ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 10:45
ސިޓީން ލީގް ކަޕް އުފުލާލަނީ
ސިޓީން ލީގް ކަޕް އުފުލާލަނީ
ޓްވިޓަރ
ލީގް ކަޕް
ލީގް ކަޕް: ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް ސިޓީން ޗެމްޕިއަންކަން ހޯދައިފި
ޕެނަލްޓީން ޗެލްސީގެ މައްޗަށް ސިޓީ ކުރިހޯދީ 3-4 ގެ ނަތީޖާއަކުން

ލީގް ކަޕްގައި ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް، މެންޗެސްޓާ ސިޓީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ޗެލްސީ އާއި ސިޓީ ބައްދަލުކުރި ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ދެޓީމު ވަނީ 0-0 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އެގޮތުން ދެން ކުޅުނީ ނަތީޖާ ނެރުމަށް 15 މިނެޓުގެ ދެ ހާފެވެ. ސިޓީން ޗެލްސީގެ މައްޗަށް ކުރިހޯދީ އިތުރުވަގުތުގައި ވެސް ނަތީޖާ ނުނިކުތުމުން ޖެހި ޕެނަލްޓީގައި 3-4 ގެ ނަތީޖާއަކުންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމަށް ވެސް ވަނީ ލީޑު ނެގޫމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ސިޓީން ވަނީ މޮޅު ޑިފެންސެއް ކޮށްފައެވެ. މެޗުގައި ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސިޓީގެ ނިކޮލަސް އޮޓޮމެންޑީއަށެވެ. އޭނާ ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

ދެވަނަ ހާފް ފެށިގެން ޗެލްސީން އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައިވާއިރު، ލަނޑު ޖެހުމަށް އެޓީމުން ދިޔައީ ފުލުފުލުގައި ފުރުސަތުތައް ހޯދަމުންނެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ނުހިފެއެވެ.

މި ހާފްގައި ސިޓީއަށް ވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައިވާއިރު، އެޓީމަށް ވެސް އެ ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފްގައި ވެސް ދެޓީމަށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ސިޓީއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ފުރަތަމަ ބޯޅަ ކުރިޔަށް ފޮނުވާލީ ޗެލްސީންނެވެ. ޗެލްސީގެ ޖޯޖީނޯ ފޮނުވާލި މި ޕެނަލްޓީ ކާމިޔާބުވެފައިނުވާއިރު، ސިޓީގެ ގުންޑޮގަން ފޮނުވާލި ޕެނަލްޓީ އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.

ޗެލްސީގެ ދެވަނަ ޕެނަލްޓީ އަޒްޕިލިކުއެޓާ ކާމިޔާބުކުރިއިރު، ސިޓީގެ ދެވަނަ ޕެނަލްޓީ ސާޖިއޯ އަގުއެރޯ ވަނީ ކާމިޔާބު ކޮށްފައެވެ. ޗެލްސީގެ ތިންވަނަ ޕެނަލްޓީ އެމަސަން ކާމިޔާބުކުރިއިރު، ސިޓީގެ ތިންވަނަ ޕެނަލްޓީ ލީރޯއި ސާނޭއަށް ކާމިޔާބެއް ނުވެއެވެ.

ޗެލްސީގެ ހަތަރުވަނަ ޕެނަލްޓީ ޑޭވިޑް ލުއިޒްއަށް ކާމިޔާބުނުވިއިރު، ސިޓީގެ ބެނާޑޯ ސިލްވާ ވަނީ ހަތަރުވަނަ ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. ސިޓީ މޮޅުވި ޕެނަލްޓީ ކާމިޔާބުކުރީ ރަހީމް ސްޓާލިންއެވެ.

މިއީ ސިޓީން މި މުބާރާތް ޖައްސަޖައްސައިގެން ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. އެޓީމު ވަނީ މި މުބާރާތް ޖުމްލަ ހަފަހަރެއްގެ މަތިން ކާމިޔާބު ކޮށްފައެވެ. މުބާރާތް ޗެލްސީއަށް ކާމިޔާބު ކުރެވިފައިވަނީ ފަސް ފަހަރެވެ. މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ ލިވަޕޫލްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް