ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 04:55
ޔޫއެން ފްރެންޑްސް ޓީމް
ޔޫއެން ފްރެންޑްސް ޓީމް
ހާފް ކޯޓް މޯލްޑިވްސް
އެމްބީއޭ ޗެމްޕިއަންޝިޕް
އެމްބީއޭ ޗެމްޕިއަންޝިޕް: ޗެމްޕިއަންކަން ޔޫއެން ޕްރެންޑްސް ހޯދައިފި
ޔޫއެން ފްރެންޑްސް 58، ސައިކްލޯން ބީސީ 30
ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ބުރާސްފަތި ދުވަހުގެރޭ ކުޅޭނެ

އެމްބީއޭ ޗެމްޕިއަންޝިޕް އަންހެން ޑީވިޝަންގެ ޗެމްޕިއަންކަން ޔޫއެން ފްރެންޑްސް ހޯދައިފިއެވެ.

ޔޫއެން ފްރެންޑްސް މުބާރަތް ކާމިޔާބުކުރީ ސައިކްލޯން ބީސީއާއި ވާދަކޮށް 58 ޕޮއިންޓް، 30 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗު ފެށިގެން ރަނގަޅަށް ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެމުންއައީ ޔޫއެން ފްރެންޑްސްއިންނެވެ.

މެޗުގެ ފުރަތަމަ ކުއާޓާގައި ބޮޑު ލީޑެއްނަގާ، ސައިކްލޯންއަށް ފުލުފުލުގައި ޔޫއެން ފްރެންޑްސް ޓީމުން ހަމަލާތަކެއް ދިނެވެ.

ފުރަތަމަ ކުއާޓާގައި ޔޫއެން ފްރެންޑްސް 20 ޕޮއިންޓް ކާމިޔާބު ކުރިއިރު، ސައިކްލޯން ބީސީއަށް ކާމިޔާބުކުރެވުނީ ހަ ޕޮއިންޓެވެ.

ދެވަނަ ކުއާޓާގައި ސައިކްލޯން ބީސީން ހަދަމުންއައި ގޯސްތަށް ރަނގަޅުކޮށް ޑިފެންސް ރަނގަޅު ކުރިއެވެ. މި ކުއާޓާގައި ޔޫއެން ފްރެންޑްސް ޓީމުން 10 ޕޮއިންޓް ކާމިޔާބުކުރިއިރު، ސައިކްލޯން ބީސީން ވަނީ އަށް ޕޮއިންޓް ކާމިޔާބުކޮށްފައެވެ.

ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޔޫއެން ފްރެންޑްސްއިން، ސައިކްލޯން ކޮޅަށް ތިންވަނަ ކުއާޓާގައި 14 ޕޮއިންޓް ސްކޯ ކުރިއިރު، ސައުކްލޯން ބީސީއަށް މި ކުއާޓާގައި ކާމިޔާބު ކުރެވުނީ ނުވަ ޕޮއިންޓެވެ.

މެޗުގެ ފަހު ކުއާޓާގައި ޔޫއެން ފްރެންޑްސް ވަނީ 14 ޕޮއިންޓް ކާމިޔާބުކޮށްފައެވެ. މި ކުއާޓާގައި ސައިކްލޯން ބީސީއަށް ކާމިޔާބުކުރެވުނީ ހަތް ޕޮއިންޓެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ ޔޫއެން ފްރެންޑްސް 58، ސައިކްލޯން ބީސީ 30 ޕޮއިންޓެވެ. 

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ޔޫއެން ފްރެންޑްސަށް 16 ޕޮއިންޓް ހޯދައިދިން ފާތިމަތު ރިޝްމާއެވެ.

ރިޝްމާގެ ފަރާތުން މުބާރާތުގައި ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ރިޝްމާ ވަނީ ހަތަރު މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުން ތެރިން ތެރޭގައިވެސް ރިޝްމާ ހިމެނެއެވެ.

ރިޝްމާގެ އިތުރުން، ސައިކްލޯން ބީސީގެ ނަޝްފާ އާމިރާއާއި، ޔޫއެން ފްރެންޑްސްގެ އައިޝަތު ރީމް، ހަމަ އެ ޓީމުގެ އައިޝަތު އިސްރާއު އާއި، ޔޫއެން ފްރެންޑްސްގެ ޝިޒްނާ ރަޝީދު އަދި ސައިކްލޯން ބީސީގެ ރައިފާ އިބްރާހިމް ވަނީ ގަދަ ފަސް ކުޅުންތެރިން ތެރޭގައި ހިމެނިފައެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ބުރާސްފަތި ދުވަހުގެރޭ ސޯޝަލް އިންޑޯ ކޯޓުގައި ކުޅޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް