ކ. މާލެ
|
27 ފެބްރުއަރީ 2019 | ބުދަ 08:26
މަމްގެ ޕޯސްޓަރެއް
މަމްގެ ޕޯސްޓަރެއް
މުހައްމަދު ޝަރުހާން
މަމް
ސްރީދޭވީގެ 'މަމް' ޗައިނާގައި ރިލީޒް ކުރަނީ
މިއީ ސްރީ ދޭވީގެ 300 ވަނަ ސްކްރީން އެޕިއަރެންސް ފާހަގަކުރި ފިލްމު

ބޮލީވުޑްގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅުނު ސްރީ ދޭވީ މަރުވުމުގެ ކުރިން އޭނާ ކުޅެފައިވާ އެންމެ ފަހު ފިލްމު، 'މަމް' ޗައިނާގައި ރިލީޒްކުރަން ނިންމައިފިއެވެ.

ޗައިނާގައި މި ފިލްމު ރިލީޒް ކުރުމަށް ނިންމާފައިވަނީ މި ފެށޭ މާރިޗު މަހުގެ 22 ވަނަ ދުވަހުއެވެ.

ސްރީދޭވީގެ ހުވަފަތް ފިރިމީހާ ބޯނީ ކަޕޫރް އަންގާރަ ދުވަހު ބުނީ މި ފިލްމަކީ ސްރީދޭވީގެ ތަފާތު މޮޅު ފިލްމެއް ކަމަށާއި، ސްރީދޭވީގެ ފަހު ފިލްމު އަވަށްޓެރި ޤައުމެއްގައި ދައްކަން ބޭނުންވީ އެހެންވެ ކަމަށެވެ.

"މަމް، މި ފިލްމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ޚާއްސަކޮށް މަންމައިންނާއި އަދި އާންމުކޮށް ހުރިހާ އޯޑިއެންސަކާއިވެސް ވަރަށް ގުޅުންބޮޑު ފިލްމެއް. މިއީ ސްރީ ގެ ފަހު ފިލްމު، އެހެންކަމުން އަހަރުމެން ބޭނުންވީ މި ރީތި ވާހަކަ ދުނިޔެއާ ހިއްސާކުރަން"، ބޯނީ ކަމޕޫރް ބުނެފައިވެއެވެ.

ރަވީ އުދްޔާވަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ފެނިގެންދަނީ ސްރީ ދޭވީ އޭނާގެ ދޮންދަރިފުޅުގެ މަރުގެ ބަދަލުހިފުމަށް ކުރާ ކަންތައްތަކެކެވެ.

ސްރީ ދޭވީ މަރުވިފަހުން މި ފިލްމުގައި އޭނާ އަދާކޮށްފައިވާ ރޯލަށް، އިންޑިއާގެ ނޭޝަނަލް ފިލްމް އެވޯޑްސްގައި ވަނީ ބެސްޓް އެކްޓްރެސްގެ އެވޯޑް ދީފައެވެ.

މި ފިލްމަކީ ނިމިގެންދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ދުބާއީގައި ބިލިގާއެއްތެރެއަށް ގެނބިގެން މަރުވި ސްރީ ދޭވީގެ 300 ވަނަ ސްކްރީން އެޕިއަރެންސް ފާހަގަކުރި ފިލްމެވެ.

މި ފިލްމު ޗައިނާގައި ރިލީޒްކުރާއިރު، މީގެ ކުރިން މި ފިލްމު ވަނީ ޕޮލެންޑް، ޗެކް ރިޕަބްލިކް، ރަޝިއާ، އެކުވެރި އަރަބި އިމާރާތް، އިނގެރޭސިވިލާތް، އެމެރިކާ އަދި ސިންގަޕޫރުގައިވެސް ރިލީޒްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް