Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 03:59
މާލޭގައި ގާއިމްވެފައި ހުރި ހައިކޯޓް
މާލޭގައި ގާއިމްވެފައި ހުރި ހައިކޯޓް
މުހައްމަދު ޝަރުހާން
ހައިކޯޓް
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
އެކޯޓުގެ މުވައްޒަފުން ވަނީ އެހެން ތަންތަނަށް ބަދަލު ކޮށްފައި
އުތުރު ގޮފީގެ މަސައްކަތްތައް ހުއްޓާލި ސަބަބެއް ޖޫޑިޝަރީން ހާމައެއް ނުކުރޭ

ހައިކޯޓްގެ އުތުރުގޮފި ބަންދުކޮށް، އެ ކޯޓްގައި މަސައްކަތް ކުރި މުވައްޒަފުންތައް އެހެން ތަންތަނަށް ބަދަލުކޮށްފި އެވެ.


ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށީގައި ހުންނަ ހައިކޯޓްގެ އުތުރުގޮފި ބަންދުކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އަދި އެތަން ހިންގަމުން އައި އިމާރާތް ބަލަހައްޓަމުން މިހާރު ގެންދަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުންކަމަށާއި އެ ކޯޓްގައި މަސައްކަތް ކުރަމުން ދިޔަ 8 މުވައްޒަފުންގެ ތެރެއިން 7 މުވައްޒަފަކު ވަނީ ފަންނީ ތަމްރީނު ހޯދަން ކަމަށް ބުނެ މާލެގެނެސް، ޖުޑީޝަރީއާ ގުޅުންހުރި ދާއިރާތަކަށް ބަދަލުކޮށްފައި ކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެނގިފައިވާ ގޮތުގައި އެމީހުން މާލެ ގެނެސްފައި ވަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ. އެ ކޯޓްގެ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މުވައްޒަފު ވަނީ ކުޅުދުއްފުށީ ކޯޓްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ. މާލެ ގެނައި ހަތް މުވައްޒަފުންގެ ތެރެއިން ތިން މުވައްޒަފުން މަސަކަތް ކުރަމުން ގެންދަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގަ އެވެ. އަދި ޑްރަގް ކޯޓަށް ދެ މުވައްޒަފުން، ޖުޑިޝަރީ އެކަޑަމީއަށް ދެ މުވައްޒަފުން ވަނީ ބަދަލުކޮށްފަ އެވެ.

ހައި ކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ހުއްޓާލީ ކޮން ސަބަބަކާ ހުރެކަމެއް ސާފު ނުވި ނަމަވެސް، މިހާ ހިސާބަށްވެސް ކައިކޯޓުގެ އުތުރުގޮތްޕަށް ފަނޑިޔާރުން ހަމަޖެހިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ. ހައި ކޯޓުގެ އުތުރު ގޮތްޕަށް އިދާރީ މުވައްޒަފުން ނެގީ ހުސްވި އޮގަސްޓު މަހުގެ ތެރޭގަ އެވެ. ހައިކޯޓްގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖެއްސުމަކީ ސްޕްރީމް ކޯޓުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިކަމާއި ގުޅޭގޮތުން ޖުޑިޝަރީން މިހާތަނަށް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް