ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ރޯމާ ބަލިކޮށް އެފްސީ ޕޯޓޯ ކުއާޓާއިން ޖާގަ ހޯދައިފިއެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު ރޯމާއާ ވާދަކޮށް ޕޯޓޯއިން ކާމިޔާބުކުރީ އިތުރުވަގުތު ކުޅެގެން 1-3 ގެ ނަތީޖާއަކުންނެވެ. މި ދެޓީމު ވާދަކުރި ފުރަތަމަ ލެގުގެ މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރޯމާއިންނެވެ.
ޕޯޓޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕޯޓޯއިންނެވެ. މި ލަނޑު 26 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޓިކިއުނޯއެވެ.
ނަމަވެސް ރޯމާއިން ވަނީ ކުޅުން ރަނގަޅުކޮށް 37 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ޑިރޮސީއެވެ.
ދެވަނަ ހާފް ފެށިގެން ޕޯޓޯއިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށް، ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަރެގާއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-2 ގެ ނަތީޖާއިން ޕޯޓޯ ކުރީގައި އޮތް ނަމަވެސް ފުރަތަމަ ލެގުވެސް 1-2 ގެ ނަތީޖާއިން ނިމުމުން ނަތީޖާ ނެރުމަށް ވަނީ 15 މިނެޓުގެ ދެ ހާފް ކުޅެފައެވެ.
އެގޮތުން މެޗުން ޕޯޓޯ މޮޅުވި ލަނޑު ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެ ހާފްގެ ތެރެއިން ދެވަނަ ހާފްގައި ކާމިޔާބުކުރީ އެލެކްސް ޓެލެސްއެވެ. މިއީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.