ކ. މާލެ
|
8 މާރޗް 2019 | ހުކުރު 18:59
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ވީނިއުސް
އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް
ކްލަބްތަކުން އަމިއްލައަށް ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މި މަހު 15 ގައި
ކޮންގްރެސް ބާއްވާނީ ޕެރަޑައިސް އައިލޭންޑް ރިސޯޓުގައި

ކްލަބްތަކުން އަމިއްލައަށް ބާއްވާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް މި މަހު 15 ގައި ބޭއްވުމަށް ނިންމައިފިއެވެ.

އެފްއޭއެމްގެ އެއްބާރުލުން ނުލިބުމާއެކު، ވިކްޓްރީން ވަނީ އަމިއްލައަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ނިންމާ، ބުރާސްފަތި ދުވަހު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ މައުލޫމާތު ކްލަބްތަކަށް ފޮނުވާފައެވެ. ވިކްޓްރީން ކްލަބްތަކަށް ފޮނުވި ސިޓީގައި އެޖެންޑާވެސް ވަނީ ހިމަނާފައެވެ.

އެޖެންޑާގައި ހިމަނާފައިވަނީ އެފްއޭއެމްގެ ލީޑާޝިޕްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގާ ފާސްކުރުމަށްފަހު، ތިން މެމްބަރުން ހިމެނޭ ނޯމަލައިޒޭޝަން ކޮމިޓީއަކާ އެފްއޭއެމް ހަވާލުކޮށް، އަސާސީ ގަވައިދު އިސްލާހުކުރުމުގެ އިތުރުން، އެފްއޭއެމްއަށް އާ ރައީސަކު ހޮވާ، ލީޑާޝިޕް އެއްކޮށް ބަދަލުކުރުމެވެ.

މީގެއިތުރުން ޕެރަޑައިސް އައިލޭންޑް ރިސޯޓުގައި މި މަހު 15 ގައި ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ސަސްޕެންޑުކޮށްފައިވާ ނިއުރޭޑިންޓް ސްޕޯޓްސް ކްލަބްގެ ސަސްޕެންޝަން އުވާލުންވެސް ވަނީ އެޖެންޑާގައި ހިމަނާފައެވެ.

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މި މަހު 15 ގައި ބާއްވާކަން ވިކްޓްރީން ވަނީ ލިޔުމުން ފީފާ އަދި އެފްއޭއެމްއަށްވެސް ރަސްމީކޮށް އަންގާފައެވެ. އަދި ފީފާ އާއި އޭއެފްސީގެ އޮބްޒާވަރުން ކޮންގްރެސްގައި ބައިވެރިވުމަށްވެސް ވިކްޓްރީން ވަނީ އެދިފައެވެ.

އެފްއޭއެމްގެ އަސާސީ ގަވައިދު ބުނާގޮތުން އެފްއޭއެމްގެ ފުރިހަމަ މެމްބަރ ކްލަބްތަކުގެ ތެރެއިން 50 އިންސައްތައަށް ވުރެ ގިނަ ކްލަބްތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ކޮންމެ ވަގުތަކު ވެސް އެދެވޭނެއެވެ. އަދި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން އެދޭތާ 14 ދުވަސް ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަކީ މަޖުބޫރު ކަމެކެވެ.

އެގޮތުން އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދި މި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ވިކްޓްރީ ސްޕޯޓްސް ކްލަބުން 15 ކްލަބެއްގެ ސޮޔާއެކު ހުށަހެޅި ނަމަވެސް އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން 14 ދުވަސް ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެފްއޭއެމުން ބާއްވާފައެއް ނުވެއެވެ.

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން އެފްއޭއެމްއަށް ވިކްޓްރީން ހުށަހެޅި ސިޓީގެ ޖަވާބުގައި އެފްއޭއެމްއިން ބުނީ، ސިޓީގައި ސޮއިކުރި 15 ކްލަބްގެ ތެރެއިން ދެ ކްލަބަކަށް ސޮއިކުރުމުގެ އިހުތިޔާރު ލިބިގެންނުވާ ކަމަށެވެ.

އެފްއޭއެމްއިން މި އަހަރު ފީފާއިން ފޮނުވި އެ އެސޯސިއޭޝަންގެ ފުރިހަމަ މެމްބަރުންގެ އަދަދަކީ 21 ކްލަބެވެ. އެ ކްލަބްތަކުގެ ތެރެއިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ވަގުތީ ގޮތުން ސަސްޕެންޑުކުރެވިފައިވުމާއެކު، ފުރިހަމަ މެމްބަރުންގެ ގޮތުގައި މިވަގުތު ތިބީ 20 ކްލަބެވެ. އޭގެ ތެރެއިން 12 ކްލަބަކުން ވަނީ ކޮންގްރެސް ބޭއްވުމަށް ސޮއިކޮށްފައެވެ.

އެގޮތުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަންޖެހޭ 14 ދުވަސް ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެފްއޭއެމްއަށް ބާއްވަން މަޖުބޫރެވެ. ނަމަވެސް އެފްއޭއެމުން ބުނީ، އޭގެ ތެރެއިން ހަތަރު ކްލަބަކުން ސޮއި އަނބުރާ ނަގާފައިވާ ކަމަށެވެ. އެ ހަތަރު ކްލަބަކީ ކޮބައިކަމެއް އެފްއޭއެމުން ހާމަކޮށްފައެއް ނުވެއެވެ. އަދި ވިކްޓްރީން އެދުނު ކަންތައްތައް ނުވާނެ ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް