ކ. މާލެ
|
3 މާރޗް 2019 | އާދީއްތަ 07:08
މައިކް ޕޮމްޕެއޯ އަދި ފިލިޕީންސްގެ ފޮރިން ސެކެޓްރީ ތިއޮޑޯރޯ ލޮކްސިން
މައިކް ޕޮމްޕެއޯ އަދި ފިލިޕީންސްގެ ފޮރިން ސެކެޓްރީ ތިއޮޑޯރޯ ލޮކްސިން
އޭއެފްޕީ/ގެޓީ
އެމެރިކާ - ފިލިޕީންސް
ފިލިޕީންސްއަށް ހަމަލާދީފި ހާލަތެއްގައި އެހީތެރިވާނަން: އެމެރިކާ
ހަމަލާދީފި ނަމަ އެހީވާނެ ކަމަށް ބުނީ ދެ ގައުމުން ހެދިފައިވާ އެއްބަސްވުމާ އެއްގޮތަށް

ޗައިނާއިން ފިލިޕީންސްއަށް ހަމަލާދީފި ހާލަތެއްގައި އެ ގައުމުގެ ދިފާއުގައި އެމެރިކާއިން އެ ގައުމުގެ ދިފާއުގައި ނިކުންނާނެ ކަމުގެ ޔަގީންކަން، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ދެއްވައިފިއެވެ.

ހުކުރު ދުވަހު ދެ ގައުމުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮމްޕެއޯ ވިދާޅުވީ ދެ ގައުމުން ހެދިފައިވާ ދިފާއީ އެއްބަސްވުމާއި އެއްގޮތަށް އެމެރިކާއިން އަބަދުވެސް ފިލިޕީންސްގެ ދިފާއުގައި ނިކުންނާނެ ކަމަށެވެ. އެމެރިކާއިން މިހެން ބުނެފައި ވަނީ، ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އެ ގައުމުގެ އަސްކަރީ ބާރު އިތުރުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޗައިނާއިން ދަނީ އެ ސަރަހައްދުގައި އަތް ގަދަ ކުރުމުގެ ގޮތުން ރަށްތަކެއް ހިއްކުމަށް ފަހު، އަސްކަރީ މަރުކަޒުތަކެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ސަރަހައްދަކީ ޗައިނާގެ ތަނެއް ކަމަށް ތާރީހުން ފެންނަން އޮތް ކަމަށް ޗައިނާއިން ބުނިކަމުގައިވީ ނަމަވެސް ފިލިޕީންސްއާއި ވިއެޓްނާމު، ތައިލެންޑު އަދި މެލޭޝިއާއިން ވެސް އެ ސަރަހައްދުގެ މިލްކުވެރިކަމަށް ދައުވާ ކޮށްފައިވެއެވެ.

އެމެރިކާއިން މިހެން ބުނިކަމުގައިވީ ނަމަވެސް، ފިލިޕީންސްއާއި ޗައިނާގެ ގުޅުން ވަނީ ދުވަހަކުވެސް ނުވާވަރަށް ބަދަހިވެފައެވެ. އެގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފިލިޕީންސްއަށް ރަސްމީ ޒިޔާރަތެއް ކޮށްފައެވެ. މިއީ ޗައިނާގެ އިސްވެރިއަކު ޒަމާންތަކަކަށް ފަހު ފިލިޕީންސްއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އަދި ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭގެ އަރިސް ބޭފުޅުން ހިމެނޭ ގޮތަށް، އެ ގައުމުގެ އެތައް ބަޔަކު ވަނީ އެމެރިކާއާއި އެކު ހެދިފައިވާ އެއްބަސްވުން މުރާޖައާ ކުރަން ޖެހޭ ކަމަށް ބުނެފައިވެއެވެ.

ދެކުނު ޗައިނާ ކަނޑަކީ ގުދުރަތީ ވަސީލަތްތައް މުއްސަންދި ސަރަހައްދެކެވެ. މި ސަރަހައްދުން ގުދުރަތީ ގޭސް ވެސް ގިނަ އަދަދަކަށް ފެނިފައިވާ އިރު، އދ.އަށް ވެސް އެ ސަރަހައްދުގެ ގައުމުތަކުން ވަނީ އެތަންތަނުގެ މިލްކުވެރިކަމާއި މެދު ގޮތެއް ނިންމުމަށް ހުށައަޅާފައެވެ. ނަމަވެސް ޗައިނާއިން ވަނީ އޭގެ އެއްވެސް ނިންމުމަކަށް ބޯނުލަނބާނެ ކަމުގެ އިޝާރާތްތަކެއް އެތައް ފަހަރަކު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް