އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓުގެ ތަފްސީލު ހާމަކުރެވޭނީ، ލޯކަލް ކައުންސިލް އިންތިހާބު ނިމުމުން އާއްމު ކުރާ ރިޕޯޓުގާ ކަމަށާއި މިހާތަނަށް އެ ކޮމިޝަނުން ޚަރަދުކޮށްފައިވާ މިންވަރުވެސް ހާމަކުރެވެން ނެތް ކަމަށް އެ ކޮމިޝަނުން ހާމަކޮށްފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ބަޖެޓަށް ކަނޑައަޅާފައިވަނީ 40 މިލިއަން ރުފިޔާ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ބަޖެޓު ކަނޑައެޅުނުފަހުން ދެ ފަހަރެއްގެ މަތިން ވަނީ ކައުންސިލް އިންތިހާބު ފަސްކޮށްފަ އެވެ. މިހާރު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. މި ފަސްކުރުމާ ގުޅިގެން އިލެކްޝަނުން އިންތިހާބުގެ ކަންކަން ކުރުމަށް ނަގާފައިވާ ސްޓާފުންނަށް އިތުރު މަސްތަކުގައި މުސާރަ ދިނުމަށް ވަނީ ޖެހިފަ އެވެ. މީގެ އިތުރުން ވެސް އިދާރީގޮތުން ކުރަންޖެހޭ ކަންކަން ދިގުލައިގެން ދިއުމުން ވެސް އިތުރު ޚަރަދުތައް ކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ.
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެ އިދާރާ އިން ބުނީ އިންތިހާބަށް ކަނޑައަޅާފައިވާ ބަޖެޓް ކުޑަވިއަސް ނުވަތަ ބޮޑުވިއަސް އެކަން ހާމަކުރެވޭނީ އިންތިހާބު ނިމުމަށް ފަހުގައި ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރާ ހޭދަ އަދި ހާމަ ނުކުރެވޭނެ ކަަމަށް ވިދާޅުވެފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގާ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ޖުމްލަ 469 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ސިނާއީ މަސައްކަތްކުރާ ރަށްތަކާއި ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެތަނެއްގައި ވޯޓުލުމަށް މަދުވެގެން 100 މީހުން ރަޖިސްޓްރީވެފައިވާ ނަމަ ކަމަށާއި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ އެ ޤައުމެއްގައި ވޯޓުލުމަށް އެންމެ މަދުވެގެން 1،000 މީހުން ރަޖިސްޓަރީވެފައި ވާނަމަ ކަމަށެވެ. އަދި ރަޖިސްޓްރީ އޮންނަ ތަން ނޫން ތަނެއްގައި ވޯޓްލުމަށްޓަކައި ރަޖިސްޓްރީ ކުރަން ކޮމިޝަނުން ހުޅުވާލާ ފުރުސަތުގައި އެ އަދަދަށް ވުރެ މަދުން އެ ތަންތަނުގައި ވޯޓް ލުމަށް މީހުން ރަޖިސްޓްރީކޮށްފި ނަމަ، އެރަޖިސްޓްރޭޝަންތައް ބާތިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރާނެ ކަމަށް އެކޮމިޝަނުން މައުލޫމާތުދީފައިވެ އެވެ.
ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައި އޮތް ކައުންސިލް އިންތިހާބު ދެ މަސް ދުވަހަށް ފަސްކުރީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
ކައުންސިލް އިންތިހާބު ފަސް ކޮށްފައިވަނީ ވަކި ބަޔަކަށް މަންފާތަކެއް ހޯދާ ދިނުމަށް ކަމަށް އެމްޑީޕީގެ އިތުރުން ޕީޕީއެމްގެ މައުމޫން ޕެކްޝަނުން ވެސް ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކަމަށް ބުނެފަ އެވެ.