މިނީ ބްލޮގިންގ ވެބްޕްލެޓްފޯމް، ޓްވިޓަރ ހިންގާ ކުންފުނި، ޓްވިޓަރ އިންކޯޕަރޭޓެޑްގެ ހަތަރު ބާނީންގެ ތެރެއިން އެކަކު ކަމުގައިވާ އީވާން ވިލިއަމްސް އެ ކުންފުނީގެ ބޯޑުން އިސްތިއުފާދޭން ނިންމައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޓްވިޓަރގެ ބޯޑުން އީވާން އިސްތިއުފާ ދޭނީ މި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
މީގެ 12 އަހަރު ކުރިން ޓްވިޓަރ އުފެއްދުމުގައި އިސް ރޯލެއް ކުޅުނު އީވާން ވަނީ ޓްވިޓަރ ކުންފުނި އުފެދުނީއްސުރެ އެ ކުންފުނީގެ ބޯޑު މެންބަރެއްގެ މަޤާމު އަދާކޮށްފައެވެ. އަދި މީގެ ކުރިން އީވާން ވަނީ ޓްވިޓަރގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)ގެ މަޤާމުވެސް އަދާކޮށްފައެވެ.
އީވާން މިހާރު ގެންދަނީ އޮންލައިން ޕަބްލިޝިންގ ޕްލެޓްފޯމް، މީޑިއަމްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)ގެ މަޤާމު އަދާކުރަމުންނެވެ.
އިސްތިއުފާ ދިނުމާއި ގުޅޭގޮތުން އީވާން ކޮށްފައިވާ ޓްވީޓެއްގައި އޭނާ ބުނެފައިވަނީ، ވޭތުވެދިޔަ 12 އަހަރު ޓްވިޓަރގެ ބޯޑުގައި ޚިދުމަތްކުރުމުގެ ފުރުޞަތު ލިބުމަކީ ލިބުނު ނަސީބެއް ކަމަށެވެ. އަދި ބޯޑުގައި ހޭދަކުރި ދުވަސްތަކަކީ ދަތިތަކާއި ކުރިމަތިވި ނަމަވެސް ޝައުޤުވެރި އަދި ގިން ކަންތައްތަކެއް ދަސްވި ދުވަސްތަކެއް ކަމަށެވެ.
I'm very lucky to have served on the @Twitter board for 12 years (ever since there was a board). It's been overwhelmingly interesting, educational—and, at times, challenging.
— Ev Williams (@ev) February 22, 2019
އީވާންގެ އިތުރުން ޓްވިޓަރގެ ބާނީންގެ ތެރޭގައި ހިމެނެނީ އެ ކުންފުނީގެ މިހާރުގެ ސީއީއޯ ޖެކް ޑޯސީ އާއި، ޓްވިޓަރއަށް އެ ނަން ދިން ނޯއާ ގްލާސްގެ އިތުރުން އައިސާކް 'ބިޒް' ސްޓޯންއެވެ.
2006 ވަނަ އަހަރު ލޯންޗްކުރި ޓްވިޓަރ ބޭނުންކުރާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވެގެން ގޮސްފައިވާއިރު، ނިމިގެންދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ޕްލެޓްފޯމްގައި 335 މިލިއަން އެކްޓިވް ޔޫޒަރޒް ތިއްބެވެ.