ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ޖަރުމަންވިލާތުގެ ބާލިންގައި ބާއްވާ އައިޓީބީ ފެއަރ މާދަމާ ރަސްމީކޮށް ފަށާނެއެވެ.
ރާއްޖޭގެ 105 ކުންފުންޏަކުން ބައިވެރިވާ މި ފެއަރ ކުރިއަށްދާނީ މާރޗް 6 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވަނީ ބުނެފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ އެސިސްޓަންޓް ޑިރެކްޓަރު ރީނާ އަބްދުލް ވާހިދު ވިދާޅުވީ ފެއަރގައި 260 ރެޕްރެޒެންޓޭޓިވުން ބައިވެރިވާ ކަމަށާއި ފެއަރ ފެށޭ ފުރަތަމަ ދުވަހު ހުރިހާ މީޑިއާތަކަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ގިނަ ކަންތައްތައް ރާއްޖޭގެ ސްޓޭންޑުން ފެންނަ ހުންނާނެކަން ފާހަގަކުރައްވަމުން އެ ކުންފުނީގެ އެސިސްޓަންޓް ޑިރެކްޓަރު ރީނާ އަބްދުލް ވާހިދު ވިދާޅުވީ ބޮޑުމަހުގެ ކުޅިވަރުތަކާއި ދިވެހި ކެއުންތަކުގެ ރަހަތައް ތަޖުރިބާ ކުރުމުގެ އިތުރުން ދިވެހި ކެއްކުންތައް ވަގުތުން ތައްޔާރުކުރުމުގެ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ.
އަދި ލިޔެލާ ޖެހުމާއި ކަސަބު ވިޔުމުގެ އިތުރުން ރޯނު ވެށުން ވެސް ރާއްޖޭގެ ސްޓޭންޑުން ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ފެއަރގެ ފަހު ދެ ދުވަސް ވިޒިޓަރުންނަށް ހާއްސަކޮށްފައި ވާނީ ރާއްޖެއާ ބެހޭ ގިނަ ގުނަ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
މިފަހަރުގެ ފެއާގައި ރާއްޖޭގެ ކޮންޓިންޖެންޓުގައި އިސްކޮށް ހުންނަވާނީ ނާއިބު ރައީސް ފައިސަލް ނަސީމެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު މުހައްމަދު އަދި ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފް ބައިވެރިވެވަޑައިގަންނަވާނެއެވެ.