އިންޑީޔާގައި ފިޔަޖަހަމުން އަންނަ މަޝްހޫރު ލަވަ ކިޔުންތެރިޔާ ނޭހާ ކައްކަރް އޭނާގެ ކުރީގެ ލޯބިވެރިޔާ ހިމާންޝް ކޯލީގެ ދިފާއުގައި ވާހަކަދައްކައިފިއެވެ.
ހިމާންޝްއަކީ ޝަކުވާ ބޮޑު އަދި އުންމީދު ކުރި ކަހަލަ މީހެއް ނޫން ކަމަށް ޑެއިނިކް ބާސްކަރަށް ދިން އިންޓަވިއުއެއްގައި އުމުރުން 30 އަހަރުގެ ނޭހާ ބުނެފައިވެއެވެ.
މިޚަބަރު އިންޑިޔާގެ ނޫސްތަކުގެ ފަލަ ސުރުހީއަށް އަރާފައިވާއިރު ނޭހާ ވަނީ ބައެއް ޚަބަރު ފަތުރާ ފަރާތްތަކުން ހިމާންޝްއާއި ގުޅޭގޮތުން ދޮގު ވާހަކަދައްކަމުންދާ ކަމަށް ބުނެފައެވެ. އެގޮތުން ހިމާންޝްއަކީ ވަފާތެރި މީހެއް ކަމަށާއި އޭނާއަކީ ވަރަށް ރަނގަޅު މީހެއް ކަމަށްވެސް ނޭހާ ވަނީ އޭނާގެ އިންސްޓަރގްރާމް ޕޯސްޓެއް މެދުވެރިކޮށް ބުނެފައެވެ.
ލޯބިވެރިޔާއާއި ވަކިވާން ޖެހުމުން ވަރަށް ހިތްދަތިވި ކަމަށް އޭނާ މީގެ ކުރިންވެސް ބުނެފައިވާ ކަމަށް ނޭހާ ވަނީ މިޕޯސްޓްގައި ބުނެފައެވެ. އެހެންކަމުން ހިމާންޝްއާއި ދިމާލަށް މީޑީޔާތަކުން އިނގިލި ދިއްކުރާއިރު އެކަމުގެ ހަޤީޤަތް އެނގިގެން ތިބެ ވާހަކަދައްކަން ޖެހޭ ކަމަށް ނޭހާ ބުނެފައިވެއެވެ.
"ބޭޑް ރިލޭޝަންޝިފް" އަކުން މޫވް އޮން ކުރެވުމުން އެކަމާ އުފާވާ ކަމަށާއި އާއިލާ އާއިއެކު ވަގުތު ހޭދަކުރެވޭ ގޮތް ވުމުން އެކަމަށް ޝުކުރުވެރިވާ ކަމަށް ނޭހާ ވަނީ ބުނެފައެވެ.
ނޭހާ އާއި ހިމާންޝްގެ ލޯބީގެ ގުޅުން ކަށަވަރުކޮށްދީފައިވަނީވެސް އަދި ބްރޭކަޕްވިކަންވެސް ޔަގީންކޮށް ދީފައިވަނީ "އިންޑިއަން އައިޑޮލް" ސީޒަން 10 ގެ ތެރޭގައެވެ.
ނޭހާ އެންމެ ފަހުން ކިޔާފައިވާ ފާގަހަކޮށްލެވޭ ލަވަ ތަކުގެ ތެރޭގައި މިދިޔަ ޑިސެމްބަރު މަހު ރިލީޒް ކުރި ފިލްމް "ސިމްބާ" ގެ "އާންކްމާރޭ" އަދި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދި 'ދިލްބަރު' ލަވަ ހިމެނެއެވެ.
މީގެ އިތުރުން ކާތިކް އާރްޔަން އާއި ކްރިތީ ސަނޯން ލީޑް ރޯލުން ފެނިގެންދާ ފިލްމް "ލޫކާ ޗުއްޕީ" އަށް "ކޮކާ ކޯލާ" ރިމިކްސްވެސް ކިޔާފައިވަނީ ނޭހާއެވެ.
އުމުރުން 29 އަހަރުގެ ހިމާންޝް ބޮލީވުޑަށް ތަޢާރުފު ވެފައިވަނީ 2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ޔާރިޔާން" އިންނެވެ.
މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރާ ކަރަން ޖޯހަރުގެ ފިލްމް "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގައި ހާއްސަ ފެނިލުމަކުން ހިމާންޝް ފެނިގެންދާނެއެވެ.