ރާއްޖޭ ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޝަހް އިސްމާއިލް އަށް ހާޓަޓޭކެއް ޖެހި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފިޝަރީޒް މިނިސްޓްރީގެ ނައިބުގެ މަގާމު ފުރުއްވަމުން އަންނަ ޝާހް އަށް ހާޓަޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އާދީއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ އަށް ފަރުވާގެންދަމުންދަނީ އައިޖީއެމްއެޗްގެ ހިތުގެ ޔުނިޓުގައެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ޝާހުގެ ގާތް ރައްޓެއްސަކު ބުނީ އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށާއި، ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ޝާހު އަދިވެސް ބައިވަރު މެޝިންތައް ގުޅާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކުޅިވަރަށް ގިނަ ހިދުމަތްތަކެއްކޮށްފައިވާ ޝާހް ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީގެ މަގާމާއި ޔޫތު މިނިސްޓްރީގެ އެޑްވައިޒަރުގެ މަގާމު އަދި އެ މިނިސްޓްރީގެ ނައިބުގެ މަގާމު ވެސް ފުރުއްވާފައެވެ. މީގެ އިތުރުން އޭނާ އަންނަނީ ގަވައިދުން ކޮންމެ އަހަރަކު އޮންނަ ވެޓްރަންސް ކަޕްގައި ވެސް ކުޅުއްވަމުންނެވެ.