ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާ އިން ޕޮއިންޓް ތާވަލުގައި 10 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ރެއާލްއާ ވާދަކޮށް ބާސާއިން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.
ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެ ޓީމުން ވެސް ދިޔައީ ހަމަލާތައް އުފައްދަމުންނެވެ. އެގޮތުން ރެއާލުން އުފައްދަމުންދިޔަ ހަމަލާތައް ފާހަގަކޮށްލެވެއެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 26 ވަނަ މިނެޓުގައި ކާމިޔާބުކުރީ އިވާން ރަކިޓިޗްއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ސާޖިއޯ ރޮބާޓޯގެ އެހީތެރިކަމާ އެކުގައެވެ.
މި ލަނޑާ އެކު ރެއާލުން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، ފުލުފުލުގައި ހަމަލާތައް ވަނީ އުފައްދާފައެވެ. ނަމަވެސް އެ ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި އެޓީމަށް އުފެއްދިފައެއް ނުވެއެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސާއަށް ވަނީ ލީޑު ފުޅާކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ލިއޮނެލް މެސީ އާއި ލުއިސް ސުއަރޭޒްއަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.
23 - @FCBarcelona has scored vs Real Madrid last 23 meetings in #LaLiga, the best run for a team in the clásico's history in the competition. Tendency pic.twitter.com/hUSYXyVVGf
— OptaJose (@OptaJose) March 2, 2019
ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ނުރައްކާތެރި ގިނަ ހަމަލާތައް ފެނިގެންދިޔައެވެ. ނަމަވެސް އެ ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ދެ ޓީމަށް ވެސް ހިފިފައެއް ނުވެއެވެ.
މިއީ ރެއާލްގެ މައްޗަށް ހަތަރު ދުވަހުގެ ތެރޭގައި ބާސާ އިން ކުރިހޯދި ދެވަނަ ފަހަރެވެ. ބުދަ ދުވަހު ރެއާލްއާ ދެކޮޅަށް ބާސާ ކުޅެފައިވާއިރު، އެ މެޗުން ބާސާ މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ. މި ދެ މެޗުން ވެސް ރެއާލް ބަލިވީ އަމިއްލަ ދަނޑުގައެވެ.
މި ނަތީޖާއާ އެކު ބާސާ އޮތީ ކުޅުނު 26 މެޗުން ލިބުނު 60 ޕޮއިންޓާ އެކު ޕޮއިންޓް ތާވަލުގެ އެއް ވަނައިގައެވެ. ބާސާގެ ފަހަތުން ދެވަނައިގައި އޮތީ އެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެޓްލެޓިކޯ މެޑްރިޑެވެ.
ބާސާ އާއި އެޓްލެޓިކޯއާ ދެމެދު 10 ޕޮއިންޓްގެ ފަރަގެއް އޮތްއިރު، އާދީއްތަ ދުވަހުގެ ރޭ ރެއާލް ސޮސައިޑާޑްއާ ދެކޮޅަށް ކުޅޭ މެޗުން އެޓްލެޓިކޯ މޮޅުވެއްޖެނަމަ، ފަރަގު ހަތް ޕޮއިންޓަށް ކުޑަވާނެއެވެ.
ރެއާލް އޮތީ ކުޅުނު 26 މެޗުން ލިބުނު 48 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. ހަތަރު ވަނައިގައި އޮތީ 26 މެޗުން ލިބުނު 40 ޕޮއިންޓާ އެކު ޑިޕޯޓިވޯ އަލަވޭސްއެވެ.