ބްރެކްސިޓަށް ތާއިދުކުރާ އަވަށްތަކަށް ހާއްސަކޮށްގެން 1.6 ބިލިއަން ޕައުންޑްގެ ފަންޑެއް ތައާރަފްކުރަން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ ނިންމެވި ނިންމެވުމަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ފަންޑުގެ ވާހަކަ އިއުލާނު ކުރުމުން އެއީ މޭގެ ބްރެކްސިޓް ޑީލަށް ތާއީދު ހޯދުމުގެ ގޮތުން ހުށައެޅި ރިޝްވަތެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރި ނަމަވެސް، މޭގެ ކެބިނެޓުގައި މަސައްކަތް ކުރައްވާ މިނިސްޓަރުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
މިއީ ބްރެކްސިޓާއި އެއްކޮޅަށް ވޯޓު ދިން ލޭބަރ ޕާޓީގެ ޕާލިމަންޓު މެމްބަރުން ނިސްބަތްވާ އަވަށްތަކަށް އަމާޒުކޮށް، އެ މީހުންގެ ތާއީދު ހޯދުމަށް މޭ ތައާރަފް ކުރެއްވި ޕްލޭނެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. ލޭބަރ ޕާޓީގެ މެމްބަރުން ތަމްސީލުކުރާ ގިނަ އަވަށްތަކުން ވޯޓު ދީފައިވަނީ ބްރެކްސިޓާއި އެއްކޮޅަށެވެ.
"ސްޓްރޯންގަރ ޓައުންސް ފަންޑް" ގެ ނަމުން ނަންދެވިފައިވާ ފަންޑު ތައާރަފަކުރައްވަމުން، މޭ ވިދާޅުވީ މި ފަންޑަކީ އެ ގައުމުގެ މަދުން އާމްދަނީ ލިބޭ ހިސާބުތަކުގައި އާ ވަޒީފާތަކާއި ވިޔަފާރިތައް އުފެއްދުމުގެ ގޮތުން ރޭވިގެން އައި ފަންޑެއް ކަމަށެވެ. ނަމަވެސް މި ފަންޑަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ ހުރިހާ އަވަށްތަކަށް މި ފަންޑު ބަހަލުމުން އެއްވެސް އަވަށަކަށް އެކަށީގެންވާ ވަރުގެ ފައިދާއެއް ލިބޭނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.
އިނގިރޭސިވިލާތް ޔޫރަޕުގެ އިއްތިހާދުން ވަކިވާން ހަމަޖެހިފައިވަނީ އަންނަ މޭ މަހުގެ ކުރިންނެވެ. އަދި ކުރިން މޭ ހުށައެޅުއްވި ހުށައެޅުމަށް ޕާލިމަންޓުން ނޫނެކޭ ބުނެފައިވާ އިރު، އޭގެ ތެރޭގައި އަމިއްލަފުޅު ޕާޓީގެ މެމްބަރުން ވެސް ހިމެނިވަޑައިގެންނެވިއެވެ. މޭގެ އާ ހުށައެޅުން މި މަހުގެ 16ވަނަ ޕާލިމަންޓުގެ ތަޅުމުގައި އިއްވާނެ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.