ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަންތަނާ މަރާލާފައިވާ ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީގެ ހަށިގަނޑު އަންދާލީ ބޮޑު އަވަނަކަށްލާފައި ކަމަށް ބެލެވޭ ކަމަށް އަލްޖަޒީރާ އިން ތައްޔާރުކުރި ޑޮކިއުމެންޓްރީ އިން ބުނެފިއެވެ.
ޚާޝޮގްޖީގެ މަރާއި ބެހޭގޮތުން އަލްޖަޒީރާ އެރަބިކް އިން ތައްޔާރު ކުރި ޑޮކިއުމެންޓްރީގައި ބުނެފައިވަނީ އޭނާގެ ހަށިގަނޑުގެ ބައިތައް އަންދާލާފައިވަނީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލަރ ޖެނެރަލްގެ ގެކޮޅުގައި ކަމަށެވެ.
އާދީއްތަ ދުވަހު އާންމުކޮށްފައިވާ އެ ޑޮކިއުމެންޓްރީގައި ބުނެފައިވަނީ ޚާޝޮގްޖީ އަންދާލި އަވަނުގެ ހޫނު މިނުގައި 1000 ޑިގްރީ ސެލްޝިއަސް ހުންނާނެ ކަމަށާއި އެ ހޫނުމިނަކީ ދަގަނޑު ވެސް ވިރިގެންދާ ހޫނުމިނެއް ކަމަށެވެ.
ސައުދީ ކޮންސިއުލަރގެ ގެކޮޅު ހުންނަނީ އެގައުގެ ކޮންސިއުލޭޓް ހުންނަ އިމާރާތާއި ގާތްގަނޑަކަށް 500 މީޓަރުގެ ދުރުމިނުގައެވެ. ޚާޝޮގްޖީ މަރާލި ދުވަހު ކޮންސިއުލަރގެ ގެކޮޅަށް ކަޅު ކޮތަޅުތަކާއި ސޫޓްކޭސް ތަކެއް ވެއްދި ކަމަށް ވެސް އެ ޑޮކިއުމެންޓްރީގައި ވަނީ ބުނެފައެވެ. އަދި އޭގެތެރޭގައި ވަނީ ޚާޝޮގްޖީ މަރާލުމަށް ފަހު އޭނާގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ ކަމަށާއި ހަދާފައިވާ އަވަނަކީ ކޮންސިއުލަރ ގޭގެ ބޭރުގައި ވަކި މިންގަނޑަކަށް ތައްޔާރުކޮށްފައިވާ އަވަނެއް ކަމަށް ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް ވަނީ ޚާޝޮގްޖީ މަރާލުމަށް ފަހު ހަށިގަނޑުގެ ބައިތައް ކޮންސިއުލަރ ގޭގެ ތެރެއަށް ވެއްދި ކަމަށް ތުހުމަތު ކޮށްފައެވެ. އަދި ހަށިގަނޑުގެ ބައިތައް ވަޅުލާފައިވަނީ ކޮންސުލް ޖެނެރަލްގެ ގޭގެ ބަގީޗާ ތެރެއިން ކަމަށް ވެސް އޭރު އަޑުތައް ފެތުރުނެވެ.
ޚާޝޮގްޖީގެ މަރުގެ ތަހުގީގު ކުރި ތުރުކީގެ ތަހުގީގީ ޓީމުން ވެސް ވަނީ އޭނާ ސައުދީ ކޮންސިއުލޭޓުގައި މަރާލުމަށް ފަހު އެ އިމާރާތުގައި ކުލަ ލާފައިވާ ކަމަށް ބުނެފައެވެ. އަދި އެ އިމާރާތުގެ ފާރުގެ ކުލަ ކަހާލުމުން ޚާޝޮގްޖީގެ ލޭ ފެނިފައިވާ ކަމަށް ވަނީ ބުނެފައެވެ.
އަލްޖަޒީރާއިން ހަދާފައިވާ ޑޮކިއުމެންޓްރީގައި ވަނީ ސެކިއުރިޓީ އޮފިޝަލުންނާއި، ސިޔާސީ ފަރާތްތަކާއި އަދި ތުރުކީގައި ތިބޭ ޚާޝޮގްޖީގެ ރައްޓެހިންގެ އިންޓަވިއު ވެސް ހިމަނާފައެވެ.
ސައުދީ އިން ޚާޝޮގްޖީ މަރާލާފައިވާ ކަމަށް އޭނާ މަރުވި ތާ 18 ދުވަސް ފަހުން ހާމަކުރަމުން ބުނެފައިވަނީ ޚަޝޯގީ މަރުވެފައި ވަނީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި ހުރި މީހަކާއި ޚަޝޯގީއާ ދޭތެރޭ ހިނގައިދިޔަ ޒުވާބެއްގެ ތެރޭގައި ކަމަށެވެ.
ޚާޝޮގްޖީ މަރާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އޭނާ މަރާލާފައިވަނީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަންތަނުންނެވެ.
ތުރުކީން ބުނަމުން އަންނަނީ ޚަޝޯގީ މަރާލުމަށް އަންގާފައިވަނީ ސައުދީގެ މަތީ ފަންތީގެ ބައެއްގެ އަމުރަށް ކަމަށެވެ. ޚަޝޯގީގެ މަރުގެ ތުހުމަތުތައް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް އަމާޒުވި ކަމުގައި ވިއަސް ސައުދީއިން އެކަން ދޮގު ކުރެއެވެ.