ކ. މާލެ
|
2 މާރޗް 2019 | ހޮނިހިރު 09:15
ހަމްޒާ ބިން ލާދިން
ހަމްޒާ ބިން ލާދިން
އޭޕީ
ބިން ލާދިންގެ ދަރިފުޅު
ހަމްޒާ ބިން ލާދިންގެ ސައުދީ ރަށްވެހިކަން އަތުލައިފި
ހަމްޒާގެ ރަށްވެހިކަން އަތުލީ ރޯޔަލް އޯޑަރެއްގެ ދަށުން
އެމެރިކާއިން ވަނީ އޭނާ ހައްޔަރުކުރަން އެހީތެރިވާ ފަރާތަކަށް އެއް މިލިއަން ޑޮލަރުގެ އިނާމެއް ހުށައަޅާފައި

އުސާމާ ބިން ލާދިންގެ ދަރިއެއް ކަމުގައިވާ، ހަމްޒާ ބިން ލާދިންގެ ސައުދީ ރަށްވެހިކަން އެ ގައުމުގެ ސަރުކާރުން އަތުލައިފިއެވެ.

އެމެރިކާ އިން ހޯދަން އިއުލާން ކޮށްފައިވާ ހަމްޒާގެ ރަށްވެހިކަން އަތުލީ، ސައުދީގެ ރޯޔަލް އޯޑަރަކުން ކަމަށް އެ ގައުމުގެ ހާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. އަދި މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސައުދީ ގަނޑުވަރުން ނިންމަވާފައިވާ ނިންމުމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެމެރިކާއިން  2017 ވަނަ އަހަރުން ފެށިގެން ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަމްޒާ ބިން ލާދިން ހައްޔަރުކުރެވޭ ވަރުގެ މައުލޫމާތެއްދޭ ފަރާތަކަށް، އެމެރިކާ އިން އެއް މިލިއަން ޑޮލަރުގެ އިނާމެއް ހުށައަޅާފައި ވެއެވެ.

ހަމްޒާ ހޯދަމުންދާ ކަން އިއުލާން ކުރަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު އިއުލާނުގައި ބުނެފައި ވަނީ، ހަމްޒާ ހޯދަމުން ދަނީ ބައްޕަގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ހުޅަނގުގެ ގައުމުތަކުގެ ވެރިރަށްތަކަށް ހަމަލާދޭން ގޮވާލަމުން ދިޔުމާ ގުޅިގެން ކަމަށެވެ. އަދި އެމެރިކާ އިން ބޭރުގައި ދިރިއުޅޭ އެ ގައުމުގެ މީހުންނަށް ހަމަލާ ދިނުމަށް ވެސް އޭނާ ގޮވާލާފައި ވެއެވެ.

ހަމްޒާ މިހާރު އުޅެނީ އަފްޣާން-ޕާކިސްތާނު ބޯޑަރު ސަރަހައްދުގައި ކަމަށް ލަފާކުރެވޭ ކަމަށް އެމެރިކާ އިން ވަނީ ބުނެފައެވެ. ނަމަވެސް އޭނާ ސީދާ ދިރިއުޅެމުން ގެންދަނީ ކޮން ސަރަހައްދެއްގައި ކަން ކަށަވަރު ވާނެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ވެސް އެމެރިކާ އިން ވަނީ ބުނެފައެވެ.

އުމުރުން 30 އަހަރު ވެފައިވާ ހަމްޒާ ވަނީ ސައުދީ ގަބީލާތަކަށް، ޔަމަނުގެ އަލްގައިދާ ގޮތްޕާ ގުޅިގެން، ސައުދީ ސަރުކާރަށް  ހަމަލާދޭން ގޮވާލާފައެވެ. ''ކްރައުން ޕްރިންސް އޮފް ޖިހާދު''ގެ ނަމުން ނަން ދީފައިވާ ހަމްޒާ ކައިވެނި ކޮށްގެން އުޅެނީ ސެޕްޓެމްބަރު 11 ގައި އެމެރިކާގެ ޓްރޭޑް ސެންޓަރަށް ދިން ހަމަލާގައި ފްލައިޓް ހައިޖެކްކުރި ކަމަށް ބުނާ މިސްރުގެ މުހައްމަދު އަތާގެ ދަރިއަކާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް