ކ. މާލެ
|
24 ފެބްރުއަރީ 2019 | އާދީއްތަ 11:40
ބާންލީ އަދި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން
ބާންލީ އަދި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ބާންލީ އަތުން ޓޮޓެންހަމް ބަލިވެއްޖެ
ބާންލީއާ ވާދަކޮށް ޓޮޓެންހަމް ބަލިވީ 1-2 ގެ ނަތީޖާއަކުން

ޕްރިމިއާ ލީގުގައި ބާންލީ އަތުން ޓޮޓެންހަމް ހޮޓްސްޕާ ބަލިވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ޓޮޓެންހަމްއާ ވާދަކޮށް ބާންލީން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ބާންލީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ ޓޮޓެންހަމުންނެވެ. އެގޮތުން އެޓީމުން ވަނީ ބާންލީގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

މި ހާފްގައި ބާންލީއަށް ވެސް ވަނީ ލަނޑު ޖެހުމަށް މަދުން ނަމަވެސް ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާންލީންނެވެ. މި ލަނޑު 57 ވަނަ މިނެޓުގައި ޑިވައިޓްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ކްރިސް ވުޑްއެވެ.

މި ލަނޑާއެކު ޓޮޓެންހަމުން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން 65 ވަނަ މިނެޓުގައި ޑެނީ ރޯޒްގެ އެހީތެރިކަމާއެކު ހެރީ ކޭން ވަނީ ޓޮޓެންހަމްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ނަމަވެސް 83 ވަނަ މިނެޓުގައި ބާންލީން ވަނީ މެޗުގެ ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯހާން ގުޑްމުންޑްސޮންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އޭޝްލީ ބާންސްއެވެ. އޭނާ ވަނީ އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނު ހަތަރު މެޗުގައިވެސް ލަނޑު ޖަހާފައެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު 27 މެޗުން ލިބުނު 60 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން މޮޅުވި ބާންލީ އޮތީ ކުޅުނު 27 މެޗުން ލިބުނު 30 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 14 ވަނައިގައެވެ.

މިއީ ޕްރިމިއާ ލީގުގައި ބާންލީ ބަލިނުވެ ޖައްސަ ޖައްސައިގެން ހަމަކުރި 8 ވަނަ މެޗެވެ. އަދި މިއީ ޕްރިމިއާ ލީގުގައި 1966 ވަނަ އަހަރަށް ފަހު އެޓީމު ބަލިނުވެ މިހާގިނަ މެޗު އެއްކުރި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް