ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އައު ހިންގާ ކޮމިޓީ މި ހިނގާ މާރޗް މަހު އެކުލަވާލާނެ ކަމަށް ޔޫތު މިނިސްޓްރީގެ ނޯރމަލައިޒޭޝަން ކޮމިޓީން ބުނެފިއެވެ.
ފެބްރުއަރީ މަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދު އޭރު ވިދާޅުވީ މާރޗް މަހުގެ 15 ގައި ނެޓްބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އެކުލަވާލެވޭނެ ކަމަށެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރަކު ބުނީ، ނިމިގެންދިޔަ ދައުރުގައި މުބާރާތްތަކުގައި ބައިވެރިވެފައިވާ ކްލަބްތަކަށް މެމްބަރޝިޕް ދީފައިނުވާ ކަމަށެވެ. އަދި މެމްބަރުންގެ ގޮތުގައި ތިބި ބައެއް ކްލަބްތައް ވޭތުވެދިޔަ އަހަރުތަކުގައި މުބާރާތެއް ކުޅެފައި ނެތް ނަމަވެސް މެންބަރުންގެ ގޮތުގައި އެބަތިބި ކަމަށެވެ.
އެންމެ އެކަށީގެންވާ ގޮތެއްގައި އެސޯސިއޭޝަން ހިނގަމުން ނުދާތީ މި ވަގުތު އެސޯސިއޭޝަނަށް ޔޫތު މިނިސްޓްރީން ދޭންޖެހޭ ބަޖެޓުން ފަހު ކުއާޓާގެ ފައިސާ ހިފެހެއްޓިފައިވާ ކަމަށް ވެސް ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު ބުންޏެވެ. މި ފައިސާ އާ ހިންގާ ކޮމިޓީ އެކުލަވާލެވި އެސޯސިއޭޝަންގެ ހަރަކާތްތައް ކުރިއަށް ދާ ގޮތަށް ބެލުމަށް ފަހު އެސޯސިއޭޝަނަށް ދެވޭނެ ކަމަށް ވެސް އެ ކޮމިޓީން ބުންޏެވެ.
އަލުން ހިންގާ ކޮމިޓީ އެކުލަވާލުމަށް މެންބަރުންނަށް ވުމަށް ހުޅުވާލާފައިވާ ކަމަށާއި، މިހާތަނަށް ނުވަ ކްލަބަކުން މެންބަރުންގެ ގޮތުގައި ރެޖިސްޓާވެފައި ވާ ކަމަށް ވެސް ނޯމަލައިޒޭޝަން ކޮމިޓީން ބުނެއެވެ.
ނިމިގެން ދިޔަ ދައުރުގައި ނެޓްބޯލް އެސޯސިއޭޝަންގެ ރައީސަކަށް ހުންނެވީ އޭޝިއަން ނެޓްބޯލް ފެޑްރޭޝަންގެ ނައިބުގެ މަޤާމުގައި ވެސް ހުންނެވި އައިމިނަތު ޝާޒްލީންއެވެ.
އޭޝިއަން ނެޓްބޯލް ފެޑްރޭޝަންގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ބޭފުޅަކު ނެޓްބޯލް އެސޯސިއޭޝަންގެ ރައީސްކަމުގައި ހުރިއިރު ދިވެހި ނެޓްބޯޅައަށް އެދެވޭ ކުރިއެރުންތަކެއް ލިބިފައި ނެތުމުން ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އެ އެސޯސިއޭޝަންގެ ނިމިގެންދިޔަ ދައުރުގެ އިސްވެރިންނަށް އަމާޒުވެފައެވެ.