ކ. މާލެ
|
6 މާރޗް 2019 | ބުދަ 03:28
ޕާކިސްތާނުންވަނީ އެކި ޖަމާއަތްތަކުގެ 44 މީހަކު ހައްޔަރުކޮށްފައި
ޕާކިސްތާނުންވަނީ އެކި ޖަމާއަތްތަކުގެ 44 މީހަކު ހައްޔަރުކޮށްފައި
އަލްޖަޒީރާ
އިންޑިއާ - ޕާކިސްތާން
ޕާކިސްތާނުން ގިނަ އަދަދެއްގެ ހަނގުރާމަވެރިން ހައްޔަރުކޮށްފި
ހައްޔަރުކުރެވުނު ހަނގުރާމަވެރިންގެ ތެރޭގައި ޖައިޝޭ މުހައްމަދުގެ ހަނގުރާމަވެރިންވެސް ހިމެނޭ

ޕާކިސްތާނުގެ އެކި ހަނގުރާމަވެރި ޖަމާއަތްތަކުގެ 44 މީހަކު އެ ގައުމުން ހައްޔަރުކޮށްފިކަމަށް އެގައުމުގެ އިދާރާތަކުން އަންގާރަ ދުވަހު ބުނެފިއެވެ.

ހައްޔަރު ކުރެވުނު ހަނގުރާމަވެރިންގެ ތެރޭގައި، ޕާކިސްތާނާއި އިންޑިއާއާ ދެމެދު މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުކަމަށްވާ ފެބްރުއަރީ 14 ގެ ހަމަލާގެ ފަހަތުގައިވާ ޖައިޝޭ މުހައްމަދުގެ ހަނގުރާމަވެރިންވެސް ހިމެނެއެވެ.

އަންގާރަ ދުވަހު އިސްލާމް އާބާދުގައި ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން އިންޓީރިއާ މިނިސްޓްރީގެ ސެކްރެޓަރީ ސުލޭމާން ޚާން ވިދާޅުވީ ހައްޔަރު ކުރެވުނު މީހުން 14 ދުވަސް ވަންދެން ބަންދުގައި ތިބޭނެ ކަމަށާއި އިތުރު ހެކި ލިބިއްޖެނަމަ އެމީހުންގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށެވެ.

ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ޖައެޝީ މުހައްމަދު ޖަމާއަތުގެ ވެރިޔާ މަސްއޫދު އަޒްހަރުގެ ކޮއްކޮ އަބްދު ރައޫފް އަޒްހަރާއި، ފިރެހެން ދަރި ހައްމާދު އަޒްހަރް ހިމެނޭ ކަމަށް ޚާން ވިދާޅުވިއެވެ.

އެ ދެ މީހުންނަކީ ވެސް އިންޑިއާގެ ބެލުމުގެ ދަށުގައި އޮތް ކަޝްމީރުގެ ޕުލްވަމާގައި ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ޖާނުން ފިދާވުމުގެ ހަމަލާއެއްދީ އިންޑިއާ ޕެރަމިލިޓަރީ ސިފައިންގެ 42 މީހަކު މަރުވި ހާދިސާއާއި ގުޅިގެން އިންޑިއާ އިން ތުހުމަތުކުރާ ފަރާތްތަކެވެ.

ހަމަލާ ދިން ޖައޭޝް ޖަމާއަތަށް ޕާކިސްތާނު ސަރުކާރުން ހިމާޔަތް ދޭ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ޕާކިސްތާނުން މި ވާހަކަތައް ދޮގުކުރެއެވެ.

އިންޑިއާއިން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެ ހަމަލާ ދީފައިވާއިރު ޕާކިސްތާނުންވަނީ އެގައުމުގެ އަމިއްލަ ސަރަހައްދީ އިމުގެތެރޭގައި އޮވެ އިންޑިއާގެ ދެ މަތިންދާ ބޯޓެއް ވައްޓާލައި ޕައިލެޓަކު ހައްޔަރުވެސް ކޮށްފައެވެ. ނަމަވެސް ސުލްހައިގެ އަތެއް ދިއްކޮށްލުމުގެ ރަމްޒެއްގެ ގޮތުން ޕައިލެޓްވަނީ މިނިވަންކޮށްފައެވެ.

ޕާކިސްތާނުގެ ކަނޑުގެ ސިފައިން ހޮނިހިރު ދުވަހު ބުނެފައިވަނީ އެ ގައުމުގެ ކަނޑުގެ ސަރަހައްދަށް ވަންނަން އުޅުނު އިންޑިއާގެ ސަބްމެރިންއެއްގެ އޮޕަރޭޝަން ފެއިލްކޮށްލާފައިވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް