ކ. މާލެ
|
19 ފެބްރުއަރީ 2017 | އާދީއްތަ 15:00
ފެބްރުއަރީ 7 ވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު ސިފައިންނާއެކު ޖުމްހޫރީ މައިދާނުގައި: އެ ދުވަހުގެ ވެސް އެމަނިކުފާނު މަސައްކަތް ކުރެއްވީ ބާރުގެ ބޭނުން ނުކުރައްވައި ގައުމީ މަސްލަހަތަށް
ފެބްރުއަރީ 7 ވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު ސިފައިންނާއެކު ޖުމްހޫރީ މައިދާނުގައި: އެ ދުވަހުގެ ވެސް އެމަނިކުފާނު މަސައްކަތް ކުރެއްވީ ބާރުގެ ބޭނުން ނުކުރައްވައި ގައުމީ މަސްލަހަތަށް
ރާއްޖެއެމްވީ
ބަޣާވާތް
7 ފެބްރުއަރީ ގައި ގެނައި ބަޣާވާތުގެ މޮޑެލް!
ޣައިރު ގާނޫނީ އަމުރުގެ ބަދަލުގައި މިހާރު ފެންނަނީ ފައިސާ
ބަޣާވާތް ގެނައީ ވެރިކަމުގެ ދަހިވެތިކަމުގައި

 މީގެ ފަސް އަހަރު ކުރިން، 2012 ވަނައަހަރުގެ ފެބްރުއަރީގެ 7 ވަނަދުވަހު ގެނައި ބަޢާވާތަކީ، ބަޢާވާތެއްގެ ގޮތުން ބަލާއިރު ކާމިޔާބު ބަޣާވާތެކެވެ. އަދި، ދިވެހީންނާއި، އަދި އެހެންމީހުންވެސް ކިޔާ، ކިޔަވާ، ތަޙްލީލުކޮށް، ދަސްކުރަންވީ ކާރިސާއެކެވެ. ޢިބްރަތް ހާސިލް ކުރުމަށެވެ. ބަޣާވާތް ކުރަން ބޭނުންވާ މީހުން، އެމީހުންގެ މަސައްކަތް ކާމިޔާބު ކުރުމަށެވެ. ބަޢާވާތް ކުރުމާއި ދެކޮޅު މީހުން އެފަދަ ކާރިސާއެއް ތަކުރާރު ވިޔަ ނުދިނުމަށެވެ.

 

ދުނިޔޭގެ ތާރީޚަށް ބަލާއިރު ބަޣާވާތް ރޭވި ހިންގަނީ މައިގަނޑު ދެ ސަބަބަކާ ހެދިއެވެ. އެއް ސަބަބަކީ، ވެރިކަމުގެ ފަރާތުން، ރައްޔިތުން ފިއްތާ އެމީހުންގެ އަސާސީ ހައްގުތަކާއި ބޭނުންތައް ފުއްދުމަށް ދަތިކޮށް ހުރަސް އެޅުމެވެ. އަނެއް ސަބަބަކީ، ވެރިކަން ކުރާ ފަރާތް ނޫން އެހެން ފަރާތަކުން ވެރިކަން ބޭނުން ވުމެވެ. އެމީހުންގެ އަމިއްލަ ފައިދާ އާއި ޖާހަށެވެ. އެމީހުންގެ މުއްސަދިކަމާއި ބާރު އިހުނަށް ވުރެ، އިތުރު ކުރުމަށެވެ.

 

7 ފެބްރުއަރީގައި ބާޣާވާތް ގެނައިއިރު، ރާއްޖޭގައި އޮތީ ނަމޫނާ ޑިމޮކްރެސީއަކަށް ނުވިއަސް، ތަރައްގީވެފައިވާ އެހެން ގައުމުތަކުގައިވެސް އޮންނަ ކަހަލަ، ރައްޔިތުންގެ ރުހުމާއި ވޯޓުން އިންތިޚާބު ކޮށްފައިއޮތް ވެރިކަމެކެވެ. މެނިފެސްޓޯ އަކާއި ވަޢުދުތަކެއް ރައްޔިތުންނަށް ހުށައަޅައި، އެކަންތައް ރައްޔިތުން ބޭނުންވެގެން އެމީހުން އިންތިޚާބުކުރި ވެރިކަމެކެވެ. އެއީ، އެވެރިކަމުގައި، ދުވަހަކުވެސް ރާއްޖެ ދެކެފައިނުވާފަދަ، މިނިވަންކަމަކާއި ބާރެއް ރައްޔިތުންނަށް ލިބި، އެމީހުންގެ އަސާސީ ބޭނުންތަކަށް ސަލާންޖަހަން މަހުޖަނުންގެ ގާތަށް ދާން ނުޖެހޭ ނުވަތަ ވެރިކަން ކުރާ ފަރާތަށް އަޅުދާސްވާން ނުޖެހޭ ވެރިކަމެކެވެ. ޢުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ޕެންޝަން ލިބެއެވެ. އިތުރަށް ކިޔަވަން އެދޭ ޒުވާނުންނަށް ކިޔަވާން ލޯން ލިބެއެވެ. އެކަނިވެރި މައިންނަށް ސަހަރޯނުވެ ދަރީންނަށް ކުރާނޭ ޚަރަދުވެސް ލިބޭ ގޮތް އޮތީ ހަމަޖެހިފައެވެ. އަސާސީ ބޭނުންތައް ނުފެދޭ މީހުންނަށް ސަބްސިޑީސް ލިބެއެވެ. އަދި ކޮބައިތޯއެވެ. އާސަންދަ ކިޔާ ޕްރޮގްރާމްއެއްގެ ދަށުން އެއްމެންނަށް ހިލޭ ބޭސްކުރެވެއެވެ. މުޅި ރާއްޖެ އޮތީ ދަތުރުފަތުރުގެ ނިޒާމަކުން ގުޅިފައެވެ. ބޯހިޔާކަމުގެ އޮށް އިންދި ގަސްތައްފަޅާ ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތް ނިމޭތަން އެންމެންގެ ލޯތަކަށް ފެންނަމުން ދެއެވެ.

 

އެހެންކަމުން ޒުވާނުންނަށް ވަނީ އައު އުއްމީދެއްގެ ހުޅުކޮޅު ފެންނަށް ފަށާފައެވެ. މީގެ ކުރިން މަސައްކަތްކޮށްގެން ލިބޭ ލާރިކޮޅު ފަހަށް ރައްކާކުރުމުގެ ބޭނުމެއް ނޯވެއެވެ. އެއީ، ބޯހިޔާވަހިކަމެއް ހޯދޭނޭ ކަމުގެ އެއްވެސް އުއްމީދެއް ނެތުމެވެ. މިޔަކީ އެމީހުންގެ އަތްފޯރާފަށުގައި އޮތްކަމެއް ނޫނެވެ. އެހެންކަމުން، މަހުގެ މުސާރަ ލިބުމުން، އައު ފޯނެއް ގަތުން ނޫނީ، ދަރަންޏަށް ނެގި، ސައިކަލުގެ އިންސްޓޯލްމެންޓް ދެއްކުން ނޫނީ ބޮޑު ކަމެއް ނޯވެއެވެ. ދެން އޮތީ ވަގުތީ މަޖަލެވެ. ގިނަ ފަހަރަށް މިކަންދަނީ، ފާހިޝްކަންތަކަށް މަގުފަހިވެގެންނެވެ. މިހެން ކަމުން އަމާޒެއްނެތި ޒުވާނުން އޮޔާގޮސް ޑްރަގްތެރެއަށް ގެބި ހަލާކުވެދެއެވެ. 2012 ވަނައަހަރުގެ 7 ފެބުރުރީ އައި އިރު، ޒުވާނުންނަށް ވަނީ އައު ކުލަތަކެއް އުދަރެހުން ފާއްދާލާ ފައެވެ. "ބަޅިދާ ކޮކާ ދިހުން އަރާ އުދުހޭ ހިތުން ވެގެން އުފާ، ހުޅިރީތި މާބުރާއެކީ ގޮސްގެން މަޒާ" ނަގަން ފަށާފައެވެ. މީއަކީ، އެބުނާ ތިރީސް އަހަރު ދުވަހުގެ ތެރޭން ބައެއް ރޭރޭ ތީމުގޭ ބަސްބުރިން ބެހި 35 ތަށިބަރިން ކާން ލިބުނު މީހުންނެއް ނޫނެވެ. ނޫނީ މީއަކީ، ފޮނުވި އާދޭހުގެ ސީޓީއަކަށް ސްރީލަންކާގެ ދެކޮޅު ޓިކެޓާއި 300 ޑޮލަރު ލިބުނު ހަރު މީހުންނެއް ނޫނެވެ. އެފަދަ މީހުންނަކަށް "އުސްތާޒުންނާއި ޢާލިމުން އުދަބާއުނާ ޝާޢިރުން، މުސްލިމުތަކުންގެ މުރުޝިދުން ޢިލްމީ ބަހުސް" ކުރާކަށް ބޭނުމެއް ނުވެއެވެ. އެމީހުން އަޑުއަހަން ބޭނުންވީ ޝަހާދަތް އިނގިލި މައްޗަށް ދިއްކޮއްލާފައި ގޮވާލި ގޮވާލުމެވެ. އެއީ، ބައު ގޮވާލުމެކެވެ. އާދެ މީގެ ހާހާ ތިންސަތޭކަ ފަސްދޮޅަށް އަހަރުގެ ކުރިން އޭރުގެ އިސްލާމީ ޚަލީފާ ގަތުލުކޮށްލި ބަޢާވާތުގައިވެސް ގޮވި ގޮވުމެވެ.

ރައްޔިތުންގެ ސަރުކާރު ނުވަތަ އެމްޑީޕީގެ ސަރުކާރު އައުމުން، ކުރިންވެސް ދެންނެވިހެން ރައްޔިތުން ތިބީ ދުވަހަކުވެސް ނުފެނުނު، މިނިވަންކަމަކާއި ފާގަތި ކަމެއްގައެވެ. ދުނިޔެ މިގަރުނުގައި ދުށް އެންމެ ބޮޑު އިގުތިސާދީ ހީނަރުކަން ތަހައްމަލު ކުރަމުން ދިޔައިރު، ދިވެހި ރައްޔިތުންނަކަށް މި ދަތިކަމެއް އިހުސާސެއް ނުކުރެވެއެވެ. މަދަނީ މުއައްޒިފުންގެ މުސާރަ ބޮޑު ކުރިއެވެ. އަދި ކުޑަވެސް ކުރިއެވެ. އެކަމަކު، ކުރިން ލިބުނު އެއްޗަކަށްވުރެ ފަހުން ކުޑަކުރީމާ ލިބުނު އެއްޗެއްވެސް އެންމެ ކުރިއަށް ވުރެ މާބޮޑެވެ. އެހެންކަމުން ރައްޔިތުން ބަޣާވާތެއް ގެނައުމުގެ ބޭނުމެއްނެތެވެ. ބަޣާވާތް ކުރުމުގެ ފުރަތަމަ ސަބަބު ނެތި ދިޔައީއެވެ.

ދެން އޮތީ ދެވަނަ ސަބަބެވެ. އެއީ ވަކިބައެއްގެ އަމިއްލަ އެދުމެވެ. އެމީހުންގެ މުއްސަދިކަމާއި ޖާހު އިތުރު ކުރުމެވެ. މިއީ އަބަދުވެސް ގޯޅި ކަންމަތީގައި ފިލާ އޮންނަ ކަމެކެވެ. ދަނޑިވަޅު ބަލަބަލައެވެ.

 

އިންސާނުންނަކީ، ދަހިވެތި ހިތް ނުފުރޭ ބަޔެއްކަމަށް ވާތީއެވެ. "ހަމަކަށަވަރުން އެ އިންސާނާވީ އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ." ގިނަފަހަރަށް އެ އިންސާނާއަށް ހެޔޮއެދެނީ ކާކުކަންވެސް ނޭނގެއެވެ. ބޭބެ ކޮއްކޮމެން ދެބައިވެދެއެވެ. އަމިއްލަ ދަރިންވެސް ދެބައިވެ ދެކޮޅުވެރީންނާއި ގުޅިދެއެވެ.

 

7 ފެބްރައަރީގައި މިގެނައި ބަޣާވާތަކީ، މި ދެންނެވި ސަބަބަށްޓަކައި ގެނައި ބަޣާވާތެކެވެ. އެކަމަކު، މިއީ، ރާއްޖޭގައި ގެނެވުނު ފުރަތަމަ ބަޣާވާތެއް ނޫނެވެ. އެތަކެއް ބަޣާވާތް ރާވާ ހިންގަން މަސައްކަތް ކުރިއެވެ. މީގެ ތެރޭން ގިނަ ބަޣާވާތް ވީ ނާކާމިޔާބެވެ. އެހެންވީއިރު، މި ބަޣާވާތް ކާމިޔާބު ބަޣާވާތަކަށް ހެދުނީ ކިހިނަކުން ހެއްޔެވެ؟

 

 

އެހެންކަމުން މީ ދަސްކުރަން ރަނގަޅު މޮޑެލް އެކެވެ. މި ބަޣާވާތުގެ ސީދާ ހަރަކާތް ފެށިފައިވަނީ، އިސްލާމް ދީން ހިމާޔަތް ކުރުމުގެ ނަމުގައި 23 ޑިސެމްބަރު އިއްތިހާދުގެ ނަމުގައި އެއްވި މުޒާހަރާއިންނެވެ. މީ އަބަދުވެސް ރާއްޖޭގައި މިކަން ހިނގާގޮތެވެ. ޝަމްޝުއްދީނުގެ ވެރިކަން ވައްޓާލަން ގޮވީ، "ބޭކަލުން ބޭނުމީ، އިސްލާމް ދީން ހެއްޔެވެ؟ ނޫނީ، ޝަމްޝުއްދީން ހެއްޔެވެ؟" މުޙައްމަދު އަމީން މަރާލި ދުވަހު ގޮވީ، "އަތިރީގޭ ބޮޑު ކާފަރު ރަށަށް އަރައިފިއެވެ. އިސްލާމަކު ހުރިއްޔާ ގުޅަކުޅޭ ފަސްގަނޑަށް ނިކުންނާށެވެ.

 

23 އިއްތިހާދުގެ ގޮވެލި އޮތީވެސް މިގޮތަށެވެ. ޕޯސްޓަރުތަކުން ފެންނަން އޮތީ މުންނާރާ ހަނދުފަޅިއެވެ. އެއްވި މީހުންނަށް ފެންނަން ތިބީ ތުބުޅި ދިގު ޝޭޚުން ތަކެކެވެ. އެމީހުން ގޮވަމުން ގެންދިޔައީ ވެރިކަމުގެ ފަރާތުން އިސްލާމްދީނާއި ޚިލާފުވާ ވާހަކައެވެ. ޝޭޚުންގެ ފަހަތުގައި އެމީހުންނަށް ވާގިވެރި ވާން ތިބީ މަހުޖަނުންނެވެ. އިސްލާމްދީނުގައި ކަނޑައެޅިގެން ހުރި ހަރާމް ވިޔަފާރިން ލިބުނު ފައިސާއިން މުއްސަދިވި ޖާހިލުންނެވެ.

 

މިއީ އިސްލާމީ ދައުލަތެއްގައި ބަޣާވާތެއް ކުރަން އައުގޮތެއް ނޫނެވެ. މީ ބައު މޮޑެލް އެކެވެ. އެކަމަކު، ކާމިޔާބު މޮޑެލް އެކެވެ. މިކަން ފުރަތަމަ ތަޢާރަފު ކުރީ އިސްލާމީ ދައުލަތުގެ ތިންވަނަ ޚަލީފާ، އުޡްމާން ބުނު ޢައްފާނު ގެ ޚިލާފަތުގައެވެ. ޔަހޫދީންނާއި ނަސޯރާއިންގެ ރޭވުމުންނެވެ. އެހެންކަމުން ހަނދާން އައު ކޮށްލުމަށް، އިސްލާމީ ތާރީޚްގެ އެ ސަފުހާ އަޑު އަހާލަމާތޯއެވެ؟ ޒުހައިރާ ގެ ސާފު އަޑުންނެވެ. އިސްލާމީ ތާރީޚްތައް ދިވެހިބަހުން ލިޔުއްވާ، ޢަބްދުފާރޫޤް ހަސަންގެ ހިނގާ ގަލަންކޮޅުން ލިޔުއްވާފައިވާ "ޚުލަފާއުއް ރާޝިދޫން ގެ ތެރެއިން އުޡްމާން ބުނު ޢައްފާނު ރަޔިއައްޢަންހް" މި ނަންކިޔާ ފޮތުންނެވެ.

 

"ޤައުމެއްގެ އިޖްތިމާޢީ އަދި ސިޔާސީ ޙާލަތު އެފަދަ ކަމަކަށް ތަންދޭގޮތަށް އޮވެއްޖެނަމަ، އަދި ޢާއްމުންގެ ސިކުނޑިތަކަށް އެކަމުގެ އަސަރު ފޯރަމުން ގެންދާނަމަ، ދަނޑިވަޅުގެ ބޭނުން ހިފާ، އަމިއްލަ އެދުމުގެ މީހުންނަށް ތަޙްރީކެއްގެ ބާނީންގެ ސިފައިގައި ތެދުވުމުގެ ފުރުޞަތު ލިބެއެވެ. އެމީހުންގެ މަޞްލަޙަތު ތަކާއި ބޭނުންތައް ޙާޞިލްކޮށް އެބައިމީހުންގެ ތަޙްރީކު ކާމިޔާބު ކުރުމަށް ޤައުމުގެ ޙާލަތުގެ ފައިދާ ފުރިހަމަޔަށް ލިބިގަނެއެވެ. އެހެންކަމުން އެވަގުތު އިސްލާމީ އުންމަތުގެ ޙާލަތު އޮތްގޮތުގެ ފައިދާ ލިބިގަނެ މުސްލިމުން ބައިބައިކޮށް ފަސާދަކޮށްލުމަށްޓަކައި ތެދުވީ ޢަބްދުބިން ސަބާ އޭ ކިއުނު ޔަހޫދީއެކެވެ.

 

ޢަބްދުބިން ސަބާ އޭނާގެ އެންމެ ފުރުތަމަ މަސައްކަތަކަށް ހެދީ އުމައްޔަތު ވަންހަ އާއި ހާޝިމުވަންހަޔާ ދެމެދު ކުރީއްސުރެ އޮންނަ ވާދަވެރިކަން ދިރުވުމެވެ.

 

ޢަބްދުބިން ސަބާއަށް މާލީ އެހީ ލިބެމުން ދިޔައީ ޔަހުދީންނާއި ނަޞާރާއިންގެ ފަރާތުންނެވެ. މުދަލާއި ފައިސާއަކީ އޭނާގެ ގާތުގައި ތަދު އެއްޗެއް ނޫނެވެ. އަދި މަދު އެއްޗެއްވެސް ނޫނެވެ. އޭނާ އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ބުރުޖަހާން ފެށިއެވެ. އުޡްމާން ބުނު ޢައްފާނު ރަޔިއައްޢަންހް އާ ދެކޮޅަށް ޕްރޮޕެގެންޑާގެ މަސައްކަތް ހަލުއިކަމާއި އެކު ހިންގާން ފެށިއެވެ. އޭނާ އިސްލާމީ ދައުލަތުގެ ކޮންމެ ޕްރޮވިންސްއެއްގައި އޭނާގެ މަރުކަޒެއް އުފެއްދިއެވެ. އޭނާގެ ވާހަކަތައް ފަތުރާ މީހުންވެސް އުންމަތުގެ ކަންކޮޅުތަކަށް ދަތުރުކުރަމުން ގެންދިޔައެވެ. އަމީރުލް މުއުމިނީން އާއި އެކަލޭގެފާނު ޢައްޔަން ކުރައްވާފައި ތިއްބެވި ގަވަރުނަރުންނާއި ބެހޭގޮތުން ޒަހަރު ފަތުރަމުން ގެންދިޔައެވެ.

 

މިފޮތުގައި ޕްރޮފެސަރު ޚާލިދު ޕަރުވޭޒު އާއި ހަވާލާ ދެއްވާ ލިއުއްވާފައި ވެއެވެ. "އުޡްމާން ބުނު ޢައްފާނު ރަޔިއައްޢަންހް ބޭނުންފުޅުވިނަމަ، ފިތުނަވެރީންގެ މަދުމީސްކޮޅެއް ބާރުގެ ބޭނުންފުޅު ކުރައްވައިގެން ހަމަޔަށް އަޅުއްވައިލެއްވިއްޖައީހެވެ. ނަމަވެސް އެކަލޭގެފާނުގެ މަޑުމައިތިރި މިޒާޖުފުޅުގެ ބޭނުން ހިފައިގެން އެކަލޭގެފާނު ބަދުނާމު ކުރިލެއް ވަރުގަދަކަމުން އެތައް ބަޔަކު އެކަލޭގެފާނުގެ ލޭފޮދަށް ފެންބޮވައިގަތެވެ."

 

ތިޔަބޭފުޅުން ތިޔައެއްސެވީ، އިސްލާމީ ޚިލާފަތުގެ ތިންވަނަ ޚަލީފާ، ރަސޫލުއްﷲ (ޞޢވސ) ގެ ދަނބިދަރިކަލުން ޒުއްނޫރައިނި އުޘްމާން ބުނު ޢައްފާން ގަތުލުކޮށްލި ބަޣާވާތުގެ ވާހަކައެވެ. މި ބަޣާވާތަށް ފަހު، އިސްލާމީ އުއްމަތް އެއްގަލަކަށް ދުވަހަކުވެސް ނޭރެއެވެ. މި ބަޣާވާތް ގެނައީ ޢަބްދުބުނު ސަބާ އޭ ކިޔާ މީހެކެވެ. އޭނާއަށް އެހީތެރިވާން ތިބީ، ޔަހޫދީންނާއި ނަސޯރާއިންގެ މަހުޖަނުންނެވެ. ބޭރުފުށުން އިސްލާމްކަން ފާޅުކުރާ މުނާފިގުންވެސް ބައިވެރިވާނޭކަން ޔަގީނެވެ. މިއަދުވެސް މެދުއިރުމަތިން ފެންނަ ފަނާކުރަވި މަންޒަރަކީ، މި ދެންނެވި ބަޢާވާތުގެ އަސަރެވެ.

އެކަން ފެށިގަތީ ދޮގު ސިޓީ އަކުންނެވެ. އަދި އެއްވި މީހުންގެ ތެރެއިން މީހަކު މަރާފިއޭ ގޮވާ ހަޅޭއްލާން ފެށުމުންނެވެ އެއީ، އޭރުގެ މީޑިއާއެވެ.

 

7 ފެބުރުއަރީގައިވެސް ގޮވީ ފުލުހަކު މަރައިފިއޭ ދަނގަޑެއް ހަރައިފިއޭ އެވެ. ގޮވި މީހެއްގެ ފޮޓޯއެއް ނުފެނެއެވެ. އެކަމަކު ޓީވީއިން އެ އަޑު ފޮނުވަމުން ގެންދިޔައެވެ. އޭރުގެ ވަޒީރުންނާއި އިސް މަޤާމުތައް ހަވާލުކުރައްވައިފައިވާ ބޭފުޅުންގެ ފޮޓޯ ބައެއް ޓީވީއިން ދައްކަމުން ގެންދިޔައީ އެކޮޅުކޮޅުންނެވެ. ބޮޑެތި ކޮރަޕްޝަންގެ އިލްޒާމްތައް އަޅުވައި، އާއްމުންގެ ހިތަށް ނުގެނޭވޭނޭ ފަދަ އަދަދުތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަން ހަދަމުން ދިޔައެވެ.

 

ރާއްޖޭގައި މިގެނައި ބަޣާވާތް ބިނާކޮށްފައި އޮތީ ހަމަ ކުރިން ދެންނެވި މޮޑެލްގެ މައްޗަށެވެ. ލާދީނީ ގޮވުމާއި އިސްވެރީން ބަދުނާމު ކުރުމުގެ މައްޗަށެވެ. ދީން ހަތިޔާރަކަށް ހަދައިގެންނެވެ. ސުވާލަކީ ރާއްޖޭގައި ޢަބްދުބުނު ސަބާގެ ދައުރު އޭރު އަދާކުރީ ކާކު ބާވައެވެ؟ މި މީހުންގެ މަސައްކަތަށް ތެޔޮޖަހަން ތިބީ ކޮން ބައެއް ބާވައެވެ؟

 

7 ފެބުރުއަރީގެ ބަޢާވާތަށް ފަސް އަހަރު ފުރިފައިވާއިރު، ދިވެހިންގެ ހާލުއޮތީ ކިހިނަކުން ތޯއެވެ. ގިރިތަކާއި ފަޅުތަކާއި ފަރުތައްތައްވެސް ވިއްކާ ނިމިއްޖެއެވެ. މިހާރު ބާރަށް ސިންގަޕޫރަށް ވިއްކަނީ، ސޮވެރީން ބޮންޑް އެވެ. މި ވިކެނީއަކީ ގައުމުގެ އިސްތިގުލާލް ކަމަކަށް ނުވެއެވެ. ދައުލަތުގެ ތިޖޫރި ހުސް ވެސްޖެއެވެ. ތިޖޫރި ހުރި ތާންގައި އޮތީ ހަމަ ވަޅުގަނޑެކެވެ. އެކަމަކު އެތަން ކޮންނަށް އެހީވީ މިކަން މިހެން ވާނޭ ބުނި މީހާއެވެ. ގައުމު މިއޮތީ ފާލުން ނެއްޓިފައެވެ.

 

މީ ތަފުސީލެއް ބޭނުންވާ ކަމެއް ނޫނެވެ. މޫނުމަތި ރީތިކުރަން ކިތަންމެ ޚަރަދެއް ކުރިޔަސް ދެން އެކަމެއް ނުވާނެއެވެ. ކޮމަންވެލްތައް ގޮންޖެހިދާނެއެވެ. ޔޫއެން އަށް ގޮންޖެހިދާނެއެވެ. އެދުވަހު ގައުމައްޓަކައި ނިކުތް ސިފައިން މިއަދު ކޮބައި ހެއްޔެވެ؟ އެމީހުންގެ ގައިގައި ހިގަނނީ ވަތަނީ ލޯބި ހެއްޔެވެ؟ ނޫނީ އެހެން ގޮތަކުން އުފެދިފައިވާ ލެއެއް ހެއްޔެވެ؟ ގިޑިގެ ތަކެއް ހެން އެބޭފުޅުން ފެންނައިރު، އެބޭފުޅުންގެ ވާޖިބު ފުރިހަމައަށް އެދުވަހު، ނޫނީ މިއަދު އަދާވޭތޯއެވެ. ފުލުހުން ނުކުތީ، ޣައިރު ގާނޫނީ އަމުރަކަށް ބޯ ނުލަބާ ށޯލައެވެ. މިއަދު މި ހިތްވަރުގަދަ މީހުން ބޯލަބަނީ ކޮންއެއްޗަކަށް ބާވައެވެ؟

 

ބަޣާވާތަށް އެހީވި މީހުންގެ ރުހުމާއެކު ރާއްޖޭގެ އަތޮޅެއް ވިއްކާލި ވާހަކަވެސް އެބަ އިވެއެވެ. ދިވެހީން އުޅޭނޭ ބިން މަދު ނޫންކަމަށް މިހާރުގެ ރައީސް ވިދާޅުވެއެވެ. އެކަމަކު، ދިވެހިރާއްޖެ ޖުމުހޫރިއްޔަތަކަށް ބަދަލު ކޮށްލި ރައީސް މުޙައްމަދު އަމީން ވިދާޅުވެފައި ވަނީ، އޭރުވެސް މާލެ އޮތީ ތޮއްޖެހިފައި ކަމަށެވެ.

 

ދިވެހި އުއްމަތަށް އޮތް ބޮޑު ސުވާލަކީ، މި ދިޔަ ފަނާކުރަނިވި ބަޣާވާތަށް ފަހު، މި ގައުމު އެއްބައި ކުރެވިދާނޭ ހެއްޔެވެ؟ އަދި ދެން ބަޣާވާތެއް ގެންނަން ބަޔަކު ނޫޅޭނޭ ވަރުގެ އަދަބެއް ބާޣީންނަށް ދުވަހަކުވެސް ދެވިދާނޭ ބާވައެވެ؟ ޢަދުލުވެރި ފަނޑިޔާރުން މިހާރު އެބަ ތިބި ބާވައެވެ؟

ފެބުރުއަރީ 7 މާޒީވެ ހިނގައިދާނެއެވެ. އެ ހަނދާން ވެސް ނެތި ހިނގައިދާނެއެވެ. އެކަމަކު، ދިވެހީން މިނިވަންކަމަށް ކުރާ އުއްމީދު ހުއްޓާލެވިދާނޭ ހެއްޔެވެ. އެމީހާގެ ހަމަ އިސްކޮޅަށް ދެމިލާ، ހަލާލު މަސައްކަތުން އަނބިދަރީންގެ ކަންތައް ބަލަހައްޓާނޭ ދިވެހި ދަރިންތަކެއް އުފެދި ދާނެބާއެވެ؟ ގެއަށް މިގެންނަ ލާރިއަކީ، ހަލާލު ގޮތަކަށް ހޯދި ލާރިހޭ އަހާނޭ އަތްބެއް ހަމަ އުޅެފާނޭ ހެއްޔެވެ؟

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް
19 ފެބްރުއަރީ 2017 | އާދީއްތަ 11:47
ދައިތަ
ވަރަށް ފުރިހަމަ ރިޕޯރޓެއް ވީހާވެސް ގިނަބަޔަކަށް މިފަދަރިޕޯރޓް އަބަދު އަޑުއިއްވި ފެންނާނެ ގޮތެއްހައްދަވާ