އިންޓަރ އޮފިސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން އެމްޕީއެލް، އައިޖީއެމްއެޗް އަދި އިމިގްރޭޝަން ހޯދައިފިއެވެ.
މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) މުބާރަތުގެ ފިރިހެން ބައިގެ ފުރަތަަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ޕޮލިސް ކްލަބާއި ވާދަކޮށް 24-25 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މުބާރާތުގެ ފިރިހެންބައިގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގެ ޓީމް ހޯދީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ވާދަކޮށް 06-20 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.
އަންހެން ބައިގެ ޗެމްޕިއަންކަން އިމިގްރޭޝަން ހޯދީ މިނިސްޓްރީ އޮފް ފިނޭންސްއާ ވާދަކޮށް 05-18 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ފުރަތަމަ ޑިވިޝަނުގައި އެމްޕީއެލްއާއި ޕޮލިސް ކްލަބް ވާދަކުރި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ.
މި މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވުނީ މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން ތެރޭވެސް ހިމެނިފައިވާ އެމްޕީއެލްގެ އަހުމަދު ފިރުނާޝް އަބްދުއްﷲއެވެ.
ފިރުނާޝްގެ ފަރާތުން މުޅި މުބާރާތުގައި ވެސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.
އަންގާރަ ދުވަހު ހޭންބޯލް ގްރައުންޑުގައި ކުޅުނު ފައިނަލު މެޗުގައި އައިޖީއެމްއެޗްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު އެމްއެމްއޭގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ.
ފިރިހެން ބައިގެ ފައިނަލްމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅި މުބާރާތުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި އައިޖީއެމްއެޗްގެ އަޙްމަދު ސައިފް ނައީމްއެވެ.
އިންޓަރ އޮފީސް ހޭންބޯލް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން އިމިގްރޭޝަން ހޯދީ ފަސޭހަ ކަމާއެކު މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި އިމިގްރޭޝަންގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު އެމްއެމްއޭ ޓީމަށް ވަނީ މާއެދެވޭ ކުޅުމެއް ދެއްކޭ ގޮތް ނުވެފައެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިމިގްރޭޝަންގެ ފާތިމަތު ރިޝްމާއެވެ.
މި މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ގޮތުގައި ފިރިހެން ބައިގެ ފުރަތަމަ ޑިވިޝަނުން ހޮވުނީ، ޕޮލިސް ކްލަބްގެ އިސްމާއިލް އަހްމަދު، މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްގެ މުހައްމަދު ފިރުނާޝް އަބްދުއްﷲ، ދިވެހި ސިފައިންގެ ކްލަބްގެ އަހްމަދު ނަސީރު، މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްގެ އަހްމަދު ފިރާޝް، ހަމަ އެ ޓީމުގެ އިސްމާއިލް ފަރްހާންއާއި ހުސައިން ހަލީމްގެ އިތުރުން ޕޮލިސް ކްލަބްގެ އަލީ އަފްޝަންއެވެ.
މުބާރާތުގެ ފިރިހެން ބައިގެ ދެވަނަ ޑިވިޝަންގެ މޮޅު ހަތް ކުޅުން ތެރިންގެ ގޮތުގައި ހޮވިފައި ވަނީ، މޯލްޑިވްސް މަނިޓަރި އޮތޯރިޓީގެ އަހްމަދު އަބްދުއްﷲ ޒިޔާއު، އެ ޓީމުގެ ސަލާމް މުހައްމަދު، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގެ މުހައްމަދު ޝައިޙާން އިބްރާހިމް އަދި އައިޖީއެމްއެޗްގެ ހަސަން އަބްދުއްﷲ އާއި އެ ޓީމުގެ ހަސަން އަފީފް ގެ އިތުރުން ސައިފް ނައީމްއެވެ.
އަންހެން ބައިގެ މޮޅު ހަތް ކުޅުން ތެރިންގެ ގޮތުގައި ހޮވުނީ، ޕަޕްލިކް ސާރވިސް މީޑިއާގެ މަރިޔަމް ވަފާ، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިމިގްރޭޝަންގެ ފާތިމަތު ރިޝްމާ، އެ ޓީމުގެ ޝިޒްނާ ރަޝީދު އަދި ފާތިމަތު ޝިފާގެ އިތުރުން، ކޮމާރޝަލް ބޭންކް އޮފް މޯލްޑިވްސްގެ ފާތިމަތު އަރްޝާ އަދި މިނިސްޓްރީ އޮފް ފިނޭންސްގެ މަރިޔަމް އިޝާ އަހްމަދުގެ އިތުރުން އެ ޓީމުގެ ފާތިމަތު ފައިރޫޒާ އާދަމްއެވެ.