ބުންޑަސްލީގާގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ބަޔާން މިއުނިކް ކާމިޔާބުކޮށްފިއެވެ.
ބަޔާން މިއުނިކް މެޗު ކާމިޔާބުކުރީ ބްރޯޝިއާ މަންކެން ގްލަބެކްއާ ވާދަކޮށް 1-5 ލަނޑުންނެވެ.
މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުން އައީ ބަޔާން މިއުނިކް އިންނެވެ. މެޗުގެ ދެވަނަ މިނެޓުގައި ބަޔާން މިއުނިކް އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގެ ފެށުން ރަނގަޅު ކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖޭމެސް ރޮޑްރިގޭޒްގެ އެހީތެރިކަމާ އެކު ހާވީ މާރޓިނޭޒްއެވެ.
ފުރަތަމަ ހާފްގެ ދެވަނަ މިނެޓުގައި ބަޔާން ފުރަތަމަ ލަނޑު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވެ، މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ތޯމަސް މުލާއެވެ.
ގްލަބެކްގެ ހަމައެކަނި ގޯލް މެޗުގެ 37 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ތޯރގަން ހެޒާރޑްގެ އެހީތެރިކަމާ އެކު ލާރސް ސްޓިންޑަލްއެވެ.
ދެވަނަ ހާފް ފެށިގެން ބަޔާން މިއުނިކްގެ ހަމަލާތަށް ވަރުގަދަކޮށް ލީޑް ވަނީ އިތުރަށް ފުޅާކޮށްފައެވެ.
މެޗުގެ 47 ވަނަ މިނެޓުގައި ތިއޭގޯ އަލްކަންޓާގެ އެހީތެރިކަމާ އެކު ރޮބާޓް ލިވެންޑްވޯސްކީ ވަނީ ބަޔާން މިއުނިކްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ބަޔާންގެ ތިންވަނަ ލަނޑާއެކު ގްލަބެކް އިން ވަނީ ލީޑް ކުޑަކުރުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެ ޓީމަށް ވަނީ މާ އެދެވޭ ނަތީޖާއެއް ނުނެރެވިފައެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ސާރޖް ގެބްރީ ކާމިޔާބުކޮށްދިން ލަނޑާ އެކު ބަޔާން މިއުނިކް އަތުނުވާ ވަރުގެ ބޮޑު ލީޑެއް ނެގިއެވެ.
ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ގްލަބެކްއަށް ލިބި ވަނީ ބޭކާރުވެފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ދިން ދެ މިނެޓުގެ ބޭނުން ހިފައި ލިވެންޑްވޯސްކީ ވަނީ ބަޔާންގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. ބަޔާން މެޗް ކާމިޔާބުކުރީ 5-1 އިންނެވެ.
މި މޮޅާއެކު ތާވަލްގެ އެއްވަނާގައި އޮތް ބްރޯޝިއާ ޑޯރޓްމަން އާއި ބަޔާން މިއުނިކް ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ.
ކުޅުނު 24 މެޗުން ލިބުން 54 ޕޮއިންޓާ އެކު ބަޔާން މިއުނިކް ދެވަނާގައި އޮތްއިރު މި މެޗުން ބަލިވި ގްލަބެކް އޮތީ ކުޅުން 24 މެޗުން ލިބުން 43 ޕޮއިންޓާ އެކު ތާވަލްގެ ހަތަރުވަނައިގައެވެ.