ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 16:56
ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށް ފަހުު ޕީޕީއެމް/ޕީއެންސީގެ ބެފުޅުން
ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށް ފަހުު ޕީޕީއެމް/ޕީއެންސީގެ ބެފުޅުން
ރާއްޖެ އެމްވީ
މަގޭ ރިޕޯޓު
އިދިކޮޅު ފަރާތްތަކާ އެކު، ރައީސް މަޝްވަރާކުރެއްވުން: ތަފާތު ފެނިއްޖެ؟
ރައީސް ސޯލިހާ ބައްދަލުކުރުމުގެ ފުރުސަތަކަށް އެދުމާ އެކު ލަސްތަކެއް ނުވެ އެމަނިކުފާނު ވަނީ އެ ފުރުސަތު ދެއްވާފައި

އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރަކީ، ރާއްޖޭގެ ތާރީހް ދުށް ސިޔާސީ އެންމެ ހަލަބޮލި ދުވަސްތަކެވެ. މުޒާހަރާތަކާއި، ސިޔާސީ ހިޔާލު ތަފާތުވުން އޮތީ ހައްދުފަހަނަ އަޅާފައެވެ. ސިޔާސީ ލީޑަރުންނާއި، އާންމު ރައްޔިތުން ޖަލަށްލުމާއި، އަނިޔާވެރިކަން އޮތީ ވެސް އޮތީ ކުޑައެއް ކޮށެއް ނޫނެވެ. ބުނެވޭ ބަހަކުން، ލިޔާ ލިޔުމަކުން ވެސް ޖަލުގެ ކުޑަގޮޅި ނޫން ގޮތެއް އޭރަކު ނެތެވެ.

އެ ކަންކަން ހައްލުކުރުމަށް، ހެޔޮ ނިޔަތެއްގައި އެ ސަރުކާރަށް އެޅުނު ފިޔަވަޅެއް ވެސް ނެތެވެ. ނަމެއްގައި މަޝްވަރާތަކެއް ކުރި ނަމަވެސް، އެއިން މަޝްވަރާއަކުން އެއްވެސް ނަތީޖާއެއް ނެރުމަށް އޭރުގެ ސަރުކާރުން އޮތީ ބޭނުން ނުވެފައެވެ. މަޝްވަރާތައް ކުރިއަށް ދިޔަގޮތުން ވެސް އެކަން ވަރަށް ސާފުކޮށް އޮތީ ފެންނާށެވެ.

މަޝްވަރާތަކުގައި، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިނުގަތުމާއި، ކޮންމެ މަޝްވަރާއަކަށް ވެސް ކޮންމެވެސް ނަމެއްގައި މަންދޫބަކު ކަނޑައެޅުމާއި، އެ މަންދޫބަކު ދައްކާ ވާހަކައިގައި އެއްވެސް ބަރުދަނެ ނެތުން ފަދަ އެތައް އެތައް ކަމަކުން، ސަރުކާރުގެ ކުޑަވެސް ހެޔޮ ނިޔަތެއް، މަޝްވަރާތައް ކުރިއަށްގެންދިއުމުގައިި ނެތްކަން އޮތީ އެނގެންށެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން އެތައް ފަހަރެއްގެ މަތިން، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން އެދުނު ނަމަވެސް، އެއިން ކޮންމެ ހުށަހެޅުމަށް ދީފައި ވަނީ ބީރު ކަންފަތެކެވެ. މަޝްވަރާކުރަންޖެހޭ ކަމެއް ނެތް ކަމަށް ވިދާޅުވެ، އޭރުގެ އިދިކޮޅު ފަރާތްތަކަށް ހެއްދެވި ނުހެއްދެވިއަށް ގޮވުން އެއީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި ބޭފުޅާ ކަންކުރައްވަމުން ގެންދެވިގޮތެވެ. 

އަބްދުﷲ ޔާމީންގެ އިތުރުން، އެމަނިކުފާނަށް ވާގިވެރިވަމުންދިޔަ ސިޔާސީ ބޭފުޅުން ވެސް ގެންގުޅުއްވީ އެއް ވިސްނުމެކެވެ. މަޝްވަރާކޮށް، ވާހަކަދެއްކުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ދެކޭ ވިސްނުމެވެ.

ފާހަގަކޮށްލަން މި އުޅެނީ، އެ ވާހަކަތަކެއް ނޫނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އާދިއްތަ ދުވަހު އެ ދެއްކެވި ނަމޫނާގެ ވާހަކައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދިވަޑައިގަތުމަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައިި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ އެކު، ޕީޕީއެމް/ޕީއެންސީ ނުވަތަ ޕްރޮގްރެސިވް ކޯލީޝަން ހިތްހަމަނުޖެހިފައިވަނިކޮށް، އެ ޕާޓީތަކުގެ ފަރާތުން އެދުނީ ރައީސް ސޯލިހާ ބައްދަލުކޮށްލެވުމުގެ ފުރުސަތަކަށެވެ. އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްލުމުގެ ފުރުސަތަކަށެވެ. 

ބުުރާސްފަތިި ދުވަހު މެންދުރު ފަހު، 2:30 ގައި ރައީސް ސޯލިހާ ބައްދަލުކޮޮށްލެއްވުމަށް އެ ޕޮއިންޓެމްނެޓަކަށް އެ ޕާޓީތަކުން އެދުމާ އެކު، ޖެހުނު ފުރަތަމަ ރަސްމީ ދުވަހު ރައީސް ސޯލިހް ވަނީ އެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އަބްދުﷲ ޔާމީން ކަންކުރެއްވި ގޮތަށް، ސިޔާސީ ފަރާތްތަކަށް، ހެއްދެވި ނުހެއްދެވިއަށް ލިބިވަޑައިގެންނެވި ކޮންމެ ޕޯޑިއަމެއްގައި ގޮވާފައެއް ނުވެއެވެ. އިސްކުރެއްވީ މަޝްވަރާކުރުމުގެ ރީތި ސިފައެވެ. 

އެ ޕާޓީތަކުން އެދިވަޑައިގެންނެވި ގޮތަށް ބައްދަލުކުރެއްވުމަށް ފަހު، އެ ޕާޓީތަކުގެ ހުރި ކަންބޮޑުންވުންތައް ސާފުކޮށް ރައީސް އޮޅުން ފިލުއްވިއެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ދެއްވީ ޕޮޒިޓިވް ޖަވާބުތަކެއް ކަމަށެވެ. 

ރައީސް ސޯލިހް ވެސް ބޭނުންފުޅުވި ނަމަ، މަޝްވަރާކުރަންޖެހޭ ކަމެއް ނެތް ކަމަށް ވިދާޅުވެ، އިދިކޮޅު ޕާޓީތަކާ ބައްދަލުނުކުރެއްވުމަށް ބަހަނާތަކެއް ދެއްކެވުމުގެ ފުރުސަތު އެމަނިކުފާނަށް ވެސް އެބަ އޮތެވެ. ޕްރޮގްރެސިވް ކޯލީޝަނަކީ ރައީސް ސޯލިހްގެ ހަމުގެ ކުލައަށްދާންދެން އެމަނިކުފާނަށް ފާޑުކިޔައި، އެއްޗެހި ބުނަމުންގެންދާ ބައެކެވެ. އާއިލާގެ މެމްބަރުންނާއި، ތައުލީމީ ފެންވަރާއި، އެހެންގޮސް އޮތިއްޔާ އޮތް އެއްޗެއް އެ ބޭފުޅުން ރައީސް ސޯލިހަށް ގޮވާފައިވެއެވެ. ނަމަވެސް ޒާތީ ކަންކަން އެއް ފަރާތްކުރެއްވުމަށް ފަހު، ރައީސް ސޯލިހް ޤައުމީ މަސްލަހަތު އިސްކުރައްވާ މިންވަރު، އެމަނިކުފާނު އިދިކޮޅު ފަރާތްތަކާ ބައްދަލުކުރެއްވި ކުރެއްވުމުން ވެސް އެނގިގެން ގޮސްފައި ވެއެވެ. 

މިގޮތަށް ގޮސް، ކިތަންމެ ވާހަކައެއް ދެއްކިދާނެއެވެ. ބައްދަލުވުމަށް ފަހު ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުން ދަސްކުރަންވީ ކަމަކީ މަޝްވަރާކުރުމަކީ ކަންކަން ހައްލުކުރެވޭނެ މަގެއް ކަމެވެ. ރައީސް ސޯލިހަކީ، އަބްދުﷲ ޔާމީން ފަދަ ހުދުމުތާރު އުސޫލުތަކެއް ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމެވެ. އެމަނިކުފާނަކީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް މަޝްވަރާތަކަށް އިސްކަން ދެއްވި ބޭފުޅެކެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުގެ މަޝްވަރާތަކުގައި އިސްކޮށް ހުންނެވީ ވެސް އެމަނިކުފާނެވެ. އެ ތަޖުރިބާގެ ބޭނުންފުޅު މިހާރު ވެސް އެ ގެންދަވަނީ ކުރައްވަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް