ކ. މާލެ
|
19 ފެބްރުއަރީ 2017 | އާދީއްތަ 23:25
ފާރިސް މައުމޫން އަދި އައިމިނަތު ނާދިރާ
ފާރިސް މައުމޫން އަދި އައިމިނަތު ނާދިރާ
ސަން އޮންލައިން
ޕީޕީއެމް
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
ޝަރީޢަތް ކުރިއަށް ނުދަނީ ޕީޕީއެމް އިން ހާޒިރު ނުވާތީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ރައީސް މައުމޫންގެ ފެކްޝަންގެ ނައިބް ރައީސް އައިމިނަތު ނާދިރާ ޕިޕީއެމްއިން ވަކިކުރުމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާކޮށްފިއެވެ.  

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އައިމިނަތު ނާދިރާ ވިދާޅުވީ ސިވިލް ކޯޓްގައި އެ މައްސަލަ ތާވަލް ކޮށްފައި ވަނީ މާދަމާ މެންދުރު ފަހު 2:00 އަށް ކަމަށެވެ.

ނާދިރާ ވިދާޅުވީ މާދަމާ ތާވަލް ކޮށްފައިވާ އަޑުއެހުމަށް އެ ބޭފުޅުންގެ ފަރާތުން ގާނޫނީ ވަކީލް ހުސްނު ސުއޫދު ވަޑައިގަންނަވާނެ ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވެފައި ވަނީ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް އަޑުއެހުންތައް ބޭއްވުމަށް މިހާތަނަށް ތިން ފަހަރެއްގެ މަތިން ކޯޓުގައި ތާވަލުކޮށްފި ކަމަށާއި ނަމަވެސް އެއިން އެއްވެސް ފަހަރަކު ޕީޕީއެމް އިން ކޯޓަށް ހާޒިރުވެފައިނުވާ ކަމަށެވެ.

ސުއޫދު ވިދާޅުވީ ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ އެންމެ ފުރަތަމަ ދިޔައީ "ޑިސްޕިއުޓް ރިޒޮލިއުޝަން" މަރުހަލާއަށް ކަމަށެވެ. އެމަރުހަލާއަށް ފަހު މިހާރު ތިން ފަހަރެއްގެ މަތިން ކޯޓުގައި އަޑުއެހުން ތާވަލް ކުރި ކަމަށް ސުއޫދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އެންމެ ފަހުން އެމައްސަލަ ކޯޓުގައި ތާވަލްކުރީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 11:00 އަށް ކަމަށާއި އެދުވަހު ވެސް މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ނުވީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވުމާ ގުޅިގެން ކަމަށެވެ. ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވަނީ ގަސްދުގައި މައްސަލަ ކުރިއަށް ގެންދިޔަ ނުދިނުމަށް ކަމަށް ސުއޫދު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ފާރިސް މައުމޫނު ޕީޕީއެމުން ވަކިކުރީ އިއުލާން ކުރުމެއް ނެތި ޓޫރިޒަމްގެ މަސައްކަތްތަކަށް ރާއްޖޭގެ ރަށްތައް ކުއްޔަށް ދޫކުރާ އިސްލާހު ފާސްކުރަން ތްރީ ލައިން ވިޕެއް އެޕާޓީން ނެރެފައި ވަނިކޮށް، އެ ނިންމުމާ އޭނާ ހިލާފުވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަށް ހާޒިރުވެވަޑައިގެން އިންނަވައި ފާރިސް ވޯޓު ދެއްވީ ބިލް ފާސްކުރަން ނުފެންނަ ކަމަށެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ފާރިސް، ޕާޓީން ވަކިކުރަން ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް މައުމޫނު ވަނީ ފާރިސް އެޕާޓީން ވަކިނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.

 

 

- ކޮމެންޓް