ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 22:42
ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަދި ވައިޓް ހައުސްގެ ސީނިއަރ އެޑްވައިޒަރު ޖެރެޑް ކުޝްނާ
ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަދި ވައިޓް ހައުސްގެ ސީނިއަރ އެޑްވައިޒަރު ޖެރެޑް ކުޝްނާ
ރޮއިޓަރސް
އެމެރިކާ - ސައުދީ އަރަބިއާ
ވައިޓް ހައުސްގެ އެޑްވައިޒަރު ޖެރެޑް ކުޝްނާ ސައުދީ ވަލީއަހުދާއި ބައްދަލު ކުރައްވައިފި
މިއީ ނޫސްވެރިޔާ ޙަޝޯގީ މަރާލި ފަހުން ދެބޭފުޅުން ބައްދަލުކުރެއްވި ފުރަތަމަ ފަަހަރު

ވައިޓް ހައުސްގެ ސީނިއަރ އެޑްވައިޒަރު ޖެރެޑް ކުޝްނާ، ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާއި ބައްދަލު ކުރައްވައިފިއެވެ.

ނޫސްވެރިޔާ ޖަމާލް ޙަޝޯގީ ތުރުކީގައި ހުންނަ ސައުދީ އެމްބަސީ ތެރޭގައި މަރާލި މައްސަލަ ފެންމަތިވީ ފަހުން ބޭއްވި ފުރަތަމަ ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ އެމެރިކާއާއި ސައުދީން އެކުގައި އިތުރު މަސައްކަތްތަކެއް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. އަދި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާއި ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި އެމެރިކާގެ ސްޕެޝަލް ރެޕްރެޒެންޓޭޓިވް ފޯރ އިންޓަނޭޝަނަލް ނެގޯޝިއޭޝަންސް ޖޭސަން ގްރީންބްލެޓް އަދި އެމެރިކާއިން އިރާނަށް ކަނޑައަޅުއްވާފައި ހުންނަ ސްޕެޝަލް ރެޕްރެޒެންޓޭޓިވް ބްރަޔަން ހުކް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސައުދީ ވަލީއަހުދާއި އެކު ބޭއްވި ބައްދަލު ކުރެއްވުމަށް ފަހު، ކުޝްނާ ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާންއާއި ބައްދަލު ކުރައްވާފައެވެ. ތުރުކީގެ ފިނޭންސް މިނިސްޓަރު ބަރާތް އަލްބާރަކް ވެސް ބައިވެރިވަޑައިގެންނެވި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ މެދު އިރުމަތީގެ ސުލްހައިގެ ޕްލޭނާއި ބެހޭގޮތުން ކަމަށް ތުރުކީގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ކުޝްނާ މެދުއިރުމަތީގެ ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އޭނާ ފަލަސްތީނާއި އިޒްރޭލު ސުލްހަކުރުމުގެ ގޮތުން ފަށާފައިވާ މަސައްކަތްތަކާއި ބެހޭގޮތުން އެ ސަރަހައްދުގެ ގައުމުތަކުގެ ލީޑަރުންނާއި މަޝްވަރާ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. އެގޮތުން އޭނާ ވަނީ ބަހްރޭނާއި ޔޫއޭއީއަށް ވެސް ދަތުރު ކުރައްވާފައެވެ.

ކުޝްނާގެ ސުލްހައިގެ ހުށައެޅުން އެޕްރިލް 9ގައި ބާއްވާ އިޒްރޭލުގެ އާއްމު އިންތިހާބަށް ފަހު އާއްމުކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިއީ ޓްރަމްޕްގެ ފުރަތަމަ ދައުރު ނިމުމުގެ ކުރިން ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް ހައްލެއް ގެންނަވާނެ ކަމަށް ވެފައިވާ ވައުދު ފުރިހަމަ ކުރެއްވުމުގެ ގޮތުން ކުޝްނާއާއި ހަވާލުކުރެވިފައިވާ މަސައްކަތެކެވެ. ނަމަވެސް އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރުމާއި ގުޅިގެން، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ އެމެރިކާއިން މި މަޝްވަރާތަކުގެ މެދުވެރިއަކަށް ވާން ކުފޫ ހަމަނުވާ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް