ޒައިނުއްދީން ޒިދާން އަލުން ރެއާލް މެޑްރިޑްއާ ގުޅިއްޖެއެވެ.
ނިމިގެންދިޔަ ސީޒަނަށް ފަހު ރެއާލް އިން ވަކިވި ޒިދާން އަލުން ޓީމާ ގުޅުނީ ގިނަ ހުށައެޅުންތަކަކަށް ނޫނެކޭ ބުނުމަށް ފަހުއެވެ.
ޒިދާން ބުނެފައި ވަނީ ރެއާލް މެޑްރިޑުން އެހީތެރިކަން ބޭނުންވެގެން ބުނުމުން އެކަމަށް ނޫނެކޭ ބުނާހާ ހިއްވަރު އޭނާގެ ކިބައިގައި ނެތް ކަމަށެވެ. ރެއާލް މެޑްރިޑުން އޭނާ އަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށާއި، ޓީމެއްގެ ފޯމު ގެއްލުމުން ވާ ގޮތް އޭނާ އަށް ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.
ރިޕޯރޓްތައް ބުނާ ގޮތުގައި ޒިދާން ހޯދުމަށް ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް މަސައްކަތް ކުރިއެވެ. މީގެ އިތުރުން ވެސް ޔުވެންޓަސް އިން ވެސް ވަނީ ޒިދާން ގެނައުމަށް ހުށައަޅާފައެވެ.
ކޯޗް ޒިދާން ޓީމާ ގުޅުނު ހިސާބުން ރެއާލްއިން އަންނަނީ ޓީމް އިތުރަށް ވަރުގަދަ ކުރުމަށް ކުޅުންތެރިން ހޯދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗެލްސީގެ ތަރި އީޑެން ހަޒާރޑް ހޯދުމަށް ރެއަލް މެޑްރިޑުން ވަނީ 132 މިލިއަން ޑޮލަރު ހުށައަޅާފައެވެ.
ޗެލްސީގެ ފޯވާރޑް ހަޒާރޑް ހޯދުމަށް ރެއަލް މެޑްރިޑުން އެއްބަސްވުންތަކުގައި ސޮއިކުރީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.
ޗެލްސީން ވަނީ ހަޒާރޑް އެ ކްލަބުގައި ބެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން ހަޒާރޑްގެ އެއްބަސްވަން އައުކުރާނެ ކަމުގެ އުންމީދުގައި އެ ކްލަބުން ވަނީ ހަޒާރޑް އަށް ބޮޑު މުސާރައެއް ހުށައަޅާފައެވެ.
ހަޒާރޑްގެ އިތުރުން ރެއާލް އިން ހޯދަން މަސައްކަތް ކުރާ ކުޅުންތެރިންގެ ތެރޭގައި އުންމީދީ ކުޅުންތެރިޔާ ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ އާއި އަޔަކްސްގެ އުއްމީދީ ޑިފެންޑަރު މަތިއަސް ޑި ލީޓް ހިމެނެއެވެ.
ރެއާލް މެޑްރިޑުން އެންމެ ފުރަތަމަ ކޯޗެއްގެ ގޮތުގައި ގެންނަން ބޭނުންވީ ނިމިގެންދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ކަމުން ވަކިކުރި ހޯސޭ މޮރީނިއޯއެވެ. އެހެން ނަމަވެސް ޓީމުގެ ކުޅުންތެރިން ނުރުހުން ފާޅުކުރުމުން ރެއާލްގެ މެނޭޖްމެންޓަށް ޒިދާން ގެންނަން މަޖުބޫރުވީއެވެ.