ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށް ސާބިތުކޮށް 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ރައީސް މައުމޫނުގެ ސަރުކާރުގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފިއެވެ.
ކާނަލް ނާޒިމަށް ދެ މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ރައީސް މައުމޫނުގެ ސަރުކާރުގައި ޔޫތު މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި، މއ. ވާހާރި، ހުސައިން ހިލްމީގެ މައްޗަށެވެ.
މި ހުކުމަކީ އެ ފަރާތުގެ މެދުގައި ހިނގައިފައިވާ މުއާމަލާތްތަކަކާއި ގުޅިގެން ކޮށްފައިވާ ހުކުމެކެވެ.
ނާޒިމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައިވަނީ ސަންލޭންޑް ހޮޓެލްސްގެ އެއް ހިއްސާދާރު ހުސެއިން ހިލްމީގެ އަތުން 2.3 މިލިއަން ރުފިޔާ ހޯދުމަށެވެ.
ނާޒިމުގެ މައްސަލައިގައި ޖާވާބުދާރީވަމުން، އެ ފައިސާއަކީ ދައްކަންޖެހޭ އެއްޗެއް ކަމަށް ހިލްމީގެ ފަރާތުން ސިވިލް ކޯޓުގައި އެއްބަސްވެފައިވެއެވެ. އަދި އެފައިސާ މިހިނގާ ފެބްރުއަރީ މަހުން ފެށިގެން ކޮންމެ މަހަކު ވެސް ދެއްކުމަށް ވަނީ ހުށަހަޅާފައެވެ.
ހިލްމީގެ ފަރާތުން އެގޮތަށް ހުށަހެޅުމުން ނާޒިމްގެ ފަރާތުން އެ ހުށަހެޅުން ގަބޫލުކުރުމާއެކު ކޯޓުން ވަނީ އެ އެއްބަސްވެފައިވާ ގޮތުގެ މަތިން ދަރަނި ދައްކާ ޚަލާސްކުރުމަށް ހުކުމް ކޮށްފައެވެ.
ދަރަނި އަދާކުރަމުންދިޔަ ނަމަވެސް ކާސްޓް އަވޭ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަމުގައި ބޭންކް އޮފް ސިލޯންގެ މާލޭ ބްރާންޗްގައި ހުރި އެކައުންޓަކުން ނާޒިމަށް ދޫކޮށްފައިވާ އެއްވެސް ޗެކަކަށް ފައިސާ ލިބިއްޖެ ނަމަ، ހުސެއިން ހިލްމީ ދައްކަންޖެހޭ ދަރަނިން އުނި ކުރެވޭނެ ކަމަށް ހުކުމްގައި ބުނެފައިވެއެވެ.
ސިވިލް ކޯޓުގެ ހުކުމުގައި އެގޮތަށް ބަޔާންކޮށްފައިވަނީ ޗެކްތަކަކީ ހިލްމީގެ ބޭނުމަކަށް ނާޒިމަށް ދޫކޮށްފައިވާ ޗެކްތަކެއް ކަމަށްވާތީއެވެ.
އެކި ރިސޯޓްތައް ހިންގަމުން އަންނަ ސަންލޭންޑުގެ އެއް ހިއްސާދާރު ހިލްމީގެ މައްޗަށް ކާނަލް ނާޒިމްއަށް 2.3 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާއިރު، ނާޒިމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ ކުންފުނިން ވަނީ ކުރީގެ ރައީސް މައުމޫންގެ ބޭފުޅުންނާ ދެކޮޅަށް ވެސް ދައުވާއެއް އުފުލާފައެވެ.
ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ކޮށްފައިވާ އެ ދައުވާއާ ގުޅޭ ބައެއް ބަޔާންތައް އާދިއްތަ ދުވަހު ވަނީ ބަދަލުކޮށްފައެވެ.