ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 17:26
ވެނެޒުއޭލާގެ ސިފައިންގެ ބެރިކޭޑެއް ފުރޮޅާލަނީ
ވެނެޒުއޭލާގެ ސިފައިންގެ ބެރިކޭޑެއް ފުރޮޅާލަނީ
އީޕީއޭ
ވެނެޒުއޭލާގެ ހަމަނުޖެހުން
ވެނެޒުއެލާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނަން: އެމެރިކާ
ކުރިމަތިލުންތަކުގައި ތިން މީހަކު މަރުވެފައިވާ އިރު، 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައި

ވެނެޒުއޭލާ އަށް ފޮނުވި އެހީ އަށް ހުރަސް އެޅުމާ ގުޅިގެން، އެ ގައުމާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފިއެވެ.

ވެނެޒުއެލާގެ އަސްކަރިއްޔާ އިން ވަނީ އެ ގައުމަށް ފޮނުވި އެހީއަށް ހުރަސްއަޅައި، އެތަނަށް އެއްވި އާއްމުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފައެވެ. އަދި ބްރެޒިލްއާ އިންވެގެން އޮންނަ ސަރަހައްދީ އިމުގައި ހިނގި ކުރިމަތިލުންތަކުގައި ތިން މީހަކު މަރުވެފައިވާ އިރު، 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އެ ކަމާ ގުޅިގެން ހުއާން ގައިޑޯ ވަނީ މަޑޫރޯގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ބައިނަލްއަގްވާމީ މުޖުތަމައު އަށް ގޮވާލައްވާފައެވެ.

ވެނެޒުއޭލާގެ މައްސަލައާ ގުޅިގެން ސަރަހައްދީ ޖަމިއްޔާ ކަމުގައިވާ ލީމާގެ ބައްދަލުވުމެއް ހޯމަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ އިރު، އެ ބައްދަލުވުމަށް އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. އަދި ސަރަހައްދީ ބާރެއް ކަމުގައިވާ ބްރެޒިލް އިން ވަނީ ވެނެޒުއޭލާ "ސަލާމަތްކުރުމަށް" އެ ހުރިހާ ގައުމެއް ގުޅިގެން މަސައްކަތް ކުރަން ގޮވާލާފައެވެ.

މީގެ އިތުރުން އެމެރިކާގެ ސެނެޓަރެއް ކަމުގައިވާ މާކޯ ރޫބިއޯ ވެސް ވަނީ، ކުރިން ނާޅަން ހުރި ފިޔަވަޅު އަޅަން މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވެ އެމެރިކާއާ ދެކޮޅަށް ތެދުވި އެހެން ގައުމުތަކަގެ ލީޑަރުންނަށް ވީގޮތް ދައްކުވައިދޭ ޓްވީޓްތަކެއް ކުރައްވާފައެވެ.

ދުނިޔޭގެ އެއްމެ ބޮޑު ތެލުގެ ރިޒާވް އޮތް ގައުމު ކަމުގައިވާ، ވެނެޒުއޭލާގެ ތެޔޮ ގަތުމާ ދެކޮޅަށް އެމެރިކާ އިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ވެނެޒުއޭލާގެ ރައީސް މަޑޫރޯ ވަނީ އެމެރިކާގެ އަމަލުތައް ކުށްވެރިކޮށް އެ އަމަލުތަކަކީ ބަގާވާތަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ތުހުމަތުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް