މިދިޔަ މަހުގެ 29-27 އަށް ވިއެޓްނާމްގައި ބޭއްވި ކިމް-ޓްރަމްޕް ސަމިޓަށް ފަހު އުތުރު ކޮރެޔާގެ ލީޑަރު ކިމް-ޖޮންގު އުން އެނބުރި ގައުމަށް ފުރާވަޑައިގެންފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ކިމްގެ ބައްދަލުވުން ނިމިގެން ދިޔައިރު އެއްބަސްވުމަކަށް އާދެވިފައިވާ ނުވާ ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ. އެ ބައްދަލުވުމުގައި އެއްވެސް އެއްބަސްވުމަކަށް ވަޑައިގެންނެވިފައިނުވާއިރު މުސްތަގުބަލުގައި އިތުރު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ދެ ގައުމުގެ ޓީމުން ވެސް ދެކޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބައްދަލުވުން ނާކާމިޔާބުވީ އުތުރެ ކޮރެޔާ ދެކޮޅަށް އަޅާފައި ހުރި ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެގައުމުން އެދުމުން ކަމަށް އެމެރިކާ އިން ބުނި ނަމަވެސް ކޮރެޔާ އިން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
ހޮނިހިރު ދުވަހާ ހަމަޔަށް ވިއެޓްނާމްގައި ކިމް މަޑުކުރެއްވިއިރު އެމަނިކުފާނު ވަނީ، ވިއެޓްނާމްގެ ގައުމީ ބަތަލު ހޯ ޗީ މިންގެ މަގްބަރާއަށް ޒިޔާރާތްކުރައްވާފައެވެ.
ހޯ ޗީ މިން ވަނީ ވިއެޓްނާމްގެ ބޮޑު ވަޒީރުކަން 1955-1945 އަށް ކުރައްވާފައެވެ. ކިމްގެ ކާފަފުޅު ކިމް ސުން 1964 ވަނަ އަހަރު ހަނޯއީ އަށް ވަޑައިގެންނެވި ދަތުރުފުޅުގައި އޭނާ ވަނީ ހޯޗީމިންއާ ބައްދަލުކުރައްވާފައެވެ. ކިމް ސުން އަށް ފަހު އުތުރު ކޮރެޔާގެ ލީޑަރަކު ވިއެޓްނަމް އަށް ވަޑައިގެންފައި މިވަނީ 39 އަަހަރު ފަހުންނެވެ.
ހަނޯއީން 170 ކިލޯ މީޓަރު ކަޑައްތުކޮށް ކާރެއްގައި ޑޮންޑޮން ރޭލް ސްޓޭޝަނަށް ކިމް ވަޑައިގަތުމުން އުތުރު ކޮރެޔާގެ އާއި ވިއެޓްނާމްގެ ދިދަ ހިފަހައްޓައިގެން އެމަނިކުފާނަށް އަލްވަދާއު ކިޔުމަށް ގިނަ ބަޔަކު ވަނީ ރޭލް ސްޓޭޝަނަށް ޖަމާވެފައެވެ.
ވިއެޓްނާމް އިން ރޭލުގައި އުތުރު ކޮރެޔާގެ ވެރިރަށް ޕިޔޮންޔަން އަށް 4500 ކިލޯމީޓަރު ކަޑައްތުކުރަން ޖެހެއެވެ. އެގޮތުން ކިމް އަށް އެމަނިކުފާނުގެ ގައުމަށް ވަޑައިގަނެވޭނީ 60 ގަޑިއިރަށް ފަހުއެވެ. ވިއެޓްނާމް އަށް ކިމް ވަޑައިގެންފައި ވަނީ ވެސް ރޭލުގައެވެ.
ކިމްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ވިއެޓްނާމްގެ ރައީސް ގުއެންހޫ ޓްރަންއާ ހޮނިހިރު ދުވަހު ބައްދަލުކުރައްވާފައެވެ.