ކ. މާލެ
|
24 ފެބްރުއަރީ 2019 | އާދީއްތަ 12:10
ބާސާގެ ކުޅުންތެރިން އުފާފާޅުކުރަނީ
ބާސާގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: މެސީގެ ހެޓްރިކާއެކު ބާސާއިން ސެވިއްޔާ ބަލިކޮށްފި
ސެވިއްޔާގެ މައްޗަށް ބާސާއިން ކުރިހޯދީ 2-4 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގައި ލިއޮނެލް މެސީ ކާމިޔާބުކުރި ހެޓްރިކާއެކު، ބާސެލޯނާއިން ސެވިއްޔާ ބަލި ކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ސެވިއްޔާއާ ވާދަކޮށް ބާސާއިން މެޗު ކާމިޔާބު ކުރީ 2-4 ގެ ނަތީޖާއަކުންނެވެ.

ސެވިއްޔާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 22 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖީސަސް ނަވާސްއެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ބާސާގެ މެސީ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ސެވިއްޔާއިން ވަނީ މެޗުގެ ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑު 42 ވަނަ މިނެޓުގައި ކާމިޔާބުކުރީ މާކަޑޯއެވެ. މި ލަނޑަށްފަހު ވެސް ސެވިއްޔާއަށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

ފުރަތަމ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ބާސާގެ މައްޗަށް ސެވިއްޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބާސާއިން ވަނީ އަނެއްކާވެސް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 67 ވަނަ މިނެޓުގައި ކާމިޔާބުކުރީ މެސީއެވެ. މި ލަނޑާއެކު ބާސާއިން ވަނީ އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކޮށްފައެވެ.

އެގޮތުން 87 ވަނަ މިނެޓުގައި ބާސާއިން ވަނީ ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށް މެސީ ވަނީ އޭނާ ހެޓްރިކް މެޗުގައި ފުރިހަމަ ކޮށްފައެވެ. މިއީ އޭނާގެ ކެރިޔަރުގެ 50 ވަނަ ހެޓްރިކެވެ.

ބާސާގެ ހަތަރުވަނަ ލަނޑު އިތުރުވަގުތުގައި ކާމިޔާބު ކުރީ ލުއިސް ސުއަރޭޒްއެވެ. މި ލަނޑު ސުއަރޭޒް ޖެހީ މެސީގެ އެހީތެރިކަމާއެކުގައެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 25 މެޗުން ލިބުނު 57 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ސެވިއްޔާ އޮތީ ކުޅުނު 25 މެޗުން ލިބުނު 37 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް