ކ. މާލެ
|
2 މާރޗް 2019 | ހޮނިހިރު 19:25
އިންޑިއާގެ ސިފައިންތަކެއް ކަޝްމީރުގައި ހަރަކާތްތެރި ވަނީ
އިންޑިއާގެ ސިފައިންތަކެއް ކަޝްމީރުގައި ހަރަކާތްތެރި ވަނީ
އިންޑިއަން އެކްސްޕްރެސް
އިންޑިއާ - ޕާކިސްތާނު މައްސަލަ
އިންޑިއާއާއި ޕާކިސްތާނުން ބަދަލުކުރި ބަޑީގެ ހަމަލާތަކުގައި ހަތް މީހަކު މަރުވެއްޖެ
މަރުވީ އާއްމުންގެ ފަސް މީހަކާއި ސިފައިންގެ ދެ މީހަކު
ހަމަލާތައް ބަދަލުކޮށްފައި ވަނީ ޕާކިސްތާނުން ހައްޔަރުކުރި އިންޑިއާގެ ޕައިލެޓު މިނިވަންކޮށްފައި ވަނިކޮށް

އިންޑިއާއާއި ޕާކިސްތާނުގެ އަސްކަރިއްޔާއިން ކަޝްމީރުގައި ބަދަލުކުރި ހަމަލާތަކުގައި، ސިފައިންގެ ދެ މީހަކާއި އާއްމުންގެ ދެ މީހަކު މަރުވެ ގިނަ އަދަދެއްގެ ބަޔަކަށް ޒަހަމްވެއްޖެއެވެ.

ހޮނިހިރު ދުވަހު ދެ ފަރާތުން ބަދަލުކުރި ހަމަލާތަކުގައި މަރުވީ އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ޕޫންޗް ސަރަހައްދުގައި ދިރިއުޅޭ އާއިލާއެއްގެ މަންމައަކާއި އޭނާގެ ދެ ދަރިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ހަމަލާގައި އެ ކުދިންގެ ބައްޕައަށް ވެސް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި މަރުވީ އެ ގައުމުގެ ދެ ސިފައިންނާއި އިތުރު ފިރިހެނަކާއި ކުޑަކުއްޖެއް ކަމަށް ޕާކިސްތާނުގެ އޮފިޝަލުން ވަނީ ބުނެފައެވެ. ސިފައިންގެ ދެ މީހުން މަރުވީ އާއްމުން ދިރިއުޅޭ ސަރަހައްދަކަށް އިންޑިއާއިން ދިން ހަމަލާތަކުގެ ރައްދުގައި ހަމަލާދޭން އުޅެނިކޮށް ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

ދެ ގައުމުން ވެސް ބުނެފައިވަނީ، ހަމަލާ ދީފައި ވަނީ ރައްދުގައި ދިން ހަމަލާތަކުގައި ކަމަށެވެ. އަދި އެއް ގައުމު އަނެއް ގައުމުން ބުނަމުން ދަނީ، ފުރަތަމަ ހަމަލާދިނީ އަނެއް ގައުމުގެ އަސްކަރިއްޔާއިން ކަމަށެވެ. މިއީ ދެ ގައުމުން 2003ވަނަ އަހަރު ވެފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފަށް ކޮށްފައިވާ ކަމެކެވެ.

މި ހުރިހާ ކަމެއް ހިނގާފައިވަނީ ޕާކިސްތާނުން ހައްޔަރުކުރި  އިންޑިއާގެ ޕައިލެޓު މިނިވަންކުރުމާއި ގުޅިގެން ދެ ގައުމުގެ މައްސަލައަށް ހައްލެއް ލިބިދާނެ ކަމަށް ހީކުރެވިފައި ވަނިކޮށެވެ. ނަމަވެސް ޕައިލެޓު މިނިވަން ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް ދެ ގައުމުން ވަނީ ހަމަލާ ބަދަލުކުރަން ފަށާފައެވެ.

ޕާކިސްތާނާއި އިންޑިއާގެ ގުޅުން ގޯސްވީ އިންޑިއާގެ ބެލުމުގެ ދަށުގައި އޮތް ކަޝްމީރުގެ ޕުލްވަމާގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އިންޑިއާ ޕެރަމިލިޓަރީ ސިފައިންގެ 42 މީހަކު މަރުވުމާ ގުޅިގެންނެވެ. އިންޑިއާ އިން ވަނީ މި ހަމަލާ ދިން ޖައޭޝް ޖަމާއަތަށް ޕާކިސްތާނު ސަރުކާރުން ހިމާޔަތްދޭ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ޕާކިސްތާނުން މި ވާހަކަތައް ދޮގުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް