އެ ފުރުސަތު ދޭކަށް ނޫން ކަމަށެވެ.
ހިސާން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނުމަށް ރައްޔިތުން ތިބީ ބޭނުންވެފައި ކަމަށާއި އެމްޔޫއޯގެ ފަރާތުން ރަށްރަށަށް ކުރާ ދަތުރުތަކުގައި އެކަން ވަރަށް ރަނގަޅަށް ހާމަވެގެންދާކަމަށެވެ. އދަި އެމްޔޫއޯއިން ކުރިއަށް އޮތްތަނުގައި ވަރަށް ވަރުގަދަ ކެމްޕޭން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށްވެސް ހިސާން ވިދާޅުވިއެވެ.
އެމްޔޫއޯގެ ހިޔަނި ކެބިނެޓް ވަޒީރު އަދި ކުރީގެ ޔޫތު މިނިސްޓަރ މަލީހު ޖަމާލް ވިދާޅުވީ މިހާރު ފެންނަމުންދަނީ ސަރުކާރުން ކުންފުނިތަކާއި ސިވިލް ސަރވިސް މުވައްޒަފުންނަށް މަޖްބޫރު ކުރުވައިގެން ޕީޕީއެމަށް ވައްދަމުން ގެންދާކަމެވެ އަދި ޕީޕީއެމުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ގަދަ ބާރުން ބައިވެރި ކުރުވަމުން ގެންދާކަމެވެ. ނަމަވެސް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްވެސް ހުންނަވަނީ ބަހެއް ވިދާޅު ނުވެ ހިމޭނުން ކަމަށް ވިދާޅުވަމުން މަލީހު ވިދާޅުވީ ކުންފުނިތަކުގެ މުވައްޒަފުން ތިބީކީ އެގޮތައް ދޫކުރާ ގޮތަކަށް ނޫން ކަމަށެވެ.
ހިޔަނި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުޤައްރިރު ޝިދާތާ ޝަރީފް ވިދާޅުވީ ރައްޔިތުންގެ ޙާލުގެ ވާހަކައަކީ ހަމަ ތިބެފައި ދައްކަވާ ވާހަކައެއް ނޫން ކަމަށާއި އެހާލަތުން އަރައިގަތުމަށްޓަކައިވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނާނެ ކަމަށެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އަދި އެމްޔޫއޯގެ އެޑްވައިޒަރ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވީ ސަރުކާރާއި ސަރުކާރުގެ މުވައްޒަފުން ޤަބޫލު ކުރަންވީ ހަޤީގަތަކީ ބިރުދެއްކިއަސް އެބިރާއެކުވެސް ސަރުކާރަށް ނޫނެކޭ ބުނުން ކަމަށާއި ގިނަ ބަޔަކު ސަރުކާރުން ބުނާހާގޮތަކަށް ކަންކުރާން ދެކޮޅު ހަދަން ފެށުމުން ސަރުކާރަށްވެސް އެގޮތް ދޫކޮށްލަން މަޖްބޫރުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ އެކަމަށް ލިބޭ ފުރުސަތަކަށް ހެދުމަށްވެސް އާޒިމް ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ
އެމްޔޫއޯއިން ބުނީ ސަރުކާރުން މުވައްޒަފުންނަށް ބިރުދެއްކުމަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް އަންނަ ބުދަދުވަހު ޕެނަލް ޑިސްކަޝަންއެއް ބާއްވާނެ ކަމަށާއި އެކަންކަން ހުއްޓުވުމަށްޓަކައި ކަމާބެހޭ އިތުރު މުއައްސަސާތަކަށް ހުށަހެޅުމަށްވެސް އެމްޔޫއޯއިން ނިންމާފައިވާ ކަމަށެވެ.