ކ. މާލެ
|
3 މާރޗް 2019 | އާދީއްތަ 23:02
އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ
އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ
ރާއްޖެއެމްވީ
އުރީދޫ މޯލްޑިވްސް
އުރީދޫއަށް 545 މިލިޔަން ރުފިޔާގެ ފައިދާ ލިބި، ހިއްސާއަށް 3.22ރ ބަހަން ނިންމައިފި
ހިއްސާއަކަށް 3.22ރ. ބަހަން ވަނީ ނިންމާފައި

އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި 2018 ވަނަ އަހަރު 545 މިލިޔަން ރުފިޔާ ލިބިއްޖެއެވެ.

އުރީދޫއަށް ލިބިފައިވާ ފައިދާއިން ހިއްސާދާރުންގެ މެދުގައި 88 ޕަސެންޓް ބަހަން ވަނީ ހަމަޖެހިފައެވެ. އަދި އުރީދޫ އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަކަށް 3.22ރ. ބަހަން އާދިއްތަ ދުވަހުގެރޭ ވަނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައެވެ. 

އެގޮތުން އެ ކުންފުނީގެ ހިއްސާގެ 9.1 ޕަސެންޓް އާންމުންނަށް ބެހުމަށް ވަނީ ނިންމާފައެވެ. ބާކީ އޮތް 90.9 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލް އެފް ޒެޑް- އެލް އެލް ސީގެ ހިއްސާ އެވެ.

ދަރުބާރުގޭގައި ބޭއްވި އުރީދޫގެ އަހަރީ އާއްމު ޖަލްސާއަށް 109 ހިއްސާދާރުން ހާޒިރުވެފައިވާއިރު، ޕްރޮކްސީ ހިފައިގެން ހިއްސާދާރުން ތަމްސީލް ކުރުމަށް 48 ފަރާތަކުން ވަނީ ހާޒިރުވެފައެވެ. އެހެންކަމުން ޖުމްލަ 157 ހިއްސާދާރުންނާއި އެކީ ކުރިއަށްގެންދިޔަ އަހަރީ އާންމު ޖަލްސާގައި ކުންފުނީ އޮޑިޓް ކުރުމަށް ހިއްސާދާރުންގެ ތާއީދާއެކު ވަނީ ކޭޕީއެމްޖީ އައްޔަން ކޮށްފައެވެ. މިއީ ފާއިތުވި ދެ އަހަރުގައި ވެސް އެކުންފުނި އޮޑިޓްކޮށްފައިވާ ފަރާތެވެ.

ކުންފުނީގެ ހިއްސާދާރުންނާއު ކަސްޓަމަރުންނަަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭ ނަފާއާއި ޚިދުމަތުގެ ސަބަބުން 2018 ވަނަ އަހަރު އެކުންފުނީގެ އާމްދަނި ވަނީ 6 އިންސައްތަ ކުރިއަރާފައެވެ. 

ސާފު ފާއިދާގެ ނިސްބަތް ވަނީ 2017 ވަނަ އަހަރު ހާސިލްވި 31.5 އިން 27.9 އަށް ދަށަށް ގޮސްފައެވެ. މީގެ ސަބަބަކީ އުރީދޫގެ ސަބްސިޑަރީ ކުންފުނި ، ވާފް ޓެލެކޮމް އިންޓަރނޭޗަނަލް ޕްރައިވެޓް ލިމިޑެޓްގެ އިންޓޭޖިބަލް އެސެޓްތަކުގެ އިމްޕެއަރމަންޓްގެ ގޮތުގައި 354 މިލިއަން ރުފިޔާ 2018 ވަނަ އަހަރުގެ ފައިދާއިން އުނިވެފައިވާތީއެވެ. 

2018 ވަނަ އަހަރު ކުންފުނީގެ އާމްދަނީ ވަނީ 107 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ކަސްޓަމަރުން އިތުރުވުމާއި، ކަސްޓަމަރުންގެ ބޭނުންތަކަށް ބިނާކޮށް ތަފާތު ގިނަ އައު ޚިދުމަތްތައް ތަޢާރަފް ކުރުމެވެ. 

އަދި މިދިޔަ އަހަރު ކުންފުނީގެ ކެޕިޓަލް ޚަރަދު އުނިކުރުމަށް ފަހު ކުންފުނީގެ މަސައްކަތުން ލިބޭ ފައިސާގެ ގޮތުގައި 424 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 

2017 ވަނަ އަހަރު ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަކަށް 3.20ރ ވަނީ ބަހާފައެވެ. 

2018 ވަނަ އަހަރު އުރީދޫގެ ކަސްޓަމަރުންގެ އަދަދު ވަނީ 440,00 އަށް އިތުރުވެފައެވެ. ފާއިތުވި 5 އަހަރުގެ ތެރޭގައި ހިދުމަތް ހޯދާ ފަރާތްތަކުގެ އަދަދު އެވަރެޖް ގޮތެއްގައި އަހަރަކު 12.4 އިންސައްތަ އިތުރުވެފައިވެއެވެ. 

- ކޮމެންޓް