ޔުއެފާ ޗެމްޕިއަންސް ލީގުގައި ހިތްދަތި ގޮތަކަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ކަޓުވާލާ، މެންޗެސްޓާ ޔުނައިޓެޑު ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު ގަދަ 16 ގެ ދެވަނަ ލެގުން ޕީއެސްޖީއާ ވާދަކޮށް ޔުނައިޓެޑު މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 0-2 ގެ ނަތީޖާއިން ޔުނައިޓެޑުގެ މައްޗަށް ޕީއެސްޖީ ކުރިހޯދައިގެންނެވެ.
އެގޮތުން ދެޓީމު ބައްދަލުކުރި ދެ ލެގުން 3-3 ގެ ނަތީޖާއިން ދެޓީމު އެއްވަރުވި ނަމަވެސް، ޔުނައިޓެޑު ކުއާޓާއަށް ދަތުރުކުރީ އަވޭ ގޯލުން ކުރިހޯދައިގެންނެވެ.
ޕީއެސްޖީ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ފެށިގެން ދެވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ޕީއެސްޖީގެ ޑިފެންސުނުން ހެދި ގޯހެއްގެ ފައިދާ ނަގާ ކާމިޔާބުކުރީ ރޮމެލޫ ލުކާކޫއެވެ. މިއީ 2010 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑުން ކާމިޔާބުކުރި އެންމެ އަވަސް ލަނޑެވެ.
Let's keep pushing, lads #MUFC #UCL pic.twitter.com/hNAhgHYmzO
— Manchester United (@ManUtd) March 6, 2019
މި ލަނޑާއެކު ޕީއެސްޖީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ފުލުފުލުގައި ޕީއެސްޖީން ވަނީ ހަމަލާތައް އުފައްދާ، ޔުނައިޓެޑުގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
ޕީއެސްޖީން މެޗުގެ ނަތީޖާ ހަމަހަމަކުރީ 12 ވަނަ މިނެޓުގައެވެ. މި ލަނޑު ކީލިއަން އެމްޕަބޭ ނަގައިދިން ހުރަހަކުން ކާމިޔާބުކުރީ ހުއާން ބާނެޓްއެވެ. މި ލަނޑަށްފަހުވެސް ލީޑު ނެގުމަށްވެސް ޕީއެސްޖީއަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ޕީއެސްޖީން ރަނގަޅަށް ކުޅެމުން ދަނިކޮށް 30 ވަނަ މިނެޓުގައި ލުކާކޫ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ޔުނައިޓެޑަށް ލީޑު އަނބުރާ ހޯދައިދީފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޕީއެސްޖީގެ ކީޕަރު ޖިއާނީ ބުފޮންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
What a moment for @MarcusRashford.
— Manchester United (@ManUtd) March 6, 2019
What a moment for #MUFC.#UCL pic.twitter.com/h9b0cqJwsn
ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ޕީއެސްޖީންނެވެ. އެގޮތުން އެޓީމަށް ވަނީ މި ހާފްގައިވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މީގެއިތުރުން ޔުނައިޓެޑަށްވެސް ވަނީ މި ހާފްގައި ލަނޑު ޖެހުމަށް ފުލުފުލުގައި ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.
ޔުނައިޓެޑުން ތިންވަނަ ލަނޑު ކާމިޔާބުކުރީ އިތުރުވަގުތުގައެވެ. ޕީއެސްޖީ ކުޅުންތެރިޔެއްގެ އަތުގައި ޖެހިގެން ދިން ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކުރީ މާކަސް ރަޝްފޯޑްއެވެ. މިއީ ޔުނައިޓެޑުގެ ޖޯޒީގައި އޭނާ ޖެހި ފުރަތަމަ ޕެނަލްޓީއެވެ.
ޔުނައިޓެޑުގެ އާކޯޗު ސޮލްޝެއާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ރަށުން ބޭރުގައި ކުޅުނު ހުރިހާ މެޗެއްވެސް ވަނީ ކާމިޔާބުކޮށްފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ބަލިވި ހަމައެކަނި މެޗަކީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޕީއެސްޖީ އަތުން އަމިއްލަ ދަނޑުގައި ކުޅުނު މެޗެވެ.